ދުނިޔެ

އަބޫދާބީން ފުރައިގެން ކެރެލާއަށް ދަތުރުކުރި ބޯޓެއްގެ އިންޖީނުގައި ހުޅުހިފައި އެނބު ޖައްސައިފި

ޔޫއޭއީގެ އަބޫދާބީން ފުރައިގެން ކެރެލާއަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއްގެ އިންޖީނުގައި އަލިފާން ރޯވުމުގެ ސަބަބުން އެނބުރި ޔޫއޭއީއަށް ޖައްސައިފި އެވެ.

އޮފިޝަލުން ބުނާ ގޮތުން އެއާ އިންޑިއާ އެކްސްޕްރެސްގެ މި މަތިންދާބޯޓުގައި ރޯވީ އެއް އިންޖީނުގަ އެވެ.

އިންޑިއާގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ އޭޝިއަން ނިއުސް އިންޓަލޭޝަނަލް އިން ބުނާ ގޮތުން މަތިންދާބޯޓުގެ އިންޖީނުގައި ރޯވިއިރު ބޯޓު އޮތީ ބިމުން މައްޗަށް 1.000 ފޫޓަށް އަރާފަ އެވެ.

މި ފްލައިޓުން 184 މީހުން ދަތުރުކުރި އެވެ. މި ހާދިސާއާ ގުޅިގެން ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަނުން ބުނާ ކަމަށް ހިންދުސްތާން ޓައިމްސް އިން ވަނީ ބުނެފަ އެވެ.

މިއީ ވައިގެ ދަތުރުފަތުރުގައި ހިނގި ނުރައްކާތެރި ހާދިސާއެއް ގޮތުގައި ރެކޯޑްކުރެވޭނެ ކަމަށް ސިވިލް އޭވިޝަނުން ބުނެ އެވެ. އަދި ދަތުރުވެރިން ގައުމަށް ފޮނުވުމަށްޓަކައި ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން އަލިފާން ރޯވުމާ ގުޅިގެން އެނބުރި ބިމަށް ޖެއްސުމާ ހަމައަށް 45 މިނެޓް ހޭދަކުރަން ޖެހުނެވެ.

މީގެ ދުވަސްކޮޅެއް ކުރިން އޮމާނުން ފުރައިގެން ޓްރިވެންޑްރަމަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާބޯޓެއް ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އެނބުރި އޮމާންގެ ވެރިރަށް މަސްގަތަށް ވެސް ޖައްސާފަ އެވެ.

މަސްގަތު އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް އެއާ އިންޑިއާ އެކްސްޕްރެސްގެ މަތިންދާބޯޓަކުން ދުންއަރާތީ އެ ބޯޓު ދުރަށް ގެންދަން ޖެހުނު ހާދިސާއެއް ވެސް ވަނީ މިދިޔަ އަހަރު ދިމާވެފަ އެވެ.