ހަބަރު

އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކުރީ ބިރެއް އޮވެގެނެއް ނޫން: ފުލުހުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ އެއްވެސް ނުރައްކަލެއް އިންޒާރެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަނީ އެއާޕޯޓަށް ދާ ބްރިޖް ސަރަހައްދުގައި ހާއްސަ ޗެކް ޕޮއިންޓެއް ބަހައްޓާފަ އެވެ. އަދި ސިފައިން އެއާޕޯޓްގައި ހަރަކާތްތެރިވާ މިންވަރު ވަނީ އިތުރުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެއާޕޯޓްގައި މިރޭ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވަނީ ސަލާމަތީ ބާރުތަކުން ހެދި ސެކިއުރިޓީ އެސެސްމެންޓަކާ ގުޅިގެން އެކަހަލަ ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކަމަށެވެ.

"މިއީ ވަކި ހާއްސަ ތްރެޓަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ނޫން،" އިޒްމިއާ ވިދާޅުވި އެވެ.

އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްގެ އޮފިޝަލަކު މިރޭ އަވަސްއަށް ވިދާޅުވީ އެއާޕޯޓްގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫ އަރާ ފަދަ ކަމެއް ނެތް ކަމަށެވެ. އެއާޕޯޓް އޮތީ އާންމު ހާލަތުގައި ކަމަށާއި އެއްވެސް ފަސެންޖަރަކަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް ނެތް ކަމަށެވެ.