ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގްސަން، މިސްބާހު މުހައްމަދު، ވިސާގެ މުއްދަތު ހަމަވެގެން ފުރޭނެ ގޮތެއް ނެތް ކަމަށް ބުނެ ޕާކިސްތާންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ދިޔަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޕާކިސްތާންގައި ހުންނަ ދިވެހި އެމްބަސީއަށް މިސްބާހް ދިޔަ ކަން ހާމަވެފައި މިވަނީ ބޭރުގެ ޑްރަގް ނެޓްވޯކެއްގެ އަތްދަށުގައި ރަހުނު ކުރެވޭ މުދަލެއް ގޮތަށް މިސްބާހް ބަހައްޓާފައި ހުރި ކަމަށް ދިވެހި ފުލުހުން އިއްޔެ ހާމަކޮށްފައި ވަނިކޮށެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ދިވެހި އެމްބަސީއަށް މިސްބާހް ދިޔައީ މިދިޔަ މާޗް މަހުގެ ތެރޭގައި ކަމަށެވެ.
މިއުވާން ވިދާޅުވީ ވިސާގެ މުއްދަތު ހަމަވާތީ އެފަދަ މައުލޫމާތު ހޯދަން ބައެއް ދިވެހިން އެމްބަސީތަކަށްދާ ކަމަށެވެ. އެ އުސޫލުން މިސްބާހް ވެސް އެމްބަސީއަށް ދިޔަ ކަމަށް ބަލައި ވިސާގެ މުއްދަތު ހަމަވުމުން އަމަލުކުރާނެ ގޮތް އެމްބަސީގެ މުވައްޒަފުން އޭނާ އަށް ކިޔައިދިން ކަމަށެވެ. އެކަމަކު އޭގެ ފަހުން އޭނާ އެމްބަސީއަށް ގޮސްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިސްބާހް އެމްބަސީގައި ބުނެފައެއް ނެތް ހާލުގައި ޖެހިގެން އުޅޭ ކަމަކަށް. އޭނާ ހާލުގައި ޖެހިގެން އުޅޭކަން އެނގޭނަމަ ހަމަ ޔަގީނުންވެސް އެހީތެރިކަން ފޯރުކޮށްދޭނެ،" މިއުވާން ވިދާޅުވި އެވެ.
މިސްބާހުގެ މައްސަލާގައި ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 25 އަހަރުގެ މިސްބާހު ހުރީ ޕާކިސްތާނުގައި ކަމަށެވެ.
މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހެޅުމުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.
އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށް ބަޔާނުގައިވެ އެވެ. އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު 8، 2020 ވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދިވެހި ފުލުހުން ހައްޔަރުކޮށްފަ އެވެ.
އިރުފާން ތަގިއްޔު އާއި މިސްބާހް ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ އިރުފާން ތަގިއްޔު ދުއްވާ ކާރެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވެއެވެމޯލްޑިވްސް ޕޮލިސް ސާވިސްގެ ބަޔާން | ޖޫން 2، 2021
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އިރުފާން ތަގިއްޔު ވަނީ ނޮވެމްބަރު 22، 2020 ވަނަ ދުވަހު އެމިރޭޓްސްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާ ނަމަވެސް، އިރުފާން ތަގިއްޔުއާ އެކު މިސްބާހް ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި މިސްބާހް ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށްވެސް ބުނެފައިވެ އެވެ.
"..އެހެންކަމުން މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރާ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،"
އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަހުގީގު ނިންމައި މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ، ފެބްރުއަރީ 14 ގައި ވަނީ ދައުވާ އުފުލާފަ އެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
ފުލުހުން ބުނީ މިސްބާހް މުހައްމަދު ފުރާފައިވާ ތާރީހަކީ ނޮވެމްބަރު 19، 2020 ކަމަށް މީގެ ކުރިން ބުނެފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ.