ބޭންކް އޮފް މޯލްޑިވްސް

ހުޅުމާލެއަށް "ސިޓީ ބައިކް" ތައާރަފު ކުރަނީ

މާލޭ ސިޓީގެ ހުޅުމާލަށް ކުލީ ބައިސްކަލް ތައާރަފު ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

"ސިޓީ ބައިކް" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި ކުޑަ ކުއްޔެއްގައި އާންމުންނަށް ލިބޭނެ ގޮތަށް 300 ބައިސްކަލު ތައާރަފު ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެ ބައިސްކަލްތައް ހުޅުމާލޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ހުޅުމާލޭގައި ހާއްސަ ކުރާ އެކި ސަރަހައްދުތަކުގައި ޑޮކިން ސްޓޭޝަން ގާއިމްކޮށް، ބައިސްކަލު ޕާކް ކުރަން ޖާގަ ހަދާނެ އެވެ. އަދި ބައިސްކަލު ކުއްޔަށް ދޫކުރާނެ ސިސްޓަމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ނިޒާމެކެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި، ބައިސްކަލަކީ ތިމާވެއްޓާއި ރައްޓެހި ދަތުރުފަތުރުގެ ވަސީލަތެއްގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެދޭ ވަސީލަތެކެވެ.

މި ޕްރޮޖެކްޓަށް ބީއެމްއެލް އިން ފަންޑުކުރާއިރު ޕްރޮޖެކްޓް ހިންގާނީ އެޗްޑީސީ އާއި ގުޅިގެނެވެ.