ލައިފްސްޓައިލް

ހިތްހެޔޮ ޓީޗަރުގެ މަރުން ވެސް ހަ މީހަކަށް ދިރިއުޅުން ލިބުނު

ސައީދު ރަފާތު ޕަރްވީނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދިޔަ 41 އަހަރުގެ އިންޑިޔާ މީހެކެވެ. ފިނި މޫސުމުގެ ޗުއްޓީގައި ރަފާތު ނިއުދިއްލީއަށް ދިޔައީ ވަރަށް ފަހުންނެވެ.

ރަފާތު ޔޫއޭއީގެ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަމުން ދިޔައިރު އޭނާގެ ދެ ފިރިހެން ދަރިން ތިބީ އިންޑިޔާގަ އެވެ. އެކުދިން ކިޔަވަނީ އިންޑިޔާގެ ސްކޫލްތަކުގަ އެވެ. އެހެންކަމުން މަންމަ ޗުއްޓީގައި އެނބުރި އައުމުން ރަފާތުގެ ދެ ދަރިން ތިބީ އުފަލުން ފޮޅިފަ އެވެ.

މަންމަގެ އަތުން ތައްޔާރުކުރާ މީރު ކާއެއްޗެތި ކެއުމާއި މަންމަގެ ލޯތްބާއި އޯގާތެރިކަމުން ކުދިން އުފަލުގައި ތިބެލަން ލިބުނީ އެންމެ ހަތަރު ދުވަހެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ޗުއްޓީގައި ޔޫއޭއީ އިން އިންޑިޔާއަށް ރަފާތު އައިތާ ހަތަރު ވަނައަށް ވީ ދުވަހެވެ. އެ ދުވަހު ކުއްލިއަކަށް އޭނާގެ ބޮލުގައި ވަރަށް ގދަޔަށް ރިއްސަން ފެށި އެވެ. ރަފާތުގެ ޅިޔަނަކީ ނިއުރޮލޮޖިސްޓެއް ކަމުން އޭނާއަށް މި މަންޒަރު ފެނިފައި އަވަހަށް ސީޓީ ސްކޭނެއް ހަދަން ބުންޏެވެ. އެ ރިޕޯޓުން ދެއްކި ގޮތުގައި ރަފާތުގެ ބޮލުގައި މައްސަލަތަކެއް އުޅެ އެވެ. އެހެންވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް އިތުރު ތަހުލީލުތައް ކުރަން ޑޮކްޓަރު އިރުޝާދު ދިނެވެ.

މާ ގިނަ ދުވަސް ތަކެއް ނުވެ ތަފާތުގެ ސިކުނޑީގެ ނާރެއް ދުޅަވެ ނާރު ފަޅައިގެން ދިޔައީ އެވެ. މިގޮތަށް ބޮލުގަ ރިއްސާފައި ނާރު ފަޅައިގެން ދަނީ ވަރަށް ކުއްލި ގޮތަކަށް ކަމަށް ވާތީ ވަރަށް ގިނަ ފަހަރު މިހެން ދިމާވާ މީހުންގެ ފުރާނަ ސަލާމަތެއް ނުކުރެވެ އެވެ.

ދަ ބްރެއިން އެނިއުރިޒަމް ފައުންޑޭޝަނުން ބުނި ގޮތުގައި ދުނިޔޭގައި ކޮންމެ އަހަރަކު މި މައްސަލަ ދިމާވެގެން 500،000 މީހުން އެވްރެޖްކޮށް މަރުވެ އެވެ. މިއީ ކުއްލިއަކަށް ދިމާވާ ކަމެއް ނަމަވެސް މިކަން ކުރިމަތިވާން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ.

ނަމަވެސް ޑިސެމްބަރުމަހުގެ އެ ފިނި ދުވަހު ރަފާތު ހޮސްޕިޓަލަށް ދާން ކާރަށް އެރީ ވެސް އަމިއްލައަށް ހިނގާފައި ގޮހެވެ. އަދި ހޮސްޕިޓަލަށް ކާރު މަޑުކުރުމުން އޭގެން ފައިބައިގެން އިމަޖެންސީ ރޫމަށް ވަނީ ވެސް ހިނގާފައި ގޮހެވެ.

ރަފާތުގެ ބައްޕަ ސައްޔިދު އަހުމަދު އަލީ ޝާހް ބުނި ގޮތުގައި ޑިސެމްބަރު 19 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި ފަހުން ރަފާތުގެ ހާލު މަޑުމަޑުން ދަށަށް ދާން ފެށީ އެވެ. އެނިއުރިޒަމްގެ ސަބަބުން ހަށިގަނޑަށް ލިބެމުންދިޔަ ވޭނުގެ ސަބަބުން ހާލުބޮޑުވެ ވެންޓިލޭޓަރަށް ލާން ޖެހުނެވެ.

ވެންޓިލޭޓަރުގައި އޮންނަތާ ދެ ތިން ދުވަހެއް ފަހުން އާއިލާއަށް ޑޮކްޓަރުން ވަރަށް ހިތާމަވެރި ޚަބަރެއް ދިނެވެ. ރަފާތުގެ ސިކުނޑި މަރުވި ކަމުގެ ޚަބަރެވެ. ޑިސެމްބަރު 24، 2020 ގެ 14.43 ގައި ރަފާތުގެ ސިކުނޑި މަރުވީ އެވެ.

ޔޫއޭއީގައި ޓީޗަރެއްގެ ވަޒީފާގައި ރަފާތު އުޅޭތާ އޭރު 16 އަހަރު ވެއްޖެ އެވެ. ޗުއްޓީގައި އިންޑިޔާއަށް އައި ނަމަވެސް ފާއިތުވީ 16 އަހަރު އޭނާ ގިނަ ދުވަސްތައް ހޭދަކުރީ ޔޫއޭއީގައި ޓީޗަރެއްގެ ވަޒީފާގަ އެވެ.

