ޔުނައިޓެޑް އަރަބް އެމިރޭޓްސް

ޔޫއޭއީގެ ގްރީން ވިސާ އެނގޭތަ؟

އެކުވެރި އަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަކީ ދުނިޔެގައި އެންމެ މަޝްހޫރު އެންމެ ރީތި އަދި އެންމެ ތަނަވަސް އެއް ގައުމެކެވެ.

ޔޫއޭއީ އަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބުރްޖް ޚަލީފާ ވެސް ހުންނަ ގައުމެވެ.

ޔޫއޭއީން ވިޔަފާރިވެރިންނާއި އެންމެ މޮޅެތި ހުނަރުވެރިން ފަދަ ގައުމަށް ފައިދާ ކުރާނެ މީހުން ބޭނުންވާތީ އެ ގައުމުގައި ވިސާ ދޫކުރާ ގޮތްތަކަށް އަވަސް އަވަހަށް ބަދަލުގެނެ އެވެ. ސަބަބަކީ ޔޫއޭއީގެ އާބާދީގެ 85 އިންސައްތައަކީ ބިދޭސީންނަށް ވެފައި، އެހާ ގިނަ ފަރާތްތައް އެ ގައުމުގައި ދިރިއުޅޭއިރު ވިސާގެ ކަންތައްތައް ވީހާވެސް ލުއި ފަސޭހަކޮށްދިނުމުން އެމީހުން އެ ގައުމުގައި ހަމަޖެހިގެން ދިރިއުޅެވޭނެތީ އެވެ.

އެގޮތުން އެކި ފަހަރު މަތިން ޔޫއޭއީއަށް އެތެރެވެ ބޭރުވެވޭ ފަދަ ފަސް އަހަރުގެ ޓޫރިސްޓް ވިސާ، ގޯލްޑަން ވިސާ އަދި އާންމު ޓޫރިސްޓް ވިސާ ފަދަ ވިސާތައް މިހާރުވެސް ހަމަޖައްސާފައި ހުރެެ އެވެ.

ގްރީން ވިސާ

ދާދި ފަހުން ލޯންޗުކުރުމަށް ނިންމި "ގްރީން ވިސާ" އަކީ ވެސް ފަސް އަހަރު ދުވަހުގެ ވިސާއެއް އަދި ރެސިޑެންޓް ވިސާއެއްގެ ގޮތުން އެމީހަކު އަމިއްލައަށް ސްޕޮންސާ ކުރެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ވިސާ ދޫކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

މީގެ އިތުރުން ގްރީން ވިސާގެ ދަށުން އެތެރެވާ މީހުންނަށް އެފަރާތްތަކުގެ އަނބިން، ފިރިން، ދަރިން އަދި މައިންބަފައިންނާއި އާއިލާގެ މީހުން ސްޕޮންސާ ކުރެވެ އެވެ.

ގްރީން ވިސާއަށް ޝަރުތު ހަމަވަނީ ކޮން ބައެއް؟

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ގްރީން ވިސާ އަށް ޝަރުތު ހަމަވާނީ ބިދޭސީންގެ ތެރެއިން ފަންނީ ޕްރޮފެޝަނަލްސް، ޕާޓްނަރުން ނޫނީ އިންވެސްޓަރުން އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި ފްރީލާންސަރުންނެވެ.

ގްރީން ވިސާގެ ސަބަބުން ޔޫއޭއީއަށް މީހުން ބަދަލުވާވަރު ގިނަވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.