ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުންނާއި ހަތް އެއާޕޯޓެއް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ބަދަލުކޮށްފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ އެއާޕޯޓްތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށް ނިންމާލެވުނީ މާޗް މަހުގެ ތެރޭގައި ކަމަށެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ 320 މުވައްޒަފުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ދަށަށް ބަދަލުކޮށް ނިމުނީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ.
ފާޑުކިޔުންތައް އަމާޒުވެފައިވާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފައިވާ ހަތް އެއާޕޯޓަކީ ޏ. ފުވައްމުލައް، ގދ. މާވަރުލު، ގދ. ކާޑެއްދޫ، ހއ. ހޯރަފުށި ހދ. ކުޅުދުއްފުށި ށ. ފުނަދޫ އެއާޕޯޓްގެ އިތުރުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.
މި އެއާޕޯޓްތަކުގެ ތެރެއިން ކާޑެއްދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް ކުރީގެ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްލީ ގޯސްކޮށް ކަމަށްވާތީ ވިލާ ގުރޫޕަށް ކާޑެއްދޫ އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު ހުކުމް ކޮށްފަ އެވެ.
މިހުކުމާ ގުޅިގެން ފިނޭންސް މިނިސްޓްރީއާއި، ރައީސް އޮފީހާއި ބަންޑާރަނައިބް އޮފީހުން މިހާރު ގެންދަނީ ކާޑެއްދޫ މައްސަލާގައި ގާނޫނީ ގޮތުން އަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ.
ރިޒްވީ ވިދާޅުވީ ހަތް އެއާޕޯޓް އެ ކުންފުންޏަށް ލިބިފައިވާތީ އެއާޕޯޓްތަކުގެ ޖުމްލަ އަގު ދެނެގަތުމަށްޓަކައި ހާއްސަ އޮޑިޓެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިހާރު ކުރިއަށްދާ އިވެލުއޭޝަން މަސައްކަތްތަކަށް ފަހު އަންނަ ހަފްތާގެ ތެރޭގައި އޮޑިޓް ފާމަކާ މަސައްކަތް ހަވާލުކުރެވޭ ވަރު ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެއާޕޯޓްތަކުގެ އަގު އެނގޭނީ މިދަންނަވާހެން އޮޑިޓަށްފަހު. އެއާޕޯޓްތަކާ އަޅުގަނޑުމެން ހަވާލުވިއިރު އެކި ތަންތަން މިހުރީ އެކި ފެންވަރުގައި. ވަރަށް ގިނަ ބަދަލުތައް ގެންނަންޖެހޭ. ވަރަށް ގިނަ ވަސީލަތްތައް އެއާޕޯޓްތަކަށް ބޭނުންވެފައި ހުރީ،" އެއާޕޯޓްތަކުގައި ހުރި މައްސަލަތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ މިވަގުތު ހިންގަނީ ރީޖަނަލް އެއާޕޯޓްސް އަށް މިއަހަރު ފާސް ކުރި ބަޖެޓުންނެވެ. އެހެންކަމުން ކުންފުންޏަށް ފައިދާވާ ގޮތަށް އެއާޕޯޓްތައް ހިންގޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށާއި އެކަމާ ގުޅޭ ޕްލޭންތަކާއި ޕްރޮޕޯސަލްތައް ހަދާނެ ކަމުގައި ކުރިން މޯލްޑިވިއަންގައި ހުންނަވައިގެން އަމިއްލަފުޅަށް މުސާރަ ބޮޑު ކުރެއްވި އެމްޑީ ރިޒްވީ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތައް ވިޔަފާރި އުސޫލުން ހިންގަން ރީޖަނަލް އެއާޕޯޓްސް ކުންފުނި އުފެއްދީ މިދިޔަ ޖެނުއަރީ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ.