އިންޑިއާގެ ދެހެރާދޫން އިން މުމްބައި އަށް ދަތުރުކުރި ގޯ ފަސްޓް އެއާލައިންގެ މަތިންދާބޯޓެއްގެ އެއާކޮންޑިޝަނިން ސިސްޓަމް ހުއްޓި، އޭގެން ދަތުރުކުރި ފަސިންޖަރުންގެ ތެރެއިން ތިން މީހަކު ހޭ ނެތި ވަރަށް ގިނަ މައްސަލަތައް ދިމާވެއްޖެ އެވެ.
މުޅިން ފުރިފައި އޮތް މި ފްލައިޓް ތެރޭގައި އެއާކޯނުން ފިނި ނުވާ ކަމަށް ބުނެ ފަސިންޖަރުންތަކެއް ޝަކުވާކުރާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ފްލައިޓުން ދަތުރުކުރި ރޯޝަނީ ވާލިއާ ކިޔާ މީހަކު ޝެއާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ފްލައިޓުން ކުރި ދަތުރަކީ މިހާތަނަށް މަތިންދާބޯޓެއްގައި ކުރެވުނު އެންމެ ގޯސް ތަޖުރިބާ ކަމެކެވެ.
"ފުލް ފްލައިޓެއްގައި އޭސީ މަސައްކަތް ނުކުރުމުގެ ސަބަބުން ފަސިންޖަރުން ނޭވާ ނުލެވިގެން ތެޅިފޮޅޭ މަންޒަރާއި ދާހިތްލާ ފޯވެގެން މީހުންތައް ހަދާނެގޮތް ހުސްވި. ކީމޯ ޕޭޝަންޓަކަށް އެއްގޮތަކަށް ވެސް ނޭވާ ނުލެވިގެން އުޅުނުއިރު އިތުރު ތިން މީހަކު ހޭނެތުނު،" ރޯޝަނީގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.
ފްލައިޓުގައި ތިބި އެންމެން ޝަކުވާ ކުރަމުން ދިޔައިރު އެކަކު ބުނީ އޭސީ ރަނގަޅަށް މަސައްކަތް ކުރޭތޯ ނުބަލާ އެއާލައިނުން ފްލައިޓް އުދުއްސާލައިގެން ނުވާނެ ކަމަށެވެ.
މި ވީޑިއޯ ވައިރަލް ވުމުން އެއާލައިނުން ބުނެފައިވަނީ މިކަމެއް ހިނގާ ދިޔަ ގޮތުގެ ތަފްސީލު އެމީހުންނާ ހިއްސާ ކުރުމަށާއި އޭރުން އެކަންވީ ގޮތް ބަލާނެ ކަމަށެވެ.