ދިޕިކާ ޕަދުކޯން

ދިޕިކާ ދެކެ ރަންބީރު ބިރުގަންނަނީ ކީއްވެ؟

Nov 13, 2015

ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ދިޕިކާ ޕަދުކޯން ދެހާސް ހަތް ވަނަ އަހަރު ބޮލީވުޑަށް ދެފިލްމަކުން ތައާރަފުވި އިރު ދެތަރިން އުޅުނީ ލޯބީގެ ގޮތުން ގުޅިގެންނެވެ.

ރަންބީރު "ސާވަރިޔާ"އިން ބޮލީވުޑަށް ތައާރަފުވިއިރު، ދިޕިކާ ބޮލީވުޑަށް ތައާރަފުވީ "އޯމް ޝާންތީ އޯމް" އިންނެވެ. އެފަހަރު ރަންބީރުގެ ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބު ވެފައިވާއިރު، ދިޕިކާގެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

އޭގެފަހުން މަދު އަހަރެއްގެ ތެރޭގައި ދިޕިކާ ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި ކުޅަދާނަ ބަތަލާއިންގެ ތެރޭގައި ހިމެނިގެން ގޮސްފަ އެވެ.

މިހާރު މިދެތަރިން ބުރަކޮށް މިމަހުގެ ފަހުކޮޅު ރިލީޒްކުރާ "ތަމާޝާ" ޕްރޮމޯޓްކުރުމުގެ މަސައްކަތް ބުރަކޮށް ކުރަމުން އަންނައިރު ރަންބީރު ވަނީ އޭނާ ކުރީގެ ލޯބިވެރިޔާ ދިޕިކާ ދެކެ ބިރުގަންނަ ކަމަށް ބުނެފަ އެވެ.

އެކްޓަރެއްގެ ގޮތުގައި ދިޕިކާ ދެކެ އޭނާ ބިރުގަންނަ ކަމަށް ބުނަމުން ރަންބީރު ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިޕިކާ އަށް މިދާއިރާއިން އާދެވިފައި އިން ހިސާބަށް އޭނާ އަށް ތައުރީފު ހައްގުކަމަށާއި ދިޕިކާ އާއެކު މަސައްކަތް ކުރުމަށް ފުރުސަތެއް ލިބުމަކީ އުފަލެއް ކަމަށް ބުނެފަ އެވެ. އަދި ދިޕިކާ އާއެކު މަސައްކަތް ކުރުމުން ފެންވަރު ރަނގަޅު މަސައްކަތެއް ކޮށްލެވިއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިގެންދާ ކަމަށް ވެސް ރަންބީރު ވަނީ ބުނެފަ އެވެ.

"އަހަރެން ދިޕިކާ ދެކެނީ އެކްޓަރެއްގެ ގޮތުގައި، ނަމަވެސް އެކްޓަރެއްގެ ގޮތުގައި އޭނާ ދެކެ ބިރުވެސް ގަނޭ" މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިޕިކާ އަށް ވަރަށް ދުރަށް އާދެވިފައިވާ ކަމަށް ބުނަމުން ރަންބީރު ބުނެފައިވެ އެވެ.

ރަންބީރާއި ދިޕިކާ މީގެކުރިން އެކުގައި ކޫޅެފައިވަނީ "ބަޗްނާ އެއި ހަސީނޯ" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އެވެ. މިމަހުގައި ރިލީޒްކުރާ "ތަމާޝާ" އަކީ މިދެތަރިން އެކުގައި ކުޅެފައިވާ ތިން ވަނަ ފިލްމެވެ.

އިތުރަށް ރަންބީރު ވަނީ އެންމެ ފުރަތަމަ ދިޕިކާ އާއެކު "ބަޗްނާ އެއި ހަސީނޯ"ގައި މަސައްކަތްކުރި އިރު ދިޕިކާ އަކީ ވަރަށް ލަދުރަކި އަދި ވަރަށް ބަސްމަދު މީހެއް ކަމަށާއި، އޭގެ ފަސްއަހަރު ފަހުން "ޔޭ ޖަވާނީ ހޭ ދިވާނީ" ކުޅުނު އިރު ދިޕިކާ އަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށެވެ. އެގޮތުން ދިޕިކާއަށް ސިނަމާގެ އިތުރުން ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށް ރަންބީރު ވަނީ ބުނެފަ އެވެ.

ރަންބީރު ދިޕިކާ އަކީ ވަރަށް މަޖާ އަދި ރަނގަޅު އެކުވެރިއެއް ކަމަށް ބުނެފައިވާއިރު، އެދެމީހުންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ދިޕިކާ ބުނެ އެވެ.

"ރަންބީރާއެކު ކުރެވުނު މިމަސައްކަތްވެސް ވަރަށް ފުރިހަމަ. ރަންބީރަށް އާދެވިފައި އިން ހިސާބާއި އޭނާ ކުޅެފައިވާ މޮޅެތި ފިލްމުތަކުން އޭނާ އަކީ ވަރަށް ހުނަރުވެރި ތަރިއެއްކަން އިނގޭ" ތަރިއެއްގެ ގޮތުގައި ރަންބީރާއެކު މަސައްކަތްކުރަން ރަނގަޅު ކަމަށް ބުނަމުން ދިޕިކާ ބުނެފައިވެ އެވެ.

ކޮންމެ އަކަސް މިދެތަރިންގެ ފިލްމީ ކެރިއަރަށް ބަލާއިރު ރަންބީރަށް ވުރެން ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވަނީ ދިޕިކާ އެވެ. އަދި މިފަހުން ނިކުތް ރަންބީރުގެ ތިން ފިލްމު ފްލޮޕްވެފައިވާއިރު، "ތަމާޝާ" ކާމިޔާބުވުން އޭނާގެ ކެރިއަރަށް ވަރަށް މުހިންމެވެ.

މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ތަމާޝާ" އަކީ މިފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒް އަލީ އާއެކު ރަންބީރާއި ދިޕިކާ މަސައްކަތްކުރާ ދެވަނަ ފަހަރެވެ.