ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުއްލި ހާލަތުގައި ގުޅާނެ ނަމްބަރެއް ހަމަޖައްސަނީ

Jun 5, 2021
6

ކުއްލި ހާލަތުގައި ގުޅާ ފަރާތްތަކަށް ޖަވާބު ދޭން ވަކި ނަންބަރެއް ހަމަޖެއްސުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

އެފަދަ ނަންބަރެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނީ ކޮވިޑް-19 ގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ފާތިމަތު މިޝްކާ މަރުވުމުގައި ކަން ހިނގާދިޔަ ގޮތް ބަލައި އެކުލަވާލި ރިޕޯޓްގަ އެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން ގާއިމުކޮށްފައިވާ ކޯލް ސެންޓަރަށް މިޝްކާގެ އާއިލާ އިން އަންގާރަ ދުވަހުގެ ރޭ ގުޅައި މިޝްކާގެ ހާލަތު ސީރިއަސް ކަމަށް އަންގާފައިވީ ނަމަވެސް މިޝްކާގެ ހާލު ސީރިއަސްކަމާއި އެހީތެރިކަން ބޭނުން ވެފައި އޮތް އަވަސް ކަން ބެލިފައި ނެތް ކަމަށެވެ.

މިޝްކާގެ ގޭ ދޮށަށް އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ދީފައިވާ ކަން ފާހަގަ ކޮށް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި އެމްބިއުލާންސް ހޯދުމަށް އާއިލާއިން ކުރި މަސައްކަތާއި ވަގުތުތައް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

މިޝްކާގެ މަރުގެ މައްސަލައިގެ ކަން ހިނގާދިޔަ ގޮތަށް ބަލައި އެފަދަ ދެވަނަ ހާދިސާއެއް ތަކުރާރު ނުވާނެހެން ފިޔަވަޅު ތަކެއް އަޅާނެ ކަމުގައި ރިޕޯޓްގައިވެ އެވެ. އެގޮތުން އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމްކޮށް ކުއްލި ހާލަތްތަކުގައި ގުޅާނެ ހާއްސަ ނަމްބަރެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަނީ ބުނެފަ އެވެ.