ލަސްވެގެން އަންނަ ޖުލައި މަހުގެ ތެރޭގައި 29 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު ކެރަފާ އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ ހޮސްޕިޓަލަށް ގެންދިއުން ލަސްވެ އެ ކުއްޖާ މަރުވި މައްސަލާގައި އެމްބިއުލާންސްގެ ހިދުމަތް ލިބުން ވަރަށް ބޮޑަށް ލަސްވި ކަމަށް އެ އާއިލާ އިން ބުނެފައިވާ ވަގުތެއްގަ އެވެ.
މިޝްކާ މަރުވި މައްސަލަ ހޫނުވެ ނަސީމުގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވާލަމުން ދަނިކޮށް އޭނާ ރޭ ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި އެމްބިއުލާންސް މަދުވުމުން ކުއްލި ހާލަތްތަކުގައި ދިމާވާ މައްސަލަތައް އިތުރުކަން ފާހަގަކޮށް ނޫސްވެރިން ވަނީ އެމްބިއުލާންސް ހިދުމަތާ ގުޅޭގޮތުން ސުވާލުތައް ކޮށްފަ އެވެ.
އެމްބިއުލާންސާ ގުޅުންހުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ 96 އެމްބިއުލާންސް ގަންނަން މިހާރު އޯޑަރު ދީފައިވާނެ ކަމަށެވެ.
އެކަމަށް ދައުލަތުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. ނަމަވެސް އެމްބިއުލާންސް ގަންނަނީ ކޮން ގައުމަކުން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ނަސީމް ވިދާޅުވީ މިހާރު އޯޑަރު ދީފައިވާ އެމްބިއުލާންސްތައް އަންނަ ޖުލައި މަހުގެ ކުރީކޮޅު ނުވަތަ މި މަހުގެ ފަހުކޮޅު ލިބޭނެ ކަމަށެވެ. އޯޑަރު ދީފައިވާ އެމްބިއުލާންސްތައް ލިބުމުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެމްބިއުލާންސްގެ ހިދުމަތުގައި މައްސަލައެއް ދިމާ ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ މިހާލަތުގައި ކޮވިޑްގެ ކަންކަމުގައި ބޭނުން ކުރުމަށް މާލެ ސަރަހައްދުގައި ފަސް އެމްބިއުލާންސް އެބައޮތް ކަމަށެވެ. އެއީ މިވަގުތަށް އެކަށީގެންވާ އަދަދެއް ކަމަށެވެ.
"އީއެމްއެސްގެ ތިން އެމްބިއުލާންސް، އާރްއާރްޓީގެ އެއް އެމްބިއުލާންސް، ހުޅުމާލެ ހޮސްޕިޓަލްގެ އެއް އެމްބިއުލާންސް އަދި އައިޖީއެމްއެޗްގެ އެއް ބިއުލާންސް އެބަ ބޭނުން ކުރަން. މިއީ ރަނގަޅު އަދަދެއް ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ،" ނަސީމް ވިދާޅުވި އެވެ
ނަސީމް ވިދާޅުވީ މިޝްކާ މަރުވި މައްސަލައާއި ގުޅިގެން މާލެ ސަރަހައްދުގައި ކޮވިޑްގެ ކަންކަމަށް ހާއްސަ ކޮށްފައިވާ އެމްބިއުލާންސްތައް ކޮވިޑް ނޫން ކަންކަމުގައި ބޭނުން ނުކުރުމަށް ކަމާ ގުޅޭ ބޭފުޅުންނަށް މިހާރު އަންގަވާފައި ވާނެ ކަމަށެވެ.