ފިނިޕޭޖް

ޝާހްރުކް އާއި ކޮފީ، ދުވަހަކުވެސް ވަކި ނުވެވޭނެ!

ޝާހް ރުކް ޚާނަކީ އިންޑިޔާގެ އެންމެ މަޝްހޫރު ސުޕަސްޓާރުންގެ ތެރޭގައި ހިމެނޭ އެކްޓަރެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ މީހުންގެ ތެރެއިން މުޅި ދުނިޔެއިން ވެސް ގުނާލެވޭ އެންމެ މުއްސަނދި އެކްޓަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. ނަމަވެސް އޭނާއަށް މިހާ ހިސާބަށް އާދެވުނީ ހަމަ އެކަނި ނަސީބު ރަނގަޅު ކަމަކުން ނޫނެވެ. ކޮންމެ ދުވަހެއްގެ އެތައް ގަޑިއިރެއްގެ ބުރަ މަސައްކަތުންނެވެ.

ޝާހް ރުކްގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނެފައިވާ ގޮތުގައި މަސައްކަތުގައި ނޫޅޭ ހުރިހާ ގަޑިއެއްއެއްގައި އޭނާ އޮންނާނީ ނިދާފަ އެވެ. އޭނާ މަސައްކަތް ކުރާލެއް އެހާ ވެސް ބުރަ އެވެ.

ޝާހް ރުކް ބުނާ ގޮތުގައި ދުވާލުގެ ގިނަ ވަގުތުގައި މަސައްކަތުގައި ވަރުބަލި ކަމެއް ނެތި ގިނަ އިރު އުޅެނީ ކޮފީގެ ސަބަބުންނެވެ. ޝާހް ރުކް އަކީ ހަމަ ހަގީގަތުގައި ވެސް ކޮފީ ބުއިމަށް ލޯބިކުރާ މީހުންގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ މީހެކެވެ. އޭނާގެ ވަރަށް ގިނަ އިންޓަވިއު ތަކެއްގައި ކޮފީ ބުއިމަށް އޭނާ ދެވި ހިފާފައިވާ މިންވަރު ކިޔައިދީފައި ވެއެވެ. އޭނާ ދިރިއުޅެނީ ހަމައެކަނި ކޮފީންނޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެ ކަމަށް ޝާހް ރުކް އެއްބަސް ވެއެވެ.

"އަހަރެން މީ ފެން ބޯ މީހެއް ނޫން. އަހަރެން ބޮނީ ދުވާލަކު 30 ވަރަކަށް ތަށި ކަޅު ކޮފީ. އަހަރެން ބޮނީ ހަމައެކަނި އެސްޕްރެސޯ. އެއީ ބޯލަން އެންމެ ފަސޭހަ އަދި އެއްވެސް މައްސަލައެއް ނޯންނަ ހަމައެކަނި އެއްޗަކީ،" އިންޑިޔާގެ މަޝްހޫރު ނޫހަކަށް ޝާހް ރުކް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޝާހް ރުކް ބުނި ގޮތުގައި ދުނިޔޭގެ ކޮންމެ ހިސާބަކަށް ދިޔަޔަސް އޭނާ އާއެކުގައި އޭނާގެ ކޮފީ މެޝިން ގެންދެ އެވެ.

"އަހަރެންގެ މޭކަޕް ވޭނުގައި ވެސް ހުންނާނެ ކޮފީ މެޝިން. އަހަރެން ބޮނީ ވަކި ވައްތަރެއްގެ ކޮފީއެއް. ބައެއް ފަހަރު އެންމެ ދުވަހަކަށް ތަނަކަށް ދާއިރު ހަނދާން ނެތިގެން ކޮފީ މެޝިން ނުގެންދެވުނަސް އަހަރެން އެ ހުރި ތަނަކުން ކޮފީ މެޝިނެއް ގަނެފައި ހޮޓަލުގައި އަހަރެން ހުންނަ ކޮޓަރީގައި ބަހައްޓަން. އެހާވެސް ކޮފީއާ ހެދި އަހަރެން ހުންނަނީ މޮޔަވެފައި،" ޝާހްރުކް ބުންޏެވެ.