ހަބަރު

ސީރިއާގެ ކޭމްޕެއްގައި ތިބި ދިވެހިން ކަމަށް ބުނާ ލިސްޓުގެ ސައްހަކަން ބަލަނީ

Apr 30, 2019
5

ހަނގުރާމަވެރި ދީނީ ހަރުކަށި ފިކުރުގެ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅެން ސީރިއާއަށް ގޮސްތިބި ދިވެހިންތަކެއް މިހާރު އެގައުމުގައިހުރި ރެފިއުޖީ ކޭމްޕެއްގައި ތާށިވެފައިތިބިކަމަށް ބުނެ ދައުރުވަމުންދާ ލިސްޓެއްގެ ސައްހަކަން ބަލަމުންދާކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން (އެންސީޓީސީ) މިއަދު ބުނެފި އެވެ.

ސީރިއާގެ އިރު އުތުރުގައި އޮންނަ އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ ދިވެހިންކަމަށް ބުނެ އެ މީހުންގެ މައުލޫމާތުތައް ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ލިސްޓުގައި ޖުމްލަ 33 މީހެއްގެ ނަން ހިމަނާފައިވާއިރު، ހަނގުރާމައިގެ ތެރެއަށް އުފަންވެފައިވާކަމަށް ބުނާ 12 ކުޑަކުދިންގެ މައުލޫމާތު ވަނީ ހިމަނައިފަ އެވެ. އެ ލިސްޓުގައި ތިބި އަންހެނުންނަކީ ސީރިއާގެ ހަނގުރާމައިގާ ބައިވެރިވާން ދިއަ ދިވެހިންގެ އަނބިންކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ހަނގުރާމައިގާ ފިރިމީހާ މަރުވުމުން، އެހެން މީހުންނާ ކައިވެނިކުރަން މަޖުބޫރުވެ، ހާލުގައި ޖެހިފައިތިބި މީހުންކަމަށް ވެސް ދަނީ ބުނަމުންނެވެ. އެ ލިސްޓުގައި ހިމަނާފައިވާ ބައެއް މީހުންގެ ނަމުގެ އިތުރުން، އެޑްރެހާއި އައިޑީ ކާޑު ނަންބަރުތައް ހިމަނާފައިވާއިރު، ބައެއްް މީހުންގެ މައުލޫމާތުނެތްކަމަށް ވެސް އެ ލިސްޓުގައި ލިޔެފައިވެ އެވެ.

އެ ލިސްޓާ ގުޅޭގޮތުން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ބްރިގޭޑީއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު "އަވަސް"އަށް ވިދާޅުވީ އެ ލިސްޓުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ހަނގުރާމައަށް ގޮސްތިބި ބައެއް ދިވެހިން އަނބުރާ ގެނެސްދިނުމަށް އެމީހުންގެ އާއިލާތަކުން އެދެމުންދާކަމަށް ސަރުކާރުން މިއަހަރު ކުރީކޮޅު ބުނެފައިވެ އެވެ. ނަމަވެސް، ހާއްސަކޮށް ހަނގުރާމައިގެ ތެރެއަށް ވިހައި، މައުސޫމް ކުދިންގެ ރައްޔިތުކަން ކަށަވަރު ކުރުމަށް ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށް މަންސޫރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

"އެކި ޕްލެޓްފޯމުތަކުގައި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. އޭގެ ތެރޭގައި، ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެމީހުންގެ ރައްޔިތުކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް ހިމެނޭ،" ސީރިއާގައި ތާށިވެފައިތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައިވޭތޯ ސުވާލުކުރުމުން މަންސޫރު މިއަދު ވިދާޅުވި އެވެ.

ސީރިއާ އަދި އިރާގުގައި އައިއެސް އިން ކުރަމުންދިއަ ހަނގުރާމަ ނާކާމިޔާބުވުމުން، އެ ޖަމާއަތުގެ އެތަކެއް ހާސް ހަނގުރާމަވެރިން ވަނީ އަމާންދީފަ އެވެ. އެފަދަ ހަނގުރާމަވެރިން މިހާރު ޖަލުތަކުގައިތިބި އިރު، އެމީހުންގެ އަނބިދަރިން ބައިތިއްބާފައިވަނީ އަލް-ހޯލް ރެފިއުޖީ ކޭމްޕުގަ އެވެ.

ކާބޯތަކެއްޗާއި، ބޭސް ލިބުމުގެ ދަތިތަކާއެކު ވަރަށް ބިކަ ހާލުގައި 70،000 އަށް ވުރެ ގިނަ މީހުން އަލް-ހޯލް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.