ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހި ސަލާމަތްވާނެ ކަމުގެ އުންމީދު ކެނޑި ހަ މަސް

އަރޫންކުމާރު ނައިރު އަކީ ޔޫއޭއީގެ އަބޫ ދަބީގެ އެލްއެލްއެޗް ހޮސްޕިޓަލުގައި ކޮވިޑް-19 ޓާސްކް ފޯސްގައި މަސައްކަތް ކުރަމުންދިޔަ އޯޓީ ޓެކްނީޝަނެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ނައިރު އަށް ކޮވިޑް ޖެހުނީ ފްރަންޓްލައިންގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިއްޔެ ނައިރު ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވަނީ ބަރާބަރު ހަ މަސް ދުވަހު އެ ހޮސްޕިޓަލުގައި ވަރަށް ހާލުބޮޑު ބަލި މީހެއްގެ ގޮތުގައި އޮތުމަށް ފަހުގަ އެވެ. އޭނާގެ ފުރާނަ ސަލާމަތްވުން ޑޮކްޓަރުންނާއި ނަރުހުން ވެސް ސިފަ ކުރަނީ "މުއުޖިޒާތެއް" ފަދަ ކަމެއްގެ ގޮތުގަ އެވެ. ނައިރު ގެއަށް ދާން ނުކުތް ވަގުތު ހޮސްޕިޓަލުގެ މުވައްޒަފުން އޭނާއަށް ފިނިމަލުގެ ފިޔަތަކުން މަރުހަބާ ކީ އޭނާ މަރާ ހަނގުރާމަކޮށް ހޯދި ކާމިޔާބީ އާދަޔާޚިލާފު ކަމުންނެވެ.

ނައިރު، 38، އަށް ކޮވިޑް ޖެހުމާއެކު ވަރަށް ބޮޑަށް ބަލިވި އެވެ. އަދި ކަރަންޓީން ފެސިލިޓީގައި އެޑްމިޓް ކުރި އެވެ. ނަމަވެސް މަދު ދުވަސްކޮޅެއް ތެރޭ އޭނާގެ ހާލު އިތުރަށް ގޯސްވެ ނޭވާ ލާން ވަރަށް ބޮޑަށް އުނދަގޫވާން ފެށި އެވެ. ވައިރަސްގެ ސަބަބުން ފުއްޕާމޭ އިންފެކްޓްވީލެއް ބޮޑުކަމުން ފުއްޕާމޭގެ މަސައްކަތް ހުއްޓުމަކަށް އައެވެ. އަދި އޭގެ ފަހުން ފާއިތުވީ ހަ މަސް ދުވަހު އޭނާ އޮތީ ޚަބަރު ހުސްވެފައިވާ ހާލަތުގަ އެވެ.

ޖުލައި 31، 2021ގައި ނައިރުގެ ހާލު މާ ބޮޑުވެ ޑޮކްޓަރުން އޭނާ އެކްމޯ ސަޕޯޓަށް ނުވަތަ އާޓިފިޝިލް ލަންގް އަކުން ނޭވާ ލެވޭ ގޮތް ހެދި އެވެ. އަމިއްލައަށް ނޭވާ ލުމުގެ ގާބިލްކަން މުޅީން ކެނޑިގެންނެވެ. އެ ހާލުގައި އޭނާ އާޓީފިޝަލް ލަންގްގެ އެހީގައި 118 ދުވަހު އޮތެވެ.

މި މުއްދަތުގެ ތެރޭގައި އޭނާއަށް ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވެ ދެންމެ ދެންމެ ފުރާނަ ދަނީހެން ހީވި ކިތަންމެ ވަގުތެއް ދިޔަ އެވެ. ހިތް ހުއްޓިގެންނާއި އެނޫންވެސް ގުނަވަންތައް މަސައްކަތް ނުކޮށްގެން އެތައް ގިނަ ސާޖަރީތަކެއް އެ ދުވަސްތަކުގައި އޭނާގެ ހަދާފައި ވެއެވެ.

މަރާ ހަނގުރާމަކުރުމުގައި ނައިރު ދެއްކީ ނަމޫނާއަކީ އެހެނިހެން ބަލި މީހުންނަށް ވެސް މިސާލެކެވެ. ކޮންމެ ހާލެއްގައި ވެސް ދިރިއުޅުމުގެ އުންމީދު ކަނޑާނުލުމުގެ ނަމޫނާ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނައިރު ވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު އޭނާ އޮތް ބުރުޖީލް ހޮސްޕިޓަލުން ނުކުމެގެން ގެއަށް ގޮއްސަ އެވެ.
ފުރޮޅުލީ ގޮނޑީގައި އޭނާ ހޮސްޕިޓަލުން ނުކުންނަން ދިޔައިރު ޑޮކްޓަރުންނާއި ނަރުހުން ފިނިފެންމަލުގެ ފިޔައިން އޭނާއަށް މަރުހަބާ ކިޔަމުން ދިޔަ އެވެ. އަދި އެ މަންޒަރު ފެނިފައި ނައިރުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދިޔަ އެވެ.

ނައިރު ބުނި ގޮތުގައި ފާއިތުވީ ހަ މަސް ދުވަހުގެ އެއްވެސް ހަނދާނެއް އޭނާގެ ނެތެވެ. އޭނާގެ އެންމެ ފަހުގެ ހަނދާނަކަށް ހުރީ ކަރަންޓީން ފެސިލިޓީގައި އޮއްވާ ނޭވާ ނުލެވިގެން ތެޅި ފޮޅުނު ހަނދާނެވެ.

ނައިރު ބުނި ގޮތުގައި އޭނާއަށް ފަރުވާ ކޮށްދިން ޑޮކްޓަރުންނާއި ނަރުހުންނަށް އޭނާގެ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ. އެމީހުން އޭނާ އެހާ ރަނގަޅަށް ބަލަހައްޓައި ފަރުވާ ނުދިންނަމަ އޭނާގެ ފުރާނަ ސަލާމަތް ނުވީސްކަމަށް ނައިރު ގަބޫލު ކުރެ އެވެ. ޚާއްސަކޮށް ބުރުޖީލް ހޮސްޕިޓަލުގެ ހިތުގެ ޚާއްސް ޑޮކްޓަރު ތޯރިގު އަލީ މުހައްމަދު އަލްހަސަންގެ ނަން ނައިރު ފާހަގަ ކުރި އެވެ. ޑރ. ތޯރިގު އާއި އޭނާގެ ޓީމަށް ނައިރުގެ ހިތުގައި ވަނީ ޝުކުރެވެ.

ޑރ. ތޯރިގު ވިދާޅުވި ގޮތުގައި ނައިރު އަކީ ވަރުގަދަ ހަނގުރާމަވެރިއެކެވެ. ބައްޔާ ހަނގުރާމަކުރުމުގައި ނައިރު ވަރުގެ ހަނގުރާމަވެރިއަކު މިހާތަނަށް ފެނިފައި ނުވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރު ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނައިރުގެ ހާލު ވަރަށް ސީރިއަސް އެވެ. އޭނާގެ ފުއްޕާމޭ ފޭލްވެ އަލުން ރަނގަޅުނުވާވަރު ވެފައި ވެއެވެ. އޭނާއަށް ނޭވާ ލެވެނީ އެކްމޯ މެޝިންގެ އެހީގަ އެވެ. އެގޮތަށް 118 ދުވަހު އޭނާ އެ މެޝިން ގުޅާފައި ބާއްވަން ޖެހުނެވެ.

އާންމުގޮތެއްގައި މިހާ ހާލު ބޮޑުވާ މީހުން ރަނގަޅުވުމަކީ ނާދިރުކަމެކެވެ. ނައިރުގެ ފުރާނަ ސަލާމަތްވުން "މުއުޖިޒާތެއް"ގެ ގޮތުގައި ބެލެވެނީ އެހެންވެ އެވެ. އެހާ ބަލި ހާލުގައި އޮއްވާ ނައިރުގެ ހިތް ހުއްޓުނުކަން ވެސް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. އެއާއެކުވެސް ނައިރު ވަނީ މަރާ ހަނގުރާމަކުރުމުގައި ވަރަށް ހިތްވަރު ދައްކާފައި ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

"ނައިރުގެ ސިއްހަތު އަނބުރާ ލިބެން އަދި ދުވަސްކޮޅެއް ނަގާނެ. ނަމަވެސް މިހާރު އޭނާގެ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް ބަރާބަރަށް މަސައްކަތް ކުރަން ވަނީ ފަށާފަ. ހީވަނީ އަދި މަހެއް ދެ މަހެއްހާ ދުވަސް ފަހުން ނައިރު އަށް އަނބުރާ ހޮސްޕިޓަލް ޑިއުޓީ އަށް އާދެވޭވަރު ވާނެހެން،" ޑރ. ތޯރިގު ވިދާޅުވި އެވެ.