ދުނިޔެ

ގާޒާ ބިނާ ކުރަން މިސްރުން މީހުނާއި ތަކެތި ފޮނުވަނީ

ރަފާ ބޯޑަރު ހުރަސްކޮށް މިސްރުން ފަލަސްތީނުގެ ގާޒާއަށް އިންޖިނޭރުންނާއި ކޮންޝްޓްރަކްޝަން އާލާތްތައް ފޮނުވައިފި އެވެ. މިސްރުން މިހާރު މަސައްކަތް ކުރަނީ އަރަބި އެކުވެރި ގައުމުތަކާ ގުޅިގެން ގާޒާ އަލުން އާބާދުކޮށް އާދައިގެ ހާލަތަށް ގެނެވޭތޯ އެވެ.

"އަލް އަހްރާމް" ދުވަހު ނޫހުން ބުނީ ގާޒާއިން ކުނިބުނި ޖަމާކޮށް މަގުތަކާއި ގޮނޑުދޮށް ސާފު ކުރާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކުގައި އާންމުކޮށް ބޭނުންކުރާ މަތުގައް އާދައިގެ ހާލަތަށް އަލުން ގެންގޮސް ދަތުރުފަތުރު ފަސޭހަ ކުރާނެ ކަމަށެވެ.

ގާޒާގެ އިމާރާތްތަކަށް ލިބިފައި ހުރި ގެއްލުން މިސްރުގެ އިންޖިނޭރުން ބަލައި މަރާމާތަށް ބޭނުންވާ ތަންތައް ލިސްޓް ކުރާނެ ކަމަށާއި އުންމީދަކީ މަސައްކަތްތައް އަވަސް ކުރުން ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.

މިސްރުން ބުނީ މިސްރުގެ ޓީމްތަކުން ކުރާނީ މިސްރުން ކޮށްދޭ މަސައްކަތްތައް ކަމަށާއި ޓީމްގެ ބޮހަކީ ރައީސް އަބްދުލް ފައްތާހް އަލްސީސީ ކަމަށެވެ. އަދި ބުނީ މިސްރުން 500 މިލިއަން ޑޮލަރު ގާޒާ ބިނާ ކުރަން ހޭދަ ކުރާނެ ކަމަށެވެ.

ސައޫދީ އަރަބިއްޔާއާ ޔޫއޭއީ އަދި ގަތަރުން ވެސް ބޮޑެތި އަދަދުތަކުން ވަނީ އެހީ ދީފަ އެވެ. ބައިނަލްއަގުވާމީ އޭޖެންސީތައް މެދުވެރިކޮށް ދޭ އެހީ ހޭދަ ކުރާނީ އެހީ ދިން ކަންކަމަކަށެވެ. އެއީ ސިއްހީ މަރުކަޒުތަކާއި ސްކޫލްތަކަށް ދިން އެހީއެއް ނަމަ އެ ބޭނުން ކުރާނީ އެ މަސައްކަތް ތަކަށެވެ.

ޔަހޫދީ އިޒްރޭލުން ގާޒާއަށް ދިން މިސައިލް ހަމަލާތަކުުގައި 232 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކުދިންނާއި އަންހެނުން ހިމެނެ އެވެ. އެކިވަރަށް އަނިޔާވި މީހުންގެ އަދަދު 2000 އަށް ވުރެ މަތިވާނެ ކަމަށް ފަލަސްތީންގެ އިދާރާތަކުން ބުނެ އެވެ.

މިސްރު މެދުވެރިވެ ދެއްކި ވާހަކައަށް ފަހު އިޒްރޭލާ ހަމާސްއިން ވަނީ ހަމަލާ ހުއްޓާލަން އެއްބަސްވެފަ އެވެ.