ލައިފްސްޓައިލް

ހުއްޓާނުލައި 36 ފޮތްކިޔައި ރެކޯޑް ހަދައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ދިރިއުޅޭ އެމެރިކާގެ ހަތަރު އަހަރުގެ ކުއްޖަކު ފޮތް ކިޔުމުގެ ރެކޯޑެއް ހަދައިފި އެވެ. އެއް ގަޑިއިރާއި 45 މިނިޓް ތެރޭގައި މި ކުއްޖާ 36 ފޮތް ކިޔާފައި ވަނީ އެއްވެސް ވަރަކަށް ހުއްޓުމެއް ނެތި އެވެ.

ކިއާރާ ކޯރު ނަމަކަށް ކިޔާ މި ކުއްޖާ ކިޔާފައި ވަނީ ތަފާތު ފެއަރީ ޓޭލްސް ތަކާއި ކުޑަކުދިންނަށް ހާއްސަކޮށް ލިޔެފައި ހުރި ފޮތް ތަކެކެވެ. މީގެ ތެރެއިން ބައެއް ފޮތްތަކަކީ އެ ކުއްޖާގެ އުމުރަށް ވުރެ ދެ ގުނަ ބޮޑެތި ކުދިން ކިޔަން ތައްޔާރު ކޮށްފައި ހުރި ފޮތް ކަމަށް ކުއްޖާގެ މަންމަ ޑރ. ލިޓްލް މެހެންދުރަ ބުންޏެވެ.

މި ރެކޯޑް ލަންޑަންގެ "ވޯލްޑް ބުކް އޮފް ރެކޯޑްސް" އިންނާއި އިންޑިޔާގެ "އޭޝިއާ ބުކް އޮފް ރެކޯޑްސް" އިން ވަނީ ބަލައިގެންފަ އެވެ.

ކިއާރާގެ ފޮތް ކިއުމުގެ ޝައުގުވެރިކަން ގުޅިފައި ވަނީ ކަންކަން ހޯދާ ދެނެގަތުމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރި ކަމެވެ.

"ކިއާރާ އަބަދުވެސް ބޭނުންވޭ ދެން ވާނީ ކިހިނެއްތޯ ބަލަން. ފޮތް ކިޔަމުންދާއިރު އެ ފޮތުގައިވާ ކެރެކްޓާއަށް ދެންވާ ގޮތްގޮތް ބަލަން އޭނާ އިންނަނީ ހިތް އަވަސްވެފައި،" ކިއާރާގެ މަންމަ ބުންޏެވެ.

ކިއާރާގެ ހިތުގައި ފޮތް ކިޔުމަށް އޮތް ލޯބި އެންމެ ފުރަތަމަ ފާހަގަ ކުރެވެން ފެށީ އުމުރުން ތިން އަހަރުގައި ނާސަރީއަށް ކިޔަވަން ދާން ފެށި ހިސާބުންނެވެ. ކްލާހަށް ވަންނަ ގޮތަށް ކިއާރާ ދަނީ ފޮތް ހަރުގަނޑާ ދިމާލަށް ކަމަށް ކިއާރާގެ ޓީޗަރު އޭނާގެ މަންމަ ކައިރީގައި ބުނި ކަމަށް ވެއެވެ.

އިންޑިޔާ ނަސްލުގެ ކުއްޖެއް ކަމަށްވާ ކިއާރާ މިހާތަނަށް 200 އަށް ވުރެ ގިނަ ފޮތް ކިޔާފައިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.

"ކިއާރާ ވަރަށް ވާހަކަ ދައްކާނެ. އަދި ސުވާލު ވެސް ވަރަށް ގިނަ ވާނެ. ހުރިހާ އެއްޗެއް ވެސް އެނގެން އޭނަ ބޭނުންވާނެ. އަބަދު އަބަދު އަހަރެން ކައިރީގައި ވެސް ހުންނާނީ އެކި ކަންކަމާ ގުޅޭ ގޮތުން ސުވާލު ކޮށްލަކޮށްލަ. އަދި ކުޅިވަރު ކުޅުމަށްވެސް ވަރަށް ލޯބިކުރާ ވަރަށް ސްޕޯޓީ ގާލް އެއް ކިއާރާ އަކީ. އޭނާ އެންމެ ކުރާހިތްވާ ކަމަކީ ފެތުމާއި ހައިކިން،" ކިއާރާގެ މަންމަ ބުންޏެވެ.