ދިރިއުޅުމުގައި އެއްވެސް ފިޔަވަޅެއް އަޅާނަމަ ގައުމުގެ ގުދުރަތީ ނިޒާމަށް ގެއްލުން ނުވާނެހެން ކަންކަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ ގައުމުގެ އިގްތިސޯދު ބިނާވެފައި ވަނީ ގުރުރަތީ ނިޒާމުގެ މައްޗަށް ކަމަށެވެ. އެގޮތުން މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާއަތްތަކުގެ ނަފާގެ އިތުރުން އަންނަން އޮތް ޖީލުތަކަށް މިސިނާޢަތްތައް ފޯރުކޮށްދެވޭނީ މާހައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތްކޮށްގެން ކަމަށެވެ.
މި އަހަރުގެ ތިމާވެށީގެ ދުވަހަށް އދ.ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިޢާރަކީ "މާހައުލީ ނިޒާމު އިއާދަކުރުން" މިއެވެ. މި ޝިއާރަށް އަލިއަޅުއްވައިލަމުން މާހައުލީ ނިޒާމު އިއާދަކުރުމުގެ މާނައެއްގެ ގޮތުގައި ރައީސް ވިދާޅުވީ ގެއްލުންވެފައިވާ ނުވަތަ ހަލާކުވެފައިވާ މާއުލީ ނިޒާމެއް އަލުން އޭގެ ތަބީއީ ހާލަތަށް އެނބުރި އިއާދަކުރުމުގައި އެހީތެރިވުން ކަމަށެވެ. އަދި ގެއްލުމެއް ނުލިބި ހުރި މާހާއުލީ ނިޒާމުތަކަށް އިތުރު ގެއްލުމެއް ލިބުނަ ނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ.
ރާއްޖޭގެ މާހައުލީ ނިޒާމަށް ބަލާއިރު، 2030 ވަނަ އަހަރާ ހަމައަށް ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ އެންމެ ކުޑަވެގެން 20 ޕަސެންޓް ހިމާޔަތްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ކަނޑުގެ 30 ޕަސެންޓް ހިމާޔަތްކުރުމުގެ ބައިނަލްއަގްވާމީ މަސައްކަތުގައި ރާއްޖެއިން ވެސް ބައިވެރިވާނެ ކަމަށް ވިދާޅުވި އެވެ.
"ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް ރަށު ފެންވަރުގައްޔާއި ސަރަހައްދީ ފެންވަރުގައި ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދޭ. އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނައިރު، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ގާއިމުކުރެވިފައިވޭ." ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި ދުނިޔެ ހޫނުވުމާއި ގުޅިގެން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ރާއްޖެއަށް ވަރަށް ބޮޑަށް ކުރެ އެވެ. އިތުރަށް ވިދާޅުވީ ނޫ އިގްތިސޯދުގެ ދަށުން ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެވެވި ގޮތެއްގައި ބޭނުންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.