ލައިފްސްޓައިލް

މަރުގެ ނިޔާ އިއްވާފައިވާ މީހަކު ސަލާމަތް ކޮށްދީފި

އާންމު ދިރިއުޅުމަކަށް އަލުން އެނބުރި އާދެވިދާނެ ކަމަކަށް އިންޑިޔާގެ ކެރެލާއަށް އުފަން ބެކްސް ކްރިޝްނަން އުންމީދެއް ނުކުރެ އެވެ. އެހެންވެ ނުވަ އަހަރު ފަހުން ޖަލަށް ސަލާމަތްވެ އޭނާއަށް އަލަށް ލިބުނު މި ހަޔާތަކީ ދެ ވަނަ ފަހަރަށް ދުނިޔެއަށް އެނބުރި އާދެވުން ފަދަ ކަމެއްގެ ގޮތުގައި އޭނާއަށް ސިފަ ކުރެވެ އެވެ. ސަބަބަކީ އޭނާއަކީ މަރާލަން ނިޔާ ކަނޑައަޅާފައިވާ މީހަކަށް ވާތީ ހަމަ ދެންމެ ދެންމެ މަރާލަފާނެ ކަމަށް އޭނާއަށް އެތައް ފަހަރަކު އިހްސާސް ކުރެވިފައިވާތީ އެވެ. ފާއިތުވީ ނުވަ އަހަރުގެ ކޮންމެ ދުވަހެއް އޭނާ ހޭދަ ކޮށްފައި ވަނީ އެ ބިރުވެރި ކަމުގައި ކަމަށް ވާތީ އެވެ.

ޔޫއޭއީގައި ދިރިއުޅޭ އިންޑިޔާ މީހެއް ކަމަށްވާ ކްރިޝްނަން އަށް މަރުގެ ހުކުމް އިއްވާފައި ވަނީ އޭނާ ދުއްވި ވެހިކަލެއް މަގުމަތީގައި ކުޅެން ތިބި ކުދިންތަކެއްގެ ތެރެއިން ކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާ މަރުވެގެނެވެ. މިއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ކޯޓުގައި ތަކުރާރުކޮށް ބުނަމުން ދިޔަ އެވެ. ނަމަވެސް ކޯޓުން އޭނާއަށް މަރުގެ ނިޔާ އިއްވީ އެކަމުން ސަލާމަތްވާވަރުގެ ހެއްކެއް ނުދެއްކުނީމަ އެވެ.

ކްރިޝްނަން މަރުން ސަލާމަތްވީ ކިރިޔާ މަރާނުލައި ހުއްޓައި ޔޫއޭއީގައި ދިރިއުޅޭ އިންޑިއާގެ ވިޔަފާރިއެއް ކަމަށްވާ އެމްއޭ. ޔޫސުފް އަލީގެ މަސައްކަތުންނެވެ. ޔޫސުފަކީ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ލޫލޫ ގްރޫޕްގެ ޗެއާމަން އެވެ. އޭނާ މަސައްކަތްކޮށް ނުދިންނަމަ މިއަދާ ހަމައަށް ކްރިޝްނަން ދުނިޔޭގައި ނެތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އުމުރުން 45 އަހަރުގެ ކްރިޝްނަން މަރަން ޔޫއޭއީގެ ސުޕްރީމް ކޯޓުން ހުކުމް އިއްވީ ކުޑަ ފިރިހެންކުއްޖާ މަރުވި އެކްސިޑެންޓްގައި ކްރިޝްނަން ކުށްވެރިވާ ކަމަށް ކޯޓަށް ސާބިތު ވެގެނެވެ. ސެޕްޓެމްބަރު 2012 ގައި އޭނާ ދުއްވި ކާރު މަގުމަތީ ކުޅެން ތިބި ކުދިންތަކެއްގެ ތެރެއަށް ގަސްތުގައި ވައްދާލިކަމުގެ ކުށް ސާބިތުވެގެންނެވެ. ނަމަވެސް ކްރިޝްނަން ބުނަނީ އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

ކްރިޝްނަން އަށް މަރުގެ ހުކުމް އިއްވުމުން އޭނާގެ އާއިލާގެ މީހުން ހިތާމައިން ގޮސް ހިތް ހަލާކުވި އެވެ. އޭރުއްސުރެ ކްރިޝްނަންގެ އާއިލާގެ މީހުންނާއި އެކުވެރިން ގެންދިޔައީ އޭނާ ސަލާމަތްކުރަން އެމީހުންނަށް ކުރެވުނުހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް ނުވަ އަހަރު ދުވަހު އެމީހުން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވި އެވެ. ޚާއްސަކޮށް މަރުވި ކުއްޖާގެ އާއިލާގެ އެންމެން ޔޫއޭއީ ދޫކޮށް ސޫދާން އަށް ހިޖުރަކޮށްފައި ވާތީ ކްރިޝްނަން އަށް މާފު ހޯދައި ދޭން މަސައްކަތް ކުރަން އޭނާގެ އާއިލާއަށް އޮތީ ނުކުޅެދިފަ އެވެ.

އެންމެ ފަހުން ހަދާނެގޮތް ހުސްވެގެން އެމީހުން ޔޫސުފް އަލީ ކައިރިއަށް ގޮސް އޭނާގެ އެހީތެރި ކަމަށް އެދުނީ އެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސަބަބާއި ކޯޓުގައި ކަންތައްތައް ވީގޮތް ޔޫސުފް އަލީ އޭނާގެ ލޯޔަރުން ލައްވާ ވަރަށް ރަނގަޅަށް ބެލި އެވެ. އަދި މިއީ ކްރިޝްނަން ގަސްތުގައި އެ ކުއްޖާ މަރާލަން ކުރިކަމެއް ނޫންކަން އޭނާއަށް ޔަގީންވި އެވެ.

އެހިސާބުން ކްރިޝްނަން ސަލާމަތް ކުރަން އޭނާއަށް ކުރެވުނުހާ ކަމެއް ކޮށްދޭން ޔޫސުފް ނިންމި އެވެ. އަދި ސޫދާނުގައި ދިރިއުޅެމުންދާ މަރުވި ކުއްޖާގެ އާއިލާގެ އެންމެން އެއް މަސް ދުވަހަކަށް ޑުބާއި އަށް ގެނެސް ހޮޓަލެއްގައި ބައިތިއްބައިގެން އެމީހުންނާ މަހެއްހާ ދުވަހު ޔޫސުފް ވަނީ މަޝްވަރާ ކޮށްފަ އެވެ. ކްރިޝްނަން އަށް މާފުކުރަން އާއިލާ އެއްބަސްވޭތޯ އެވެ. އެންމެ ފަހުން މިއަހަރުގެ ޖެނުއަރީ މަހު އެ އާއިލާއިން ވަނީ ކްރިޝްނަން އަށް މާފު ދޭން އެއްބަސްވެފަ އެވެ. މަރުގެ ދިޔައިގެ ގޮތުގައި ފަސް ލައްކަ ދިރުހަމް ކޯޓު މެދުވެރިކޮށް ދޭން ޔޫސުފު އެއްބަސްވުމުންނެވެ.

ކޯޓު އަމުރާއެކު މިހާރު ކްރިޝްނަން ވަނީ މަރުގެ އަދަބުން ސަލާމަތްވެ ޖަލުން ވެސް ނުކުމެފަ އެވެ.