މޯލްޑިވްސް ޕޮލިސް ސާވިސް

ރާއްޖެއަށް ވަޒަން އެތެރެކުރި އިޒްރޭލު މީހަކު ފުރުވާލައިފި

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުއްޓާ ވަޒަންތަކަކާ އެކު އިޒްރޭލުގެ ފަތުރުވެރިޔަކު ހައްޔަރުކޮށްފި އެވެ.

އަވަސް އެނގިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ އިޒްރޭލުގެ ފިރިހެނެކެވެ. އޭނާ ރާއްޖެ އައީ އަންހެނުންނާ އެކު ޗުއްޓީ އަށެވެ.

ވީއައިއޭގައި ހަރަކާތްތެރިވާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އޮފިސަރުން ފަތުރުވެރިޔާގެ ދަބަސް ޗެކް ކުރިއިރު އެ ދެ ބަހުން 15 ވަޒަން ފެނިފައިވާ ކަމަށް އެނގިފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން މީޑިއާ އޮފިސަރު ވިދާޅުވީ ވީއައިއޭ އަށް ފުރަން ގޮސް ހުރި ފަތުރުވެރިޔެއްގެ އަތުން ވަޒަންތަކެއް ފެނިގެން ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުގެ ފަތުރުވެރިޔާ ފުރުމުގެ ހުއްދަ ދިނުމުން އޭނާ ފުރައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފަތުރުވެރިޔާ އަށް އެއްވެސް ފިޔަވަޅެއް އެޅި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ. އެކަމަކު އެމީހާގެ އަތުން ފެނުނު ވަޒަންތައް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންގެ އަތުން މީގެކުރިންވެސް ވަޒަން ފެނިފައިވެ އެވެ. އަދި އެފަދަ ބައެއް ފަތުރުވެރިން ރާއްޖެއަށް ނާދެވޭ ގޮތަށް މުޅި އުމުރަށް ޑީޕޯޓްވެސް ކޮށްފައިވެ އެވެ.