ޖޯޑަންގެ އަލް ހުސައިން ނިއު ސަލްތު ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ ނުވަ މީހަކު މަރުވި މައްސަލާގައި ފަސް މުވައްޒަފަކު ހައްޔަރު ކޮށްފި އެވެ. މި ހޮސްޕިޓަލް ހުންނަނީ ވެރިރަށް އަންމާންއާ 13 މޭލު ދުރުގައި އޮންނަ ސަލްތު އަވަށުގަ އެވެ.
ޖޯޑަން ނިއުސް އޭޖެންސީ (ޕީޓްރާ) އިން ބުނާ ގޮތުން އިހުމާލުވި މުވައްޒަފުންނާ ސުވާލު ކުރުމަށްޓަކައި ހައްޔަރު ކުރަން ޕްރޮސެކިޔުޓަރު ހަސަަން އަބްދައްލާތު ވަނީ އަމުރު ކުރައްވާފަ އެވެ. އެއީ ހޮސްޕިޓަލްގެ ޑައިރެކްޓަރު، އޮކްސިޖަން ސަޕްލައި ޑިޕިއުޓީ، މެޑިކަލް އެފެއާޒް ޑިޕިއުޓީ، އެޑްމިނިސްޓްރޭޓިވް އެފެއާޒް ޑިޕިއުޓީ އަދި ލޮޖިސްޓިކްސް އޮފިސަރެވެ.
އަލް-މަމްލަކާ ޓީވީން ބުނީ މި ހާދިސާއާ ގުޅިގެން ހެލްތު މިނިސްޓަރު ނަޒީރު އުބައިދާތު ވެސް އިސްތިއުފާ ދެެއްވާފައިވާ ކަމަށެވެ. އަދި ޒިންމާ ނަންގަވާ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދިވަޑައިގެންފައި ކަމަށެވެ.
އަލް ހުސައިން ނިއު ސަލްތު ހޮސްޕިޓަލްގައި އޮކްސިޖަން ހުސްވެފައި ވަނީ ކޮވިޑަށް ފަރުވާދޭ ވޯޑަކުންނެވެ. ވެންޓިލޭޓަރަށް ލައިގެން ފަރުވާދެނިކޮށް އޮކްސިޖަން މެދުކެނޑުމުގެ ސަބަބުން ނުވަ މީހަކު ވަނީ މަރުވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އޮކްސިޖަން މެދުކެނޑުމުގެ ސަބަބުން ވިއްސާ ކޮޓަރި އަދި ކުޑަކުދިންގެ ވޯޑަށް ވެސް ވަނީ ދަތިވެފަ އެވެ. އެހެން ނަމަވެސް ހިތާމަވެރި ހާދިސާއެއް ހިނގި ކަމަށް ރިޕޯޓްކޮށްފައި ނުވެ އެވެ.
އޮކްސިޖަން ހުސްވުމުގެ ސަބަބުން މަރުވި ކަމަށް ފުރަތަމަ ރިޕޯޓްކުރީ ހަތް މީހުންނެވެ. އެއަދަދު އިތުރުވެ ނުވަޔަކަށް އެރީ މިއަދެވެ. އަދި ހާލަތު ވަރަށް ދަށް މީހުން ވެސް ވޯޑްގައި ތިބި ކަމަށް އަލް-މަމްލަކާ ޓީވީން ބުނެ އެވެ.
މި ޚަބަރު ލިބިވަޑައިގަތުމާއެކު އަބްދުﷲ ރަސްގެފާން ވަނީ ނިއު ސަލްތު ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި ހާލަތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ. ވިދާޅުވީ އެއީ ހިނގައިގެން ވާނެ ހާދިސާއެއް ނޫން ކަމަށާއި ކަންހިނގައިދިއަ ގޮތް ބަލައި އިހުމާލުވި މީހުންނަށް ފިޔަވަޅުއަޅުއްވާނެ ކަމަށެވެ.
ތަހުގީގު އަވަސްކުރެއްވުމަށް ބޮޑުވަޒީރު ބިޝާރު އަލް-ޚަސާވިނާއަށް ރަސްގެފާން ވަނީ އަމުރުކުރައްވާފަ އެވެ.