ޔޫއޭއީ ކުއްޖެއް ކަމަށްވާ އިޒިން ހާޝް އާދައިގެ މަތިން ބައްޕައާއެކު ސްކޫލަށް ދިޔަ އެވެ. ނަމަވެސް އެ ދުވަހު އޭނާ ސްކޫލަށް ދިޔައީ ކިޔަވާކަށް ނޫނެވެ. އާ އަހަރުގެ ކިޔެވުން ފެށޭ އިރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހޯދާށެވެ. އެ ދުވަހަކީ އޭނާގެ ހަޔާތުގައި ވެސް އެންމެ ހަނދާން ހުންނާނެ އެއް ދުވަހަށް ވެދާނެ ކަމަކަށް ސްކޫލަށް ދިޔައިރު އިޒިން ކުޑަކޮށް ވެސް ހީކޮށްފައެއް ނެތެވެ.
ގްރޭޑް ތިނެއްގައި ކިޔަވާ އިޒިން އެ ދުވަހު ބައްޕައާއެކު ސްކޫލަށް ގޮސް ޓެކްސްޓް ފޮތްތަކާ ހަވާލުވެ ފޮތްތައް ބަލަން ފެށުމާއެކު އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ޔޫއޭއީ ގްރޭޑް 1 އިން 3 އަށް ކިޔަވައިދޭ ސޯޝަލް ސްޓަޑީޒް ޓެކްސްޓް ފޮތުގެ ބޭރުގަނޑުގައި އޭނާގެ ފޮޓޯ އިންދާ ފެނިގެނެވެ.
"އެ ވަގުތުކޮޅަކީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު ސަޕްރައިޒެއް ލިބުނު ވަގުތުކޮޅެއް،" އިޒިން ބުންޏެވެ.
އިޒިންގެ ބައްޕަ ހާޝް ޖަވާދު ގަލްފު ނޫހަކަށް ބުނި ގޮތުގައި ފޮތުގެ ބޭރުގަނޑު ފެނުމާއެކު އިޒިން އުފަލުން ފުމެން ފެށި އެވެ. ހަގީގަތުގައި ވެސް އެމީހުންނަށް އެ ވަގުތު ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
"އެހާ ބޮޑު ސަޕްރައިޒަކަށް ވީ އެ ފޮޓޯމަތިން އަހަރެމެން އެއްކޮށް ހަނދާން ނެތިފައި ހުރީމަ،" އިޒިންގެ ބައްޕަ ބުންޏެވެ.
އެ ފޮޓޮއަކީ 2018 ވަނަ އަހަރު އިޓަލީގެ ފޮޓޯގްރާފަރެއް ކަމަށްވާ ފެބިއޯ އެންޑް ކްރިސްޓިއާނޯ ނަގާފައިވާ ފޮޓޯއެކެވެ. ފެބިއޯ އެ ދުވަސްވަރު ޔޫއޭއީއަށް ކުރި ޒިޔާރަތެއްގައި ނެގި އެ ފޮޓޯ ހިމެނުނީ ފޮޓޮގްރަފީ ވެބްސައިޓް ޝަޓަސްޓޮކްގައި ޝާއިއު ކުރަން އޭނާ ނެގި ގިނަ އަދަދެއްގެ ފޮޓޯތަކުގެ ތެރޭގަ އެވެ.
ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ޓެކްސްޓް ފޮތުގައި ޖަހަން އެ ފޮޓޯ ނަގާފައި ވަނީ ޝަޓަސްޓޮކް އިންނެވެ. މި ފޮޓޯގެ ސަބަބުން އަޖްމަންގައި ހުންނަ ހެބިޓެޓް ސްކޫލްގައި ކިޔަވާ އިޒިންއަކީ މިހާރު އެ ސްކޫލްގެ އެންމެ މަޝްހޫރު ކުއްޖާއަށް ވަނި ވެފަ އެވެ.
އިޒިން އަކީ ޔޫއޭއީގައި ވަޒަންވެރި ވެފައިވާ އިންޑިއާގެ ކެރެލާ ސްޓޭޓުގެ މާލަޕޫރަމްގެ ދެމަފިރިއެއްގެ ކުއްޖެކެވެ. އޭނާގެ ބައްޕައަކީ ފްރީލާންސް ސޯޝަލް މީޑިއާ މެނޭޖަރެކެވެ. މަންމަ ނަސީހާއަކީ އަބޫ ދަބީގައި މައިކްރޮބައިލޮޖިސްޓެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ.
އިޒިން ވަނީ ބައެއް މެލަޔާލަމް ފިލްމުތަކުގަ އާއި ޝާރްޖާ އާއި އަބޫ ދަބީ ޓީވީ ޗެނަލްތަކުން ދައްކާ ބައެއް ފިލްމުތަކުގައި ވެސް ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.