ދުނިޔެ

"ސައޫދީ - އީރާން މަޝްވަރާތަކާ މެދު ހިތްހަމަޖެހޭ"

ސައޫދީ އަރަބިއްޔާއާ އީރާން ސުލްހަވުމަށް މަޝްވަރާ ކުރަމުން ގެންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މަޝްވަރާތަކުގައި އެންމެ އިސްކޮށް މުއާމަލާތް ކުރައްވާ އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ މީޑިއާއަށް ވިދާޅުވި ގޮތުން މަޝްވަރާތައް ވަރަށް އޮމާނެވެ. ތަރުޖަމާން ވިދާޅުވީ ވާހަކަ ދައްކަމުން އަންނަ މައުލޫތަކުގައި ވަކި ގޮތަކަށް އެއްބަސް ވާން ދަތި ބައެއް ނުކުތާ ހުރި ނަމަވެސް މިސްރާބު ވަރަށް ރަނގަޅު ކަމަށެވެ.

ސައޫދީއާއެކު ގާތް ގުޅުމެއް އޮތުމަކީ އީރާންނަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް ހަސަން ރޫހާނީ ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގުޅުން ރަނގަޅު ކުރަން އީރާނަށް ލެވުނު ހިތްވަރެއް ލައްވާނެ ކަމަށެވެ. ސައޫދީން ވެސް ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކާފަ އެވެ. ސައޫދީން ބުނީ މިވަގުތު ވަކި ގޮތެއް ނިންމަން ދަތި ނުކުތާތައް ބަހައްޓާފައި ދެ ގައުމު އެކުގައި ކުރިއަށް ދާނީ ކަމަށެވެ.

ސައީދު ޚަތީބުޒާދާ ވިދާޅުވީ ސައޫދީއާ އީރާނަކީ ސަރަހައްދީ ދެ ބާރު ކަމަށާއި ސަރަހައްދަށް އޮތް އެންމެ އެކުވެރި ގޮތަކީ ވެސް ދެ ގައުމު އެކުގައި އެކައްޗެއް ކިއޭތޯ މަސައްކަތް ކުރުން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އުންމީދަކީ އެކުވެރި ކަމާއި އަޅާލުމުގައި އާ ޗެޕްޓަރެއް ފެށުން ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މިވަތުތަށް އެންމެ އަސާސީ ފިކުރުތަކުން ފަށައިގަނެވޭނެ ކަމަށް،" ސައީދު ޚަތީބުޒާދާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ބައިނަލްއަގުވާމީ މަޝްރަހުގައި ދެގައުމަށް މުއާމަލާތް ނުކުރެވޭ ވަރުގެ ކަމެއް ނެތް ކަމަށެވެ.

މިއަހަރު ޖެނުއަރީގައި އީރާންއާ އެކު މަޝްވަރާތައް ފެށުމުގެ ކުރިން ސައޫދީ ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވީ ސަރަހައްދުގައި އެކުވެރި ބާރެއް ގާއިމު ކުރަން ޖެހިފައިވާ ކަމަށާއި ސައުދީން އިސްނަންގަވާނެ ކަަމަށެވެ. އެމްބީއެސް ވިދާޅުވީ ގަލްފު ދަމަހައްޓާނީ އެކުވެރި އަރަބި ދައުލަތްތަކުން ކަމަށެވެ.

އީރާނުން ސައޫދީއާއެކު ގުޅުން ރަނގަޅު ކުރަން ކޮޅުއެއްލާތާ ދުވަސްތަކެއް ވެއްޖެ އެވެ. އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް 2019 ގައި ވެސް މި ވާހަކަތަކަށް އަލިއަޅުވާލެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން ވެރިރަށް ރިޔާޒާއެކު ގުޅުން ގާތް ކުރަން އިރާން އޮތީ ތައްޔާރަށް ކަމަށެވެ.

ސައޫދީއާ އީރާން ސިއްރުން ބައްދަލުކޮށް މަޝްވަ ރާކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. އީރާނުން ބުނީ 2020 ގައި އީރާގަށް ވަޑައިގެން އުޅުއްވަނިކޮށް އެމެރިކާއިން އަވަހާރަކޮށްލި އީރާންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އެގައުމަށް ވަޑައިގެން އުޅުއްވީ ސައޫދީއާއެކު ސިއްރު ބައްދަލުވުމަކަށް ކަމަށެވެ.

ސައޫދީއާ އީރާންއަކީ ފައިސާ ފޮއްޗެއް ނަމަ ދެފުށެވެ. ދީނީ ގޮތުންނާއި ސަގާފީ ގޮތުން ވެސް ވަރަށް ތަފާތު ދެ ގައުމެވެ. ސައުދީން ޖައްސާ މައްސަލައަކީ ޕްރޮކްސީ، މެދުވެރިންގެ ހިމާޔަތުގައި އީރާން އޮވެ ސަރަހައްދީ މަސްލަހަތު ގިރުވާލުމެވެ. ޔަމަނުގައި އުޅޭ ހޫތީ ބާޣީ ހަނގުރާމަވެރި ގުރޫޕްތަކަށް މަދަދުވެރިވެ ފަނާ ކުރަނިވި ހަރަކާތަކަށް ފޯކަސް ކުރުމެވެ. އީރާނުން ބުނަނީ ބަދުނާމުން ބަރީއަވާ ކަމަށާއި ގަލްފަކީ އަމާން ތަނަކަށް ހަދަން ތައްޔާރަށް އޮތް ކަމަށެވެ.