މި އަހަރު ދެބައިވެ ޖޫން މަހަށް އަޅާފައިވާ އިރު ދުނިޔޭގައި މިވަގުތު އޮތް ބަލި މަޑުކަަމަކީ އަދިވެސް ކޮވިޑް-19 އެވެ. އެ ބަލިން އަރައިގަތުމަށް ގައުމުތަކުން މަސައްކަތް ކުރާއިރު ސިއްހީ ނިޒާމް ހަރުދަނާ ނުވުމުގެ ސަބަބުން ސިޔާސީ ވެރިންނަށް އޮތް ޕްރެޝަރު ބޮޑެވެ. ބައެއް ގައުމުތަކުގައި ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ދެއެވެ.
މިއާއެކު ކޮވިޑް-19 އިގެ ކަންކަން އެންމެ ރަނގަޅަށް ނުބެލެހެއްޓިގެން ވަރަށް ގިނަ ގައުމުތަކުގެ ސިއްހީ ދާއިރާ އާއި ހަވާލުވެފައިވާ ސިޔާސީ ވެރިން ދަނީ އިސްތިއުފާ ދެއްވަމުންނެވެ. މިހާރު ވެސް އަށް ގައުމެއްގެ ހެލްތް މިނިސްޓަރުން އެކި އެކި ސަބަބު ތަކާއި ހުރެ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އިކުއޭޑޯ
އިކުއޭޑޯގެ ހެލްތު މިނިސްޓަރު ރުޑޮލްފޯ ފާފަން މަގާމުން އިސްތިއުފާ ދެއްވީ މި ދިޔަ މާޗު މަހުގަ އެވެ. އޭނާ މަގާމާއި ހަވާލުވެ ވަޑައިގެންނެވިތާ އެންމެ ތިން ހަފުތާ ތެރޭގައި އިސްތިއުފާ ދެއްވީ ވެކްސިން ދިނުމުގެ ސްކީމްގެ ތެރޭގައި އުސޫލުން ބޭރުވުމާއި އެކަމުގައި އެއްވެސް އިންސާފެެއް ނެތް ކަމަށް ބުނެ ކުރިމަތިވެ ވަޑައިގަތް ތުހުމަތު ތަކާއި އެކު އެވެ.
އޮސްްޓްރިއާ
އޮސްޓްރިއާގެ ހެލްތު މިނިސްޓަރު ރުޑޮލްފް އެންޝޮބާ އިސްތިއުފާ ދެއްވެވީ މި އަހަރުގެ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. އުޒުރެއްގެ ގޮތުގައި ދެއްކެވީ މަސައްކަތުގައި މާ ބުރަކޮށް އުޅުއްވަން ޖެހި "އޯވާވޯކް" ވެ ވަޑައިގަތުމެވެ. ގައުމުގެ ކޮވިޑް ހާލަތަށް އެބޭފުޅާއަށް ވުރެ ފިޓު އަދި ގާބިލް ބޭފުޅަކު މިވަގުތަށް ބޭނުންވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ރުޑޮލްފްގެ ޑޮކްޓަރު އެކަމަށް ލަފާދެެއްވި ކަމަށް ވެސް ވިދާޅުވިއެވެ.
އިރާގު
އިރާގުގެ ހެލްތު މިނިސްޓަރު ހަސަން އަލް ތަމީމި މަގާމުން އިސްތިއުފާ ދެއްވެވީ މެއި މަހުގަ އެވެ. އެއީ އެ ގައުމުގެ ކޮވިޑް ބަލި މީހުން ފަރުވާ ދޭ ހޮސްޕިޓަލެއްގައި 80 މީހުން މަރުވި އަލިފާނުގެ ހާދިސާއަކާ ގުޅިގެނެވެ. އެ އަލިފާނާއެކު އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެވެ. އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވީ ހޮސްޕިޓަލްގައި ހުރި އޮކްސިޖަން ޓޭންކެއް ގޮވައިގެނެވެ.
އާޖެންޓީނާ
އާޖެންޓީނާގެ ހެލްތު މިނިސްޓަރު ގިނެސް ގޮންޒާލޭސް ގާސިއާ އިސްތިއުފާ ދެއްވީ ފެބުރުއަރީ މަހު އެ ގައުމުގެ ވެކްސިން ޕްރޮގްރާމް ހިންގުމުގައި ބައެއް ކަހަލަ މައްސަލަތަކެއް ހުރުގެނެވެ. އެގޮތުން ނުފޫޒުގެ ބޭނުން ކޮށްގެން ކިއު ތަރުތީބާއި ހިލާފު މައްސަލަތަކެއް ފެންމަތި ވިއެވެ.