ރަފާތު އަކީ ވަރަށް އޯގާތެރި އަދި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިން ޓީޗަރެކެވެ. އެހެންވެ ރަފާތު މެޑަމް ދެކެ ކުދިން ވަރަށް ލޯބިވެ އެވެ. އަދި ޚާއްސަކޮށް ކިޔެވުމަށް ދަށް ކުދިންނަށް ތައުލީމު ދޭން ރަފާތު ވަރަށް މަސައްކަތް ކޮށްދީފައި ވެއެވެ. އިތުރު ގަޑީގައި އެ ކުދިން ބައިތިއްބައިގެން އެ ކުދިންގެ ކިޔެވުން ރަނގަޅުކުރަން ރަފާތު ވަނީ ގިނަ ގުނަ މަސައްކަތް ކޮށްދީފަ އެވެ. ޚާއްސަކޮށް މާލީ ތަނަވަސްކަން ނެތް ކުދިންނަށް އޭނާ ހިލޭ ވަރަށް ގިނަ ވަގުތު ކިޔަވައިދިނުމުގައި ހޭދަކޮށްފައި ވެއެވެ.

އެފަދަ ކުދިންނަށް ފައިސާގެ އެހީ ދިނުމުގެ އިތުރުން ފޮތް ފަންސުރު ފަދަ ކިޔެވުމަށް ބޭނުންވާ ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް ރަފާތުގެ ބައްޕަ ބުންޏެވެ.

ރަފާތުގެ މަރުވެގެން ދިޔައީ ވެސް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ އޭނާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ މަގު ފަހިކޮށްދީފަ އެވެ.

ޑިސެމްބަރު 24 ގައި ރަފާތުގެ ސިކުނޑި މަރުވި ވާހަކަ ޑޮކްޓަރުން އާއިލާއަށް އެންގި ހިސާބުން އެމީހުންނަށް ވަރަށް މުހިއްމު ނިންމުމެއް ނިންމަން ޖެހުނެވެ. އެ ހާލުގައި ލައިފް ސަޕޯޓްގައި އޭނާ ބާއްވާނީތޯ ނުވަތަ ލައިފް ސަޕޯޓް ކަނޑާލާނީތޯ އެވެ. ރަފާތުގެ 11 އަހަރާއި 18 އަހަރުގެ ދެ ދަރިންނަށް މަންމަގެ ހާލަތު ކިޔައިދޭން އާއިލާއަށް އުނދަގޫވި އެވެ. ނަމަވެސް އެމީހުން އެކަން ކުރި އެވެ.

އާއިލާއިން އެންމެ ފަހުން ނިންމުމެއް ނިންމި އެވެ. ލައިފް ސަޕޯޓް ކަނޑާލާ ދުވަހު އޭނާގެ ގުނަވަންތައް އިންސާނިއްޔަތަށް ހަދިޔާކުރުމުގެ ނިންމުމެވެ.

"ރަފާތު އަކީ އެހެން މީހުންނަށް އެހީތެރިވުމުގެ މިސާލެއް. އެހެންވީމާ އޭނާގެ މަރުން ވެސް އެހެން ބަޔަކަށް ދިރުން ލިބޭނަމަ އޭނާ އެކަން ކުރަން ބޭނުންވާނެކަން އާއިލާއަށް ޔަގީންވޭ. އެހެންވެ ގުނަވަންތައް ހަދިޔާކުރަން ނިންމީ. ރަފާތުގެ ގުނަވަންތަކުން އެތައް ބަޔެއްގެ ފުރާނަ ސަލާމަތް ކުރެވޭނެތީ،" ރަފާތުގެ ބައްޕަ ބުންޏެވެ.

ރަފާތުގެ ގުނަވަންތައް ހަ މީހަކަށް ލައްވައި އެ ހަ މީހުންގެ ފުރާނަ މިހާރު ވަނީ ސަލާމަތް ކުރެވިފަ އެވެ. އޭނާގެ ގުނަވަންތައް ހަތަރު މީހެއްގެ ހަށިގަނޑަށް ލައްވާފައިވާއިރު އޭނާގެ ދެ ލޮލުގެ ފެނުމުން އެހެން ދެ މީހެއްގެ އަނދިރި ހަޔާތަށް އަލިކަން ގެނެސްދީފައި ވެއެވެ.

"ދަރިފުޅުގެ މަރަކީ އަހަރެމެންނަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް. އެހެން ނަމަވެސް އެނާ ރަނގަޅު ދަރިއެއް ނިމިގެން ދަމުންވެސް އެތައް ބަޔަކަށް ދިރުން ގެނެސްދީފައި ދިޔައީތީ އަހަރެމެން އުފާކުރަން،" ރަފާތުގެ ބައްޕަ ބުންޏެވެ.

ރަފާތުގެ ފިރިމީހާ ސަލީމް ޝައިޚް ދުރާނީ ބުނި ގޮތުގައި އޭނާ އާއި އާއިލާއިން މުޅި އުމުރަށް ވެސް ރަފާތު މަތިން ހަނދާނެއް ނުނެތޭނެ އެވެ. އަދި ރަފާތުގެ ގުނަވަންތަކުން ހަ މީހަކަށް އާ ހަޔާތެއް ލިބުނީތީ އެމީހުން ފަޚުރުވެރިވެ އެވެ. މަރުވެގެން ދަމުން ވެސް ރަފާތު ވަނީ އޭނާގެ ދީލަތިކަން އިންސާނިއްޔަތަށް ފޯރުކޮށްދީފަ އެވެ.