ފޮރިން މިނިސްޓްރީ

އޮޕަރޭޝަނެއް ކުރިއަށް ދިޔަ ނަމަވެސް ކަންބޮޑުވާންޖެހޭ ކަމެއް ނެތް

ސިފައިންނާއި ފުލުހުން ގުޅިގެން ރޭ މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ނެތް ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ރޭ 11:00 ޖަހަނިކޮށް ފުލުހުންނާއި ސިފައިން ފެށި އޮޕަރޭޝަންގައި ފުލުހުން އެންމެ ފުރަތަމަ ހުއްޓުވީ ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި ދަތުރުކުރަމުން ދިޔަ މީހެކެވެ. އޭގެފަހުން އެ ޕިކަޕާއި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށްފަހު ފުލުހުން އެމީހާ ހައްޔަރުކުރި އެވެ.

މީގެއިތުރުން މި އޮޕަރޭޝަންގައި ގ. ޝަބްނަމީ ގޯޅީގައި ހުންނަ ޕްރެސައިޑު ކިޔާ ގެއަކާއި، ހެންވޭރުގައި ހުރި ގަރާޖަކާއި ހުޅުމާލޭގައި ހުންނަ ވިނަރެސް ޓަވަރުގެ އެޕާޓްމަންޓެއްވެސް ފުލުހުން ބަލައި ފާސްކޮށްފައިވެ އެވެ.

މި އޮޕަރޭޝަންގެ ތެރެއިން ރޭގެ ވަގުތެއްގައި ތިން މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ ވަނަވަރު އަދި ކުރާ ތުހުމަތު ފުލުހުން ހާމައެއް ނުކުރެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންނާއި ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ އިންޓެލިޖެންސް ރިޕޯޓުތަކުގެ މައްޗަށް ބިނާކޮށް، ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އާންމުކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި އެކަމަކު ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމުގެ ޔަގީންކަންވެސް ބަޔާނުގައި ދީފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެއަކީ އެންމެންނަށްވެސް ރައްކާތެރި ގައުމަކަށް ހެދުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކުން އަވަސް ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

ފުލުހުންނާއި ސިފައިން ކުރިއަށް ގެންދަނީ ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.