ކާމިޔާބީ ހާސިލުކުރުމަށް އުމުރަކީ ހުރަހެއް ނޫންކަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހަތަރު އަހަރުގެ މި ފިރިހެން ކުއްޖާ މިވަނީ ސާބިތުކޮށްދީފަ އެވެ. މި ކުއްޖާ ވަނީ ފޮތެއް ޝާއިއުކުރި އެންމެ ހަގު ފިރިހެން ކުއްޖާގެ ދުނިޔޭގެ ރެކޯޑް ގާއިމްކޮށްފަ އެވެ.
ދުނިޔޭގެ އެންމެ ހަގު ލިޔުންތެރިޔާ ސައީދު ރާޝިދު އަލްމެހެރީ އަކީ އަބޫ ދާބީގައި ދިރިއުޅޭ ކުއްޖެކެވެ. އުމުރުން 4 އަހަރާއި 218 ދުވަހުގައި ފޮތެއް ލިޔެ ޝާއިއުކޮށް އޭނާ ވަނީ ގިނިސް ވޯލްޑް ރެކޯޑް ހަދާފަ އެވެ.
މި ކުއްޖާ ލިޔެފައިވާ "ދި އިލެފަންޓް ސައީދު އެންޑް ދަ ބެއާ" ގެ 1000 ކޮޕީ މި ކުއްޖާ މިހާތަނަށް ވަނީ ވިއްކާފަ އެވެ. މިއީ އެހެން މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި، ދެ ޖަނަވަރެއްގެ ދެމެދުގައި އުފެދޭ ހީނުކުރާ ކަހަލަ އެކުވެރިކަމެއްގެ ވާޙަކަ އެކެވެ.
އޭނާގެ މި ރެކޯޑް މާޗް 9، 2023ގައި ވެރިފައި ކޮށްފައި ވާއިރު ސައީދުގެ އާއިލާގައި އޭނާ ނޫނަސް ގިނިސް ވޯލްޑް ރެކޯޑްސް އޮތް ކުދިން އެބަތިއްބެވެ. ސައީދުގެ އަށް އަހަރުގެ ދައްތަ އަލްދާބީ ވެސް ދުނިޔޭގެ ރެކޯޑެއް ހަދާފައި ވެއެވެ. "ބައިލިންގުއަލް ބުކް ސީރީޒް" އެއް ޝާއިއުކުރި އެންމެ ހަގު އަންހެން ކުއްޖާގެ ރެކޯޑެވެ.
ސައީދަށް ރެކޯޑް ހެދުމުގައި ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އޭނާގެ ދައްތަ ކަމަށް ޚަލީޖް ޓައިމްސްގައިވާ މި ޚަބަރުގައި ބުނެފައި ވެއެވެ.
ސައީދުގެ ދައްތަ އަލްދާބީ އަކީ ހަމައެކަނި ފޮތް ލިޔުމަށް ކުޅަދާނަ ކުއްޖެއް ނޫނެވެ. އޭނާއަކީ ހުނަރުވެރި ވިސްނުންތައް ވިސްނާ ކްރިއޭޓިވް ތިންކާ އެކެވެ. އަދި ކަންކަން ހޯދާ އީޖާދުކުރާ އިނޮވޭޓާ އެއް ވެސް މެއެވެ. އަދި މުޅި ޔޫއޭއީގައި ވެސް ހުރި އެންމެ ހަގު ވިޔަފާރިވެރިޔާ އެވެ. ރެއިންބޯ ޗިމްނީ އެޑިޔުކޭޝަނަލް އެއިޑްސް ކިޔާ ޕަބްލިޝިން ކޮމްޕެނީއެއް އަލްދާބީ އަމިއްލައަށް ހިންގަ އެވެ.
ސައީދު ލިޔެފައިވާ ފޮތަކީ ވެސް އޭނާގެ ކުޑަ ކުޑަ ދައްތަގެ ހިތްވަރުން އޭނާއަށް ލިޔެވުނު ފޮތެކެވެ. ސައީދު ބުނާ ގޮތުގައި ދައްތަ އާއެކު ވަގުތު ހޭދަކުރުމަށް އޭނާ ވަރަށް ލޯބިކުރެ އެވެ.
ސައީދު ރާޝިދު ކިޔައިދިން ގޮތުގައި އޭނާ ލިޔެފައިވާ ވާހަކައިގައި އުޅެނީ ސައީދު ކިޔާ އެތެކެވެ. މި އެތް ޕިކްނިކް ގޮސްގެން އުޅެނިކޮށް ޕޯލާ ބެއާ އަކާ ދިމާވެ އެވެ. ޕޯލާ ބެއާ އެސޮރަށް އަނިޔާކޮށްފާނެ ކަމަށް އެތަށް އެންމެ ކުރިން ހީވި ނަމަވެސް އެސޮރާ ދެމީހުން ވެގެން ޕިކްނިކް ހަދަ އެވެ.
ފަހުން މި ދެ ޖަނަވާރު ރައްޓެހިވި އެކަކު އަނެކަކަށް ވަރަށް ކަމޭ ހިތައި ރަނގަޅަށް ކަންތައް ކުރެ އެވެ. މި ފޮތުގެ މައިގަނޑު ވާހަކައަކީ މިއެވެ.