ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މަރުވުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަން ހާމަވެއްޖެ އެވެ. އެކަން ހާމަވެފައިވަނީ ހެލްތް މިނިސްޓްރީން އާންމުކުރި ރިޕޯޓްގައެވެ.
ބުދަ ދުވަހުގެ ރޭ މަރުވި މިޝްކާގެ ހާލު ދެރަވެ އެމްބިއުލާންސަށް ތަކުރާރުކޮށް ގުޅުމުން ވެސް މިޝްކާ ބަލާ އެމްބިއުލާންސެއް ދިޔައީ ގާތްގަނޑަށް ތިން ގަޑިއިރު ފަހުން ކަމަށް އާއިލާ ބުނެ އެވެ.
މިޝްކާގެ މަރާ ގުޅިގެން އެޗްއީއޯސީއިން އަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެއްކޮށްފައިވާ މައުލޫމާތުގެ އަލީގައި އާންމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ މިޝްކާ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށާ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންވާ ކަމަށް މިޝްކާގެ ބެލެނިވެރިޔާ އެދިފައިވާ ކަމަށާ ނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ދެވިފައި ނުވާ ކަަމަށެވެ.
އުސޫލު ހަަމަޖެހިފައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށް ގުޅަން ޖެހޭ ކަމަށާ ނަމަވެސް ދެ ދުވަސް ވެގެންދިޔައިރުވެސް މިޝްކާހެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައިނުވާ ކަމަށެވެ.
މިޝްކާގެ ކޭސްގައި ކަން ހިނގާފައިވާ ގޮތް
ހެލްތް މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވަނީ މެއި މަހުގެ 31 ވަނަ ދުވަހު މިޝްކާ ހުން ގަދަވާ ކަމަށާ އެއްވެސް އެއްޗެއް ނުކެވި ވަރުބަލިވުމާއި އަދި ކެއްސާތީ ކޯލު ސެންޓަރަށް ގުޅާ އެ މައުލޫމާތު އާއިލާއިން ދީފައިވާ ކަމަށެވެ. އެއީ އެ ދުވަހު މެންދުރު 2:20 ގައެވެ. އަދި މިޝްކާގެ ބެލެނިވެރިޔާ ދިން މައުލޫމާތު ކޯލް ސެންޓަރުން "އޯބީ" ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވާ ކަމަށެވެ.
ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރު އެ ދުވަހު 3:53 ގައި ގުޅާފައިވާ ކަމަށާ އަދި ގޭގައި ބޭނުން ކުރަމުންދާ ބޭސް ކުރިއަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން ގުޅުމަށް ޑޮކްޓަރު ލަފާދީފައިވާ ކަަމަށް ރިޕޯޓްގައިވެއެވެ.
އެ ރޭ 9:06 ގައި މިޝްކާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ވަނީ ކޯލްސެންޓަރަށް ގުޅާފައެވެ. އަދި މިޝްކާހެ ހާލު ގޯސްވާހެން ހީވާ ކަމަށާ ނޭވާލަން އުނދަގޫވެ އަތްތަޅުވާ ހަދާ ކަމަށް ބުނެ އަދި ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ވާހަކަ މިޝްކާގެ ބެލެނިވެރިޔާ ބުނެފައިވާ ކަމަށެވެ. މި މައުލޫމާތުވެސް ކޯލް ސެންޓަރުން "އޯބީ" ސިސްޓަމަށް އަޅާ ޓިކެޓް ރެއިސްކޮށްފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.
މި މައުލޫމާތާއި ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެެލެނިވެރިޔާއަށް ގުޅުމަށް މަަސައްކަތްކުރި ނަމަވެސް އެ ވަގުތު ގުޅިފައިނުވާ ކަަމަށާ ނަމަވެސް އެ ކޯލް މިސްވުމުން ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ މިޝްކާއަށް ނޭވާ ނުލެވިގެން އުނދަގޫވާ ކަމަށް މައުލޫމާތު ދީފައިވެއެވެ. އެއީ އެރޭ 10:06 ގައެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ޑޮކްޓަރަކު ގުޅުމުން މިޝްކާގެ ހާލަތު ސާފުކޮށްދިން ނަމަވެސް 10:39 ވީއިރުވެސް އެމްބިއުލާންސް ދާން އަންގާފައިނުވާ ކަމަށް ވަނީ ބުނެފައެވެ.
އެރޭ 11:16 އާއި 11:33 އާ ދެމެދު މިޝްކާގެ ބެލެނިވެރިޔާ ވަނީ ފަސް ފަހަރު ކޯލް ސެންޓަރަށް ގުޅާފައެވެ. މި ތަނުން އެއް ކޯލްގައި މިޝްކާގެ ހާލު ދަށްވަމުންދާ ކަމަށާ ހޭނެތިފައިވާ ކަމަށް އަދި ކަންފަތުން ލޭ އަންނަ ކަމަށް ބުނެފައިވެއެވެ. މި ކޯލްތަކުގައި މިޝްކާ ބަލާ ފޮނުވާނެ ކަމަށް ބުނެފައިވީނަމަވެސް އެމްބިއުލާންސް އައިސްފައިނުވާ ކަމަށާ އެމްބިއުލާންސް އައުން ލަސްވާ ކަމަށް ބެލެނިވެރިޔާ ވަނީ ބުނެފައެވެ.
އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީނަމަވެސް އެމްބިއުލާންސް އެކްޓިވޭޓް ކޮށްފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެމްބިއުލާންސް ދިއުން ލަސްވެގެން އެރޭ 11:27 ގައި މިޝްކާގެ އާއިލާގެ މީހަކު ދަރުބާރުގެއަށް ގޮސް އެކަން އަންގާފައިވެއެވެ. އަދި އެމްބިއުލާންސް ބޭނުންވާ ކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާ އިން އީއެމްއެސްއަށް އަންގާފައިވަނީ އޭގެ ފަހުން 11:32 ގައި ކަމަށްވެސް އެ ރިޕޯޓްގައިވެއެވެ. އެމްބިއުލާންސް މިޝްކާ ބަލާ އެ ގޭ ދޮށަށް ގޮސްފައިވަނީ އެ ރޭ 11:38 ގައެވެ. އަދި އޭރު މިޝްކާގެ އެއްވެސް ހަރަކާތެއް ނެތުމުން ސީޕީއާރު ފެށި ކަމަށާ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސްފައިވަނީ އެ ރޭ 11:42 ގައި ކަމަށް ބުނެފައިވެއެވެ.
ހާދިސާގައި ފާހަގަކުރެވުނު ކަންކަން
ހެލްތް މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި އެ ވަގުތު އަމަލުކޮށްފައިވަނީ އިމަޖަންސީ ހާލަތުގައި އަމަލުކުރާ ގޮތަށް ނޫން ކަމަށާ އަދި އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތު އެކަންވެސް ކޮށްފައިނުވާ ކަމަށެވެ. އިމާޖަންސީއެއްގެ ގޮތުގައި ރިޕޯޓް ކުރެވުނު ހިސާބުން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓް ވަނީ ހޭދަވެފައެވެ.
އަދި އަމަލުކުރަަން ޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިވެސް ނުވާ ކަމަށާ ކޯލް ސެންޓަރަށް ލިބިފައިވާ ކޯލްތަކަށް ބަލާއިރު މިޝްކާގެ ހާލަތު ސީރިއަސް ކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައިނުވާ ކަމަށެވެ.
އިމާޖަންސީ މެޑިކަލް ސާވިސްއަށް މައުލޫމާތު ލިބި ވަގުތުން އެމްބިއުލާން އެކްޓިވޭޓްކޮށް 10 މިނެޓްތެެރޭގައި މިޝްކާ ހޮސްޕިޓަލަށް ގެނެސްފައިވީނަމަވެސް ކުރީން ހޭދަވީ ގިނަ ވަގުތުތަކުގެ ސަބަބުން މިޝްކާއަށް ފަރުވާ ނުލިބި އެތައް ވަގުތެއް ހޭދަވެގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.
ހެލްތްގެ ރިޕޯޓްގައި ބުނެފައިވަނީ މިޝްކާގެ މަރާއި ގުޅިގެން ފާހަގަކުރެވުނު ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.