ދުނިޔެ

"ވައިގެ ސަރަހައްދު ބޭނުން ނުކުރަން ގޮވާ ނުލެވޭނެ"

ވައިގެ ދަތުރުފަތުރާ ގުޅޭ އެއްވެސް ކަމެއް ސިޔާސީ ނުކުރުމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ގޮވާލާއިފި އެވެ. އަޔާޓާއަށް މި މޭރުމުން ބަޔާނެއް ނެރެން ޖެހުނީ ބެލަރޫސްގެ ވައިގެ ސަރަހައްދަށް މަތިންދާބޯޓްތައް ނުވަންނަން ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީން އެނގުމާ ގުޅިގެންނެވެ.

ބެލަރޫސްގެ ވައިގެ ސަރަހައްދަށް މަތިންދާބޯޓުތައް ނުވަންނަން ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީން ގޮވާލި ސަބަބަކީ މެއި 23 ގައި ގުރީކުން ފުރައިގެން ލިތުއޭނިއޭއަށް ދަތުރު ކުރި ރިއާން އެއާގެ މަތިންދާބޯޓެއް ބެލަރޫސްގެ ވައިގެ ސަރަހައްދުން ހައިޖެކްކޮށް އެ ގައުމުގެ ވެރިރަށް މިންސްކްއަށް ޖައްސަން މަޖުބޫރު ކުރުމުންނެވެ.

ރިއާންއެއާގެ ފްލައިޓް ޑައިވާޓް ކުރުމާ ގުޅިގެން އެ އެއާލައިނުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ބޯޓުގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ކޮންޓްރޯލް ޓަވަރުން ޕައިލެޓަށް އެންގި ކަމަށެވެ. އަދި އަސްކަރީ ފައިޓާ ޖެޓެއް ބޯޓާ ކައިރިކޮށް މަގު ބަދަލު ކުރަން ޕައިލެޓަށް އެންގި ކަމަށެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ ޑައިރެކްޓާ ޖެނެރަލް ވިލީ ވޯލްޝް ވިދާޅުވީ އޭވިއޭޝަންގެ ރައްކާތެރިކަަން ސިޔާސީ ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި ބެލަރޫސްއިން ވެސް ކުރީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ވައިގެ ދަރުތުފަތުރާ ގުޅުން ހުރި އެއްވެސް ކަމެއް ކުޅޭކުޅޭ ކަމަކަށް ހަދައިގެން ނުވާނެ ކަމަށައި މިއީ އެތައް ބައެއްގެ ފުރާނައާ ގުޅިފައިވާ ކަމެއް ކަމަށް ވިލީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ބެލަރުސްގެ ގަސަދުގައި އޮތީ ކޮން ކަމެއްކަން ހޯދާ ބަލަން ޖެހޭ ކަމަށެވެ.