އެޗްޑީސީ

ހުޅުމާލޭގައި ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ހަދަނީ

ހުޅުމާލެ ސްމާޓް ސިