ޕީސީބީ

ކުންފުނިތައް ޕްރައިވެޓައިޒް ކުރަން ބޭނުންވާ ގަވައިދުތައް މިމަހު ނިމޭނެ

ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގައި ނިންމާލެވޭ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފި އެވެ.

އަވަސްއިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕިސީބީގެ ނައިބް ރައީސް އާސިމް މުހައްމަދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ދުރާލައި ހަދާފައި ހުރުން އެއީ އެ ބޯޑުން ކޮށްފައި ހުރުން މުހިއްމު މަސައްކަތަކަށް ވާނެ ކަމަށެވެ. ކަމާ ގުޅޭ ބައެއް ގަވައިދުތައް ކުރިންވެސް ހުރިއިރު އެފަދަ ގަވައިދުތައް އިސްލާހުކޮށް އާ ގަވައިދުތަކާއި އާ އުސޫލުތައް ހެދުމަކީ ވެސް ބޯޑުން ކުރަންޖެހޭ ކަމެއް ކަމަށް ފެނިގެން ގަވައިދުތަކެއް ހަދަނީ ކަމުގައިވެސް ވިދާޅުވި އެވެ.

"ނަމަވެސް ބޯޑުގެ މި މަސައްކަތަކީ ސަރުކާރުން ކުންފުނިތައް ޕްރައިވެޓައިޒްކުރަން ނިންމި ނިންމުމާއި ގުޅިގެން ކުރެވޭ މަސައްކަތެއް ނޫން ކަން ވެސް މިފުރުސަތުގައި ފާހަގަކޮށްލަން،" އާސިމް ވިދަޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް އެކަމުގައި ޕީސީބީއާ އަދި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމުގައި އާސިމް ވިދާޅުވި އެވެ. ސަރުކާރުން އެކަމުގެ މަޝްވަރާތައް ޕީސީބީއާ ކުރާނީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުގައި ސަރުކާރުން ގޮތްތަކެއް ނިންމުމަށްފަހު އެކަން ތަންފީޒު ކުރާ މަރުހަލާ އަށް އައުމުން ކަމުގައިވެސް ވިދާޅުވި އެވެ.

"ޕްރައިވެޓައިޒޭޝަން ބޯޑަކީ މިފަދަ [ޕްރައިވެޓައިޒް ކުރުމުގެ] އެއްވެސް ނިންމުމެއް ނިންމަ ފަރާތެއް ނޫން. ޕްރައިވެޓައިޒޭޝަން ބޯޑަކީ ގަވާއިދުތަކާއި އުސޫލުތަައް ހަދައި ރެގިއުލޭޓް ކުރާ ފަރާތް ވީމާ އަޅުގަނޑުމެން މިދަނީ ކަމާ ގުޅޭ އުސޫލުތައް ހަދަމުން،" އާސިމް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކަކީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ ދަރަނިވެރިވެފައިވާ ކުންފުނިތަކަކަށް ވާތީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ މިވަގުތު ކުރުން ރަނގަޅުކަމެއްތޯ ސުވާލުކުރުމުން އާސިމް ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއް ޕްރައިވެޓައިޒް ކުރާނަމަ އެންމެ ފުރަތަމަ ވެސް އާންމުންގެ މަސްލަހަތާއި އެ ކުންފުންޏަކާ ގުޅިފައިވާ މިންވަރެއް ސަރުކާރުން ބަލައި ވަޒަންކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ކުންފުންޏެއް ޕްރައިވެޓައިޒް ކޮށްގެން ފައިދާއެއް ނުވާ ހާލަތެއްގައި އަދި ފައިދާ ނުވާ ކުންފުންޏެއް ޕްރައިވެޓައިޒް ކުރަން ހުޅުވާލާނެ ކަމަށް ނުބެލެވޭ ކަމުގައިވެސް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް މިއަހަރުގެ ތެރޭގައި ޕްރައިވެޓައިޒް ކުރާނެ ކަމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޕްރައިވެޓައިޒް ކުރަން ނިންމާފައިވާ ކުންފުނިތަކާއި އަދި އެ މަސައްކަތް ރަސްމީކޮށް ފަށައިގަނެވޭނެ ވަކި ތާރީހެއް ވިދާޅުވެފައެއް ނުވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނާފައިވަނީ 32 ކުންފުންޏެކެވެ. މީގެތެރެއިން ހަތަރު ކުންފުނި ފިޔަވާ ބާކީ އޮތް 28 ކުންފުންޏަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުނިތަކެވެ. އަދި 22 ކުންފުންޏަކީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނިތަކެވެ.