އިމްތިޔާޒު ފަހުމީ

ޑިފެންސުން އުޅެނީ އިންކްއަރީއަށް ހުރަސް އަޅަން: އިންތި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހަމަލާއެއް ދިން އިރު ސިފައިން ދެމުންދިޔަ ސެކިޔުރިޓީ ބްރީޗްވި ގޮތް ބަލާ އިންކުއަރީއަށް ގައުމީ ދިފާއީ ބާރުން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ވަކިވަކި ސިފައިން ކޮމެޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިންގޭން އެންގުމާއި ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ފާޑުވިދާޅުވެއްޖެ އެވެ.

ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ކަމަށް އަންގާ މިއަދު ޑިފެންސް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނާއި ގުޅިގެން އިމްތިޔާޒު ވިދާޅުވީ އެއީ މަޖިލީހުގެ އިންކުއރީއަށް ހުރަސް އެޅުން ކަމަށެވެ.

އިމްތިޔާޒު ވަނީ އެ ބަޔާނުގައި ބައެއް އިބާރާތްތަކާމެެދުވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ބަޔާން ފައްޓަވަމުން ރައީސް ނަޝީދަށް "ދެވުނު ހަމަލާ" އެހެން ލިޔެފައިވާތީ އިންތި އެކަން ފާހަގަކުރެއްވިއެވެ. އަދި ބަޔާނުގައި އޮތީ ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ ނުވުމަށް ކަމަށާ ފިލައިގެން ތިބެ މީޑިއާއަށް މައުލޫމާތު ދިނަސް ހެޔޮ ކަމަށް ވިދާޅުވެ އިންތި ވަނީ ޑިފެންސްގެ ބަޔާނަށް ފާޑުވިދާޅުވެފައެވެ.

ޑިފެންސުން މިއަދު ނެރުނު ދިގު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑްގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ކަމަށާ އަދި ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް މުއައްސަސާއިން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގައި އެ އުސޫލުތަކާ ހިލާފަށް އަމަލު ކުރުމަށް ސިފައިންގެ މައްޗަށް ލާޒިމްކުރާ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތް ކަމަށާ މި ނިންމުމަކީ ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ދީފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލާގައި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ނިންމީ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ހަދާށެވެ. އަދި ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމާނެ އެވެ. އެ ކޮމެޓީގެ އިންކްއަރީގެ ތެރޭ އެ ކޮމިޓީން ފާހަގަކުރެވޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ގޮތު ހިމަނާނެ އެވެ.