ލައިފްސްޓައިލް

މަތިންދާބޯޓުން ކާގޯ ބާލަން އުޅުނު މީހަކަށް ނިދިއްޖެ

ބައެއް ފަހަރަށް އިވޭ ބައެއް ވާހަކަ ތަކަކީ ހަގީގަތެއްކަން ގަބޫލުކުރަން ވެސް ދަތިވެ އެވެ. ސަބަބަކީ އެފަދަ ވާހަކަތައް ގިނައިން ފެންނަނީ ފިލްމުތަކުން ކަމަށް ވާތީ އެވެ. ދާދިފަހުން ހިނގި ވަރަށް އަޖައިބެއް ކަހަލަ ހާދިސާ އަކީ ވެސް މިފަދަ ވާހަކަ އެކެވެ. މި ވާހަކަ ފުރަތަމަ އަޑުއިވުމުން ގަބޫލުކުރަން ދަތިވާނެ އެވެ. ހީވާނީ އެއީ ފިލްމެއްގެ މަންޒަރެއް ކިޔައިދެނީ ހެންނެވެ.

އިންޑިއާގެ މުމްބާއި އިން އަބޫ ދާބީ އަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ މަތިންދާބޯޓަކަށް ކާގޯ އެރުވުމުގެ މަސައްކަތް ކުރި މީހަކަށް އެ ބޯޓުގެ ކާގޯ ބަރުކުރާ ބައިގައި މަސައްކަތް ކުރަނިކޮށް ނިދުނީ އެވެ. އޭނާ ނިދާފައި އޮތީ ފޮށިތަކުގެ ބިއްދަށުގައި ކަމުން އެއްވެސް މީހަކަށް އޭނާ އެތާ އޮތް ކަމެއް ނޭނގެ އެވެ. މީހުންނަށް އޭނާ އެތަނުގައި އޮއްވާ ފެނުނީ ބޯޓު ފުރައިގެން ގޮސް އަބޫ ދާބީގައި ޖެއްސި ފަހުންނެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ބޯޓުގެ ކާގޯ ބަޔަށް ފޮށިތައް ބާލަން އެރި މީހުންނަށް ފެނުނުއިރުވެސް މި މީހާ އޮތީ ގަދަޔަށް ނިދާފަ އެވެ. އެންމެ ފަހުން ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދައިގެން އެމީހާ އަނބުރާ އިންޑިއާ އަށް ފޮނުވާލީ އޭނާ ދަތުރުކުރި ބޯޓުގެ ފަސިންޖަރެއްގެ ގޮތުގައި އެ ބޯޓުންނެވެ.

އިންޑިއާ ޓުޑޭގައިވާ ރިޕޯޓެއްގައި ދަ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންއާ ހަވާލާދީ ބުނެފައިވަނީ މި މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.

ޑައިރެކްޓަރު ޖެނެރަލް އޮފް ޑީޖީސީއޭ އަރުން ކުމާރު ވިދާޅުވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު މުމްބާއި އިން އަބޫ ދާބީ އަށް ދަތުރުކުރި އިންޑިގޯ އެއާކްރާފްޓަކަށް ބެގޭޖް އަރުވަން އުޅުނު ލޯޑަރަކު އެ އެއާކްރާފްޓްގެ ބެގޭޖް ކޮމްޕާޓްމަންޓް އެކެއްގެ ތެރޭގައި ކުޑަކޮށް ވަރުބަލިފިލުވާން ޖައްސާލި ތަނާ ނިދިފައި އޮތް ކަން ވަނީ ޔަގީން ކޮށްދީފަ އެވެ.


އޭނާ ވިދާޅުވީ އެމީހާ އޮތީ ފޮށިތަކުގެ ބިއްދޮށުގައި ކަމުން އެއްވެސް މީހަކަށް އޭނާ އޮތްކަން ނޭނގުނީ އެވެ.

އެމީހާއަށް ހޭލެވުނީ މަތިންދާބޯޓު މުމްބާއި އިން އަބޫ ދާބީ އަށް ދާން ނައްޓާލި ފަހުން ކަމަށާއި ބޯޓު ޖެއްސިފަހުން އަބޫ ދާބީގެ އެއާޕޯޓު އޮފިޝަލުންނަށް އެމީހާ ކާގޯ ބައިގައި ހުރިކަން އެނގިގެން ގެންގޮސް ހެލްތު ސްކްރީނިން ހެދި ކަމަށެވެ.

އެމީހާއަށް ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމާވެފައި ނެތްކަން ޔަގީންވުމުން އޭނާ އައި ބޯޓުގައި އަނބުރާ ފޮނުވާލީ ކަމަށް އޮފިޝަލު ބުނެފައި ވެއެވެ.

އެއާލައިނުން ބުނެފައިވަނީ އެހާދިސާ ހިނގިކަން އެނގިފައިވާ ކަމަށާއި މައްސަލަ ހިނގި ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.