ފިނިޕޭޖް

ޝާހުއާ ވައްތަރު މީހަކު ފެނި ފޭނުން މޮޔަވަނީ

ސޯޝަލް މީޑިއާގެ މި ޒަމާނުގައި ބޮލީވުޑް ތަރިންނާ ވައްތަރު މީހުނަށް ވަރަށް ގިނަ ފަހަރަށް ހީ ނުކުރާވަރުގެ މަގުބޫލުކަމެއް ލިބެ އެވެ. އެމީހުންގެ ފޮޓޯތައް އިންޓަނެޓުގައި ވައިރަލް ވެގެންނެވެ. މިހާތަނަށް އަމީތާބު ބައްޗަން، އައިޝްވަރިޔާ ރާއީ، ކެޓްރީނާ ކައިފް އަދި ޕްރިޔަންކާ ޗޯޕްޅާ ފަދަ އެކްޓަރުންނާ ވައްތަރު މީހުން އެގޮތަށް މަޝްހޫރު ވެފައިވެ އެވެ. އެންމެ ފަހުން ފެނިގެން އުޅެނީ ޝާހްރުކް ޚާނާ ވައްތަރު މީހެކެވެ.

އިބްރާހީމް ގަދްރީ ކިޔާ މީހެއްގެ އިންސްޓަގްރާމް އެކައުންޓުން އޭނާ ޝެއާ ކޮށްފައިވާ ފޮޓޯތަކަކުން ފެންނަ ގޮތުގައި އިބްރާހީމް އާއި ޝާހް ރުކް ޚާނާ ވަރަށް ބޮޑަށް ވައްތަރެވެ. ޝާހްރުކްގެ ފޭނުންނަށް މި ފޮޓޯތައް ފެނިގެން މިކަމާ އަޖައިބު ވެގެން އިއްޔެ ސޯޝަލް މީޑިއާގައި ވަރަށް އަޑު ގަދަ ކޮށްލައިގެން އުޅެފައި ވެއެވެ.

އިބްރާހީމް އިންސްޓަގްރާމަށް ލައިފައި ހުރި ފޮޓޯތަކުގެ ތެރޭގައި ރަސްމީކޮށް ކޯޓު ފަޓުލޫނުގައި ހުރެ ނަގާފައިވާ ފޮޓޯތަކާއި އިސްތަށިގަނޑު ދިގުކޮށް ފަހަތަށް އައްސާފައި ނަގާފައި ހުރި ފޮޓޯތައް ހިމެނޭއިރު އެއިން ހަމަ ކޮންމެ ފޮޓޮއަކުން ވެސް ޝާހްރުކް އާއި އޭނާ ވައްތަރު މިންވަރު ހާމަވެ އެވެ.

އިބްރާހީމް ޝެއާ ކޮށްފައި ހުރީ ހަމައެކަނި ފޮޓޯތަކެއް ނޫނެވެ. ޝާހްރުކްގެ މަޝްހޫރު ފިލްމުތަކުގެ ބައެއް މަންޒަރުތަކުގައި އޭނާ ހުރި ގޮތްގޮތަށް ހުރެގެން ވެސް ފޮޓޯ ނަގާފައި ހުއްޓެވެ.

މި ފޮޓޯތައް ބަލާފައި ޝާހް ރުކްގެ ބައެއް ފޭނުން ބުނީ "ޝާހްރުކްއާ އެއްވެސް ތަފާތެއް ނެތް" ކަމަށެވެ. އަނެއް ބަޔަކު ބުނީ އިބްރާހީމް އަކީ "ޗައިނާގެ ޝާހްރުކް ޚާން" ކަމަށެވެ. އެމީހާ އެހެން ބުނީ ޗައިނާ އަކީ މުޅިން ފޭކް ތަކެތި ވިއްކާ ގައުމެއްގެ ގޮތުގައި އިންޑިއާގެ ގިނަ ބަޔަކު ސިފަ ކުރާތީ ކަމަށް ބެލެވެ އެވެ.

ޓީވީ އެކްޓަރު އަލީ ގޯނީ ވެސް މި ފޮޓޯތަކަށް ކޮމެންޓް ކޮށްފައިވެ އެވެ.

"ހާދަ ވައްތަރޭ. އެއީ ދެން ކިހިނެއް ވާނެ ކަމެއް؟" އަލީ ސުވާލު ކޮށްފައިވެ އެވެ.

ޝާހްރުކް އަށް މި ފޮޓޯތައް ފެނުމުން ބުނަނީ ކީކޭ ބާއޭ ވެސް ބައެއް މީހުން ސުވާލު ކުރި އެވެ. ދެ އަހަރުގެ ދިގު ޗުއްޓީއެއް ނެގުމަށްފަހު ޝާހް ރުކް ވަނީ އަނެއްކާ ވެސް ފިލްމީ މަސައްކަތް ފަށާފަ އެވެ. އެގޮތުން އޭނާ ކުޅެމުންދާ ފުރަތަމަ ފިލްމަކީ ޔާޝް ރާޖް ފިލްމްސްގެ "ޕަތާން" އެވެ.

މި ފިލްމުގެ މަސައްކަތް ވަކި ވަރަކަށް ކުރުމަށްފަހު މަހަރަޝްތުރާ ލޮކްޑައުން ކުރުމުން މަސައްކަތް ވަނީ ހުއްޓިފަ އެވެ. ޖޫން 15 ގައި ލޮކްޑައުން އުވާލުމުން އަލުން އެ ފިލްމުގެ މަސައްކަތް އޭނާ ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް މުހިއްމު ރޯލުތަކުން ފެނިގެންދާނެ މި ފިލްމުގައި ސަލްމާން ޚާން ވެސް މެހެމާނެއްގެ ގޮތުގައި ބައިވެރިވާނެ އެވެ.