އެގާރަ އަހަރުގެ ފިރިހެން ދަރިއަކަށް އަނިޔާކުރިކަން ސާބިތުވެ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ފުޖައިރާ އެޕީލްސް ކޯޓުން އެ ގައުމުގެ މީހަކު 1200 ދިރުހަމުން ޖޫރިމަނާ ކޮށްފި އެވެ. މި މީހާ ދަރިފުޅަށް އަނިޔާކުރިކަން ސާބިތުވީ އެ ކުއްޖާގެ މަންމަ ކޯޓަށް ހުށަހެޅި ދެ ވީޑިއޯ ފުޓޭޖަކުން އަނިޔާކުރާ ތަން ފެންނާތީ އެވެ.
މި ކުއްޖާގެ މަންމައަކީ ޔޫއޭއީ މިލިޓަރީ ފޯސްގައި މަސައްކަތް ކޮށްފައި ހުރި 30 ވަރަކަށް އަހަރުގެ މީހެކެވެ. އޭނާގެ ދަރިފުޅަށް އެ ކުއްޖާގެ ބައްޕަ އަނިޔާކުރި މައްސަލަ ހުށަހެޅީ މި އަންހެންމީހާ އެވެ. ކުއްޖާގެ ބައްޕަ އަކީ ވެސް ކުރިން ޕޮލިސް ފޯސްގައި މަސައްކަތްކުރި މީހެކެވެ.
އަންހެންމީހާ ކޯޓުގައި ބުނީ ކުއްޖާގެ ބައްޕަ ކައިރިން އޭނާ ވަރިވެފައިވާ ކަމަށާއި ފިރިހެންމީހާ ދިރިއުޅެނީ އެހެން ގެއެއްގައި ކަމަށެވެ.
ކުއްޖާގެ މޫނާއި ގައިގެ އެތަން މިތަނުގައި ތަޅާ އަނިޔާކުރުމުގެ ސަބަބުން ލާފައިވާ ޒަޚަމްތައް ކޯޓަށް ހާޒިރުކުރި އިރުވެސް ފެންނަންހުރި ކަމަށް ވެއެވެ. އަދި ޑޮކްޓަރުގެ ރިޕޯޓުގައި ވެސް ކުއްޖާއަށް އަނިޔާ ލިބިފައިވާކަމަށް ބުނެފައި ވެއެވެ.
އެގާރަ އަހަރުގެ ކުއްޖާ ކޯޓުގައި ބުނީ ބައްޕަ އޭނާއަށް އަނިޔާކުރީ އަންހެން ކޮއްކޮ އާ ދެބެންގެ މެދުގައި ޖެހުނު މައްސަލައެއްގައި ކަމަށެވެ.
ފިރިހެންމީހާ ކޯޓުގައި ބުނީ ދަރިންނަށް އަނިޔާކުރަން އޭނާވެސް ބޭނުން ނުވާ ކަމަށެވެ. އަދި ދަރިން ދެކެ އޭނާ ވަރަށް ލޯބިވާ ކަމަށާއި އެކުދިން ބަސް އަހާ ރަނގަޅު ކުދިންނަށް ވާން އެދޭ ކަމަށެވެ.
"އަހަރެންގެ އަންހެންދަރިފުޅު ގުޅާފަ ރޮމުން ރޮމުން ބުނި ބޭބެ އަނިޔާ ކުރަނިއްޔޭ. އެހެންވެ އަހަރެން އެ ގެޔަށް ދިޔައީ. އަހަރެން ފިރިހެން ދަރިފުޅަށް ހަމަލައެއް ނުދެން،" ފިރިހެންމީހާ ކޯޓުގައި ބުންޏެވެ.
އޭނާ ވާހަކަ ދެއްކި ގޮތުން ހީވަނީ މި ކަމަކީ ކުރީގެ އަނބިމީހާ އޭނާ ކުށްވެރިކުރަން ކޮށްގެން އުޅޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރާ ހެންނެވެ.
ދަރިފުޅަށް އަނިޔާކުރި ކަމަށް ފިރިހެން މީހާ އިންކާރު ކުރި ނަމަވެސް އަންހެންމީހާ ހުށަހެޅި ދެ ވިޑީއޯ އިން އެ މީހާ އެ ކުއްޖާއަށް އަނިޔާކުރާތަން ފެންނާތީ އާއި ކުއްޖާގެ ގައިގައި ބޮޑެތި ޒަޚަމްތަކެއް ހުރުމުން އެ ފިރިހެންމީހާ އަނިޔާކުރި ކަން ސާބިތުވާ ކަމަށް ކޯޓުން ނިންމި އެވެ. އަދި 1200 ދިރުހަމުން ޖޫރިމަނާކޮށް އެއް މަހަށް ޖަލަށް ލާން ހުކުމް ކުރި އެވެ. ނަމަވެސް ފަހުން ވަނީ ޖަލު ހުކުމް ބާތިލްކޮށް ހަމައެކަނި ޖޫރިމަނާ ދައްކަން އަންގާފަ އެވެ.