ޓެކްސް

ޓެކްސް އިސްލާހުތަކުގައި ކަންބޮޑުވާ އެތައް ކަމެއް

Jun 3, 2021
5

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށާއި އަދި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ މަގުސަދުގައި، ޒަމާނީ ޓެކުހުގެ ނިޒާމެއް ރާއްޖެއަށް 2010 ވަނަ އަހަރު ވަނީ ތައާރަފު ކޮށްފަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކާއި ހިލާފަށް ރާއްޖޭގެ ޓެކުހުގެ ނިޒާމު ތައާރަފުވެގެން ގޮސްފައި ވަނީ ވަރަށް ކުރު މުއްދަތެއްގަ އެވެ. ކުރު މުއްދަތެއްގައި ކާމިޔާބު ކަމާއެކު ޓެކުހުގެ ނިޒާމު ރާއްޖޭގައި ތަންފީޒު ކުރުމުގައި ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ކޮށްފައިވާ ބުރަ އަދި އުނދަގޫ މަސައްކަތަކެވެ. ޓެކުހުގެ ނިޒާމެއް ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށްޓަކައި އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް، ހާލަތާއި ވަގުތަށް ރިއާޔަތްކޮށް ގެނައުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެކަން ހިނގަމުންދާ ގޮތެވެ.

ރާއްޖޭގެ ޓެކުހުގެ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ހަދާފައިވާ ގާނޫނުތަކަށް ބަދަލު ގެނައުމާއި އަދި އަލަށް އިތުރު ޓެކްސްތައް ތައާރަފު ކުރުމަށްޓަކައި އިތުރު ގާނޫނު ހެދުމަކީ އާންމުކޮށް ކުރަމުންދާ ކަމެކެވެ. ވަށާޖެހޭ ޓެކުހުގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 2019 ވަނަ އަހަރު އަމަލުކުރަން ފެށި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި މިބިލްގެ ދެން އޮންނާނީ ބަހުސްކުރުމުގެ މަރުހަލާ އެވެ.

ކައިވެނީގެ ހަދިޔާއަށްވުރެ ކަންބޮޑުވާ އެތައްކަމެއް

މަޖިލީހަށް މި ބިލް ހުށަހެޅުމާއެކު ނޫސްތަކުން އެންމެ ބޮޑަށް ކަވަރު ކުރީ ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގުމަށް ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅި ވާހަކައިންނެވެ.

ސަރުކާރުން ހުށަހަޅައިފައިވާ ބިލް ދިރާސާ ކޮށްލުމުން ކައިވެނީގެ ހަދިޔާ އާއި ގުޅޭ އިސްލާހާއި މެދު ކަންބޮޑުވުމަށް ވުރެ، ރައްޔިތުން ކަންބޮޑުވާން ޖެހޭ އެތައް އިސްލާހެއް ބިލުގައި ހިމަނާފައިވާ ކަން ފާހަގަކުރެވެ އެވެ. އެގޮތުން ފުރިހަމަ ޓެކުހުގެ ނިޒާމެއްގެ އެންމެ އަސާސީ އެއް ސިފަ ކަމުގައިވާ، ޓެކްސް ދައްކާ ފަރާތްތަކުގެ މެދުގައި ހަމަހަމަ ކަމާއިއެކު އަމަލު ކުރުމުގެ އަސާސަށް ލޮޅުން އަރާފަދަ އަދި ވަކި ބަޔަކަށް ޖާއިޒު ނޫން މަންފާތަކެއް ލިބިދޭ އިސްލާހުތަކެއް ބިލްގައިވެ އެވެ.

ބޭރުގައި އުޅޭ ޑިޕްލޮމެޓުންގެ އިނާޔަތުން ޓެކްސް ނުނެގުން

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ގޮތުގައި މާއްދާއެއް ހިމެނުމަށް ސަރުކާރުން ހުށަހަޅައިފައިވާ ބިލުގައި ވަނީ ހިމަނާފަ އެވެ. ގާނޫނުގެ 12 ވަނަ މާއްދާއަކީ ޓެކްސް ނެގުމުން އިސްތިސްނާވާ އާމްދަނީ ނުވަތަ ޓެކްސް ބިނާ ކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އާމްދަނީއެއްގެ ގޮތުގައި ހިމަނަން ނުޖެހޭ އާމްދަނީ ބަޔާންކޮށްފައިވާ މާއްދާ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމެޓުންނަށް، އެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ލިބޭ އިނާޔަތަކީ އެ ޑިޕްލޮމެޓުންގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ހިމަނަން ނުޖެހޭނެ އިނާޔަތަކަށް ވެގެންދާނެ އެވެ. ދިވެހިރާއްޖޭން ބޭރުގައި ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ މީހުންނަކީ ދައުލަތުގެ ބަޖެޓުން އެތައް އިނާޔަތެއް ލިބެމުންދާ ބޭފުޅުންނެވެ. އެގޮތުން ދިރުއުޅޭ ތަނާއި، ކެއިންބުއިމާ، ދަތުރުފަތުރު އަދި ފެންވަރު ރަނގަޅު ސުކޫލުތަކަށް ކުދިން ވައްދައިގެން ކިޔަވާ ދިނުމަށް ހިނގާ ހަރަދަކީ ދައުލަތުގެ މާލިއްޔާ އިން އެފަރާތްތަކަށް ދެމުންދާ ބޮޑެތި އިނާޔަތްތަކެކެވެ.

އަތޮޅުތަކުގެ ތެރެއިން ވަޒީފާ އަދާ ކުރުމަށް އާއިލާއާއެކު މާލެއަށް ދިރިއުޅުން ބަދަލު ކުރަން މަޖުބޫރުވެފައިވާ ނިކަމެތި ރައްޔިތުންނަށް، އެ ރައްޔިތުން ވަޒީފާ އަދާކުރާ ކުންފުންޏަކުން ދެމުންދާ މިފަދަ އިނާޔަތްތަކަކީ ޓެކްސް ބިނާ ކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ނެގޭ އާމްދަނީ އަކަށް ވެގެންދާއިރު، ޑިޕްލޮމެޓުންނަށް ދައުލަތުގެ މާލިއްޔަތުން ލިބެމުންދާ ބޮޑެތި އިނާޔަތްތަކަށް ޓެކްސް އިން އިސްތިސްނާ ދިނުމަކީ، އިންސާފާ ހަމަހަމަ ކަމުގެ އެއްވެސް މިންގަނޑަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ވަކި މަޝްރޫއުތަކަކަށް ޓެކުހުން އިސްތިސްނާ ދިނުން

ސަރުކާރުން ހުށަހަޅައިފައިވާ ބިލުގައި ބަޔާން ކޮށްފައި ވަނީ ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމުގަ އެވެ. އެގޮތަށް އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބިދޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ. ވަކިވަކި ވިޔަފާރިތަކެއް ޓެކުހުން އިސްތިސްނާކޮށް ހަމަ އެފަދަ ވިޔަފާރިކުރާ އެހެން ފަރާތްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހުމަކީ ހަމަހަމަކަމުގެ އުސޫލާ ބީރައްޓެހި ގޮތެކެވެ.

ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނު އިސްލާހުވެ އަމަލު ކުރަން ފަށައިފިނަމަ އެކަން ވެގެން ދާނީ ކޮރަޕްޝަންގެ ބަލިމަޑުކަން އިންތިހާއަށް އޮތް މިރާއްޖޭގައި ކޮރޮޕްޝަނަށް އިތުރަށް ހުޅުވިގެންދާ ދޮރަކަށެވެ. އަދި އެކަން ވެގެން ދާނީ ވަކިބަޔަކަށް މަންފާކުރާ ގޮތަށް ގާނޫނުތައް އިސްލާހުކޮށް، ޖޫރިމަނާއާއި ބައެއް ކަހަލަ ލުއިތައް ސަރުކާރުތަކުން ދެމުންދާ ކަމަށް ރައްޔިތުން ކުރަމުންދާ ތުހުމަތުގެ ބޮޅަށް އިތުރުވެގެންދާނެ ކަމަކަށެވެ.

ބޭރުގެ ކުންފުނިތަކުން ދައްކަންޖެހޭ ވިތްހޯލްޑިން ޓެކުހަށް ލުއި ދިނުން

ބޭރުގެ ކުންފުނިތައް ދިވެހިރާއްޖެއަށް އައިސް ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށްފަހު އެއްވެސް ޓެކުހެއް ނުދައްކާ ނުވަތަ ނިސްބަތުން ކުޑަ ޓެކުހެއް ދެއްކުމަށްފަހު ރާއްޖެ ދޫކޮށްދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ކުރިން އަމަލުކުރަމުންދިޔަ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލުކުރަމުން ދިޔައިރު މި މައްސަލައަކީ އިންތިހާއަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގައި ހިމަނާފައިވާ ހައްލަކީ އެފަދަ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ކުރިން 10 އިންސައްތައިގެ އަދަދެއް ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ކެނޑުމަށްފަހު އެ ފައިސާ ދައްކާ ފަރާތުން މީރާއަށް އެ އަދަދު ދެއްކުމެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ކުރިން 10 އިންސައްތަ ނަގަމުން ގެންދިޔަ ޓެކްސް ފަސް އިންސައްތަ އަށް ކުޑަ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ބޭރުގެ ބައެއް ކުންފުނިތަކުން ވިތްހޯލްޑިން ޓެކްސް ދެއްކުމުން އިސްތިސްނާ ހޯދުމަށް މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށް ނޫސްތަކުން މީގެ ކުރިން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މިފަދަ އިސްލާހެއް ސަރުކާރުން ހުށަހެޅުމަކީ ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޓެކުހުގެ ނިޒާމު އެފަރާތްތަކުން ބޭނުންވާ ގޮތަށް ބައްޓަން ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ރުހުން ދިން ކަމުގެ ނުރަނގަޅު ސިގުނަލެކެވެ. ވީމާ މިއީ ހުރިހާ ޓެކުހެއް ދައްކައިގެން ވިޔަފާރި ކުރަމުންދާ ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކަށް މި ސިނާއަތުގައި މަސައްކަތް ކުރުމަށް އިތުރު ހުރަހަކަށް ވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ބައެއް އިސްލާހުތަކުން ދައުލަތުގެ އާމްދަނީއަށް ނުރަނގަޅު އަސަރު

ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑްގެ މުސީބާތުގެ ސަބަބުން ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން ވަނީ ދަށަށް ގޮސްފަ އެވެ. ކުރިން އަންދާޒާކޮށްފައި ނުވާ އެތައް ހަރަދެއް ދައުލަތުން ކުރަންޖެހި ދައުލަތުގެ ބަޖެޓް ޑެފިސިޓް އިންތިހާއަށް ވަނީ އިތުރުވެފަ އެވެ. މިފަދަ ވަގުތެއްގައި ޓެކުހުގެ ގާނޫނަށް ގެނެވޭ އިސްލާހުގެ ބޭނުމަކަށް ވާންވާނީ ޓެކުހުގެ ނިޒާމު ފުރިހަމަވެ އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅޭ ބާރަކަށެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ބެލުމުން ދައުލަތުގެ އާމްދަނީއަށް ނުރަނގަޅު އަސަރުކުރާނެ އިސްލާހުތަކެއް ހިމެނޭ ކަމަށް ފާހަގަކުރެވެ އެވެ.

އެގޮތުން ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަތުން މިހާރު ލިބެމުންދާ ޓެކްސް އެތައް ގުނައަކަށް ކުޑަވެގެންދާނެ އެވެ. އަދި މިހާރު ޓެކްސް ދައްކަންމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ޓެކްސް ދައްކަންޖެހޭ ފަރާތްތަކަކަށް ޓެކްސް ދެއްކަން އިސްތިސްނާ ވުމުން އެ އިސްތިސްނާ ނުލިބުނުނަމަ ދައުލަތަށް ލިބެން އޮތް އާމްދަނީ ގެއްލިގެންދާނެ އެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގެ ފަރާތްތަކުގެ އަތުން ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ނަގަމުންދިޔަ ބައެއް ޓެކްސް 50 އިންސައްތަ އަށް ކުޑަވެގެންދާނެ އެވެ. އަދި ހަމައެއާއި އެކު ރޯޔަލްޓީ އާއި ރީއިންޝުއަރެންސް ޕްރިމިއަމްގެ މާނައަށް ގެނެވޭ އިސްލާހުގެ ސަބަބުން އެއިން ލިބެމުންދިޔަ ވިތްހޯލްޑިން ޓެކްސް އެތަށް ގުނައަކުން ދައްވެގެންދާނެ އެވެ. ކުރުކޮށް ބުނާނަމަ ސަރުކަރުން މިހާރު ހުށަހަޅާފައިވާ އިސްލާހު ތަކަކީ ދައުލަތުގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ނުރަނގަޅު އިސްލާހުތަކެކެވެ.

ޓެކުހުގެ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ އޭގެ ޒާތުގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. އަދި އެއީ އެކަން ހިނގަމުންދާންޖެހޭނެ ގޮތްވެސްމެ އެވެ. ނަމަވެސް ވަކިބަޔަކަށް ނާޖާއިޒު މަންފާތަކެއް ލިބޭގޮތަށް އަދި ޓެކްސްދައްކާ ފަރާތްތަކުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލޭ ގޮތަށް ޓެކްސްގެ ގާނޫނުތައް އިސްލާހުކުރުމަކީ، ޅަފަތުގައި މިވާ ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމަށް ޓެކްސް ދައްކާ މީހުން ކުރަމުންދާ އިތުބާރު ގެއްލޭނެ ކަމެކެވެ. އަދި ބައިނަލްއަގްވާމީ މާލީ ޖަމިއްޔާތަކުގެ ނުރަނގަޅު ފާޑުކިއުން އަމާޒުވެ، ޓެކުހުގެ ނިޒާމު ފުރިހަމަވުމުގެ ބަދަލުގައި އެ ނިޒާމަށް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ކައިވެނީގެ ހަދިޔާއިން ޓެކްސް ނެގުމުގެ މައްސަލައަށް ވުރެ މާ ސީރިއަސް ކަންތައްތަކެއް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގައި ހިމެނެ އެވެ.