ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ވިލިމާލެއިން ކޮވިޑް މަރެއް، ނަންބަރު 177 އަށް

ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 77 އަހަރުގެ އަންހެނަކު މަރުވެފަައިވަނީ ވިލިމާލެ ހޮސްޕިޓަލްގައި ކަމަށެވެ. އެއީ ދިވެހި އަންހެނެކެވެ.

ކޮވިޑްގައި މިއަދު ކުރިން މަރުވެފައިވަނީ ސްރީލަންކާ މީހަކާއި ބަނޑިދޫ މީހެކެވެ. ލަންކާ މީހާ މަރުވެފަައިވަނީ 4:24 ގައެވެ. އުމުރުން 37 އަހަރުގެ އެ މީހާ މަރުވީ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސް ފަރުވާ ދެނިކޮށެވެ.

މިއަދު ހެނދުނު 11:17 ގައި މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑްގައި ބަނޑިދޫއިން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ އާއިލާގެ މެންބަރަކު ބުނީ އެ މީހާއަށް ކޮވިޑް ޖެހުނީ މީގެ 17 ވަރަކަށް ދުވަސް ކުރިން ކަމަށާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުމުން ލ އަތޮޅު ކޮވިޑް ފެސިލިޓީއަށް ގެންދަން ނިންމި ނަމަވެސް އެކަމަށް އެއްބަސް ނުވެވުނީ އެހީތެރިއަކާއެކު ގެންދަން ހުއްދަ ނުލިބުމުން ކަމަށެވެ. ނަމަވެސް ހާލަތު މާބޮޑަށް ގޯސްވުމުން މިއަދު ފެސިލިޓީއަށް ފޮނުވަން ނިންމާ ސިފައިން އަންނަން ހަމަޖެހިފައި އޮއްވާ މަރުވީ ކަމަށެވެ.

މިއަދުގެ ތިން މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 177 އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 23،375 މީހުންނެވެ. މިހާތަނަށް 43،959 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 197 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.