އުރުދުން
އުރުދުން / ޖޯޑަން ގެ ހެލްތު މިނިސްޓަރު ނަޒީރު އަބީދަތު މާޗު މަހު އިސްތިއުފާ ދެއްވީ ދައުލަތުގެ ހޮސްޕިޓަލެއް އޮކްސިޖަނަށް ޖެހި އޮކްސިޖަން ނުލިބުމުގެ ސަބަބުން ހަ މީހުން މަރުވުމާއި ގުޅިގެނެވެ. އިސްތިއުފާ ދެއްވީ ޒިންމާ ނެގުމަކީ ހެލްތު މިނިސްޓަރުގެ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާތީ އެވެ.
ޕެރޫ
ޕެރޫގެ ހެލްތް މިނިސްޓަރު ޑރ .ޕިލާ މަޒޭޓީ މަގާމުން އިސްތިއުފާ ދެއްވި މިއަހަރުގެ ފެބްރުއަރީ މަހުގަ އެވެ. ޕިލާ އިސްތިއުފާ ދެއްވަން މެދުވެރިވި ސަބަބަކީ ޕެރޫގެ ކުރީގެ ރައީސް މާޓިން ވިޒްކަރާ، އެ ގައުމުގެ ރައްޔިތުނަށް ވުރެ މާ ކުރިން ކޮވިޑް-19 އިގެ ވެކްސިން ޖެއްސެވުމެވެ. މީޑިއާގައި މި މައްސަލަތައް ކުރިމަތިވެ ޕްރެޝަރު ބޮޑުވެގެން މިނިސްޓަރަށް އިސްތިއުފާ ދެއްވަން މަޖުބޫރުވެ ވަޑައިގަތީ އެވެ.
ސްލޮވާކިއާ
ސްލޮވޭކިއާގެ ހެލްތު މިނިސްޓަރު މަރެކް ކްރާޖީ މަގާމުން އިސްތިއުފާ ދެއްވީ މާޗު މަހުގަ އެވެ. ޕެންޑެމިކް މޭނޭޖް ކުރުމަށް ފެއިލްވެފައިވާ ކަމުގެ ތުހުމަތުތަކާއި ކޯލިޝަން ސަރުކާރާއި ރަޝިޔާގެ ސްޕަޓްނިކް ވެކްސިން އާއި މެދު އޮތް ހިޔާލުތަފާތުވުންތަކާއެކު އިސްތިއުފާ ދެއްވަން މަށް މަޖުބޫރުވެ ވަޑައިގަތީ އެވެ.
މޮންގޯލިއާ
މޮންގޯލިއާގެ ޕްރައިމް މިނިސްޓްރާއި ހުރެސުލުހު އުހްނާ އާއި މުޅި ކެބިނެޓު އިސްތިއުފާ ދެއްވަން މަޖުބޫރުވީ އެ ގައުމުގައި ވިހަން ދިޔަ މަންމަ އަކާއި އަލަށް ވިހެއި ތުއްތު ކުއްޖަކު ސިއްހީ އެހީތެރިންގެ އިހުމާލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އަންހެން މީހާ އާއި ކުޑަ ދަރިފުޅު ގަދަ ފިނީގައި ކޮވިޑް ފެސިލިޓީއަށް ހަމައެކަނި ހޮސްޕިޓަލަށް ގެންދާ މަންޒަރުގެ ފޮޓޯއެއް އާއްމުވެ އާއްމުން ރަތަށް އަރާ މުޒަހާރާ ތާކާއެކު އަދި ސަރުކާރަށް ކުރިމަތިވި އެކި ޕްރެޝަރުތައް ކެތް ނުވެގެން އިސްތިއުފާ ދިނީ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއް ފެތުރިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މިދިޔަ އަހަރު ބްރެޒިލާއި ނިއުޒިލޭންޑާއި ޗެކް ރިޕަބްލިކްގެ ސިއްހީ ވުޒާރާގެ ވެރިން ވެސް އިސްތިއުފާ ދެއްވި އެވެ.