ދަރިންނަށް ޚަރަދުކޮށް އެމީހުން ބެލެހެއްޓުމުގެ ޒިންމާ މައިންބަފައިން އުފުލަން ޖެހޭނީ ވަކި އުމުރެއް ވަންދެނެވެ. އެހިސާބުން ދަރިން ޖެހޭނީ އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅުން އާބާދުކުރުމުގެ މަސައްކަތް ފަށާށެވެ. ކިޔަވާ ނިމިގެން ދިރިއުޅުން އާރާސްކުރުމުގެ އަމިއްލަ ޒިންމާއެއް ކަމަކަށް ނުދެކޭ ދަރިންނަކީ އެ މީހުންގެ މައިންބަފައިންގެ ފައިސާއެއް ނުވަތަ އެމީހުންގެ މުއްސަނދިކަމުގައި މުޅި އުމުރު ހޭދަކޮށްލުމުގެ ވިސްނުން ގެންގުޅޭ ބައެކެވެ. އޮކްސްފޯޑް ޔުނިވަސިޓީން ތައުލީމު ހާސިލުކުރި 41 އަހަރުގެ މި މީހާ ފަދައިންނެވެ.
ސިއްދީގީ ނަމަކަށް ކިޔާ މި މީހާ އޮކްސްފޯޑު ޔުނިވަސިޓީން ކިޔަވައި ލޯ ޑިގްރީ އެއް ހާސިލްކޮށްފައި ވެއެވެ. އަދި އޭނާ އަކީ ތަމްރީނު ލިބިފައިވާ ގާނޫނީ ވަކީލެކެވެ. ވަރަށް ގިނަ ލޯ ފާމް ތަކުގައި ވެސް އޭނާ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް މިހާރު އޭނާ ހުރީ ވަޒީފާއެއް ނެތި އެވެ. ނޫންނަމަ މިހާރު ވަޒީފާއެއް އަދައެއް ނުކުރެ އެވެ. އެހެންވެ މުޅި އުމުރަށް މައިންބަފައިންގެ އަތުން ފައިސާ ހޯދަން އޭނާ ވަނީ އެ ދެ މީހުން ގޮވައިގެން ކޯޓަށް ގޮއްސަ އެވެ.
ސިއްދީގީގެ މައިންބަފައިންނަކީ އެތައް ޒަމާނަކުއްސުރެ ޑުބާއީގައި ވަޒީފާ އަދާކުރަމުންދާ އިންޑިޔާ ދެމަފިރިންނެވެ. ސިއްދީގީ 2011 އިން ފެށިގެން އެއްވެސް ވަޒީފާއެއް އަދައެއް ނުކުރެ އެވެ. ފާއިތުވީ 10 ވަރަކަށް އަހަރު ވެސް އޭނާ ދިރިއުޅެފައިވަނީ މައިންބަފައިންގެ ފައިސާ އިންނެވެ. މިހާރު އޭނާ އެދެނީ މުޅި އުމުރަށް ވެސް މައިންބަފައިން އޭނާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ސިއްދީގީގެ މައިންބަފައިން މީގެ 20 ވަރަކަށް އަހަރު ކުރިއްސުރެ ގަނެފައިވާ އެއް މިލިއަން ޕައުންޑުގެ ފްލެޓެއް ލަންޑަންގެ ހައިޑް ޕާކްގައި ހުރެ އެވެ. އެ ފްލެޓުގައި މުޅީން ހިލޭ ސިއްދީގީއަށް ދިރިއުޅެވޭނެ ގޮތް އޭނާގެ މައިންބަފައިން ވަނީ ހަދާދީފަ އެވެ.
މީގެ އިތުރުން އޭނާގެ ދިރިއުޅުމުގެ ޚަރަދު ބަރަދަށް ހަފުތާއަކު 400 ޕައުންޑް އޭނާގެ މައިންބަފައިން ދެމުން ގޮސްފައި ވެއެވެ. އަދި މީގެ އިތުރުން ބިލްތަކަށް ދައްކަން ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.
ނަމަވެސް އާއިލީ މައްސަލަތަކަކާ ގުޅިގެން ސިއްދީގީ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލަން އޭނާގެ މައިންބަފައިން ނިންމައި އެކަން އެންގި ހިސާބުން ސިއްދީގީ އެމީހުންނާ ހިތްހަމަނުޖެހި އެމީހުން ގޮވައިގެން ކޯޓަށް ދާން ނިންމީ އެވެ. ކޯޓުގައި އޭނާ އެދިފައިވަނީ އޭނާއަށް މުޅި އުމުރަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މައިންބަފައިންގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މިދިޔަ އަހަރު މި މައްސަލަ ކޯޓަށް ވެއްދުމުން ފެމެލީ ކޯޓުގެ ގާޒީ ވަނީ މި ކޭސް ކޯޓުން ބޭރުކޮށްލާފަ އެވެ. އަދި މިހާރު މި މައްސަލަ ކޯޓު އޮފް އެޕީލް އިން ބަލަން ވަނީ ހަމަޖެހިފަ އެވެ.
އޮކްސްފޯޑް ޔުނިވަސިޓީ އާ ދެކޮޅަށް ވެސް ސިއްދީގީ ވަނީ 2018ގައި ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. އެ ޔުނިވަސިޓީން އެކަށީގެންވާ ގޮތަކަށް ކިޔަވައިނުދިނުމުގެ ސަބަބުން އޭނާއަށް ދެ ޑިގްރީން އެއް ޑިގްރީ ލިބިގެންނެވެ.