ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިއުޓީ ފްރީ ފިހާރައަކުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ބޭރުކުރުމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23 އ) އެވެ.

ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކުރި ނަމަވެސް ސިނގިރޭޓް ބޭރުކުރަން އޭނާ މަސައްކަތް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ވީއައިއޭގައި ޑިއުޓީ އަދާކުރަމުންދާ އައިހަމްގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.

ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރުމުގެ ތުހުމަތުގައި އިއްޔެ ރޭ ވަނީ އާންމު މީހަކާއި ފުލުހަކުވެސް ހައްޔަރުކޮށްފަ އެވެ. އެކަމަކު އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުން ދޫކޮށްލާފަ އެވެ.

ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، (38 އ) އާއި އެމްއޭސީއެލްގެ މުވައްޒަފެއް ކަމަށްވާ މ. ސިލްވަނެސްޓް، އަހްމަދު އަފްޒަލް (45 އ) އެވެ.

ފުލުސް މީހާގެ މައްސަލަ ބަލަމުންދާތީ އޭނާ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން މައުލޫމާތު ދީފައިވެ އެވެ.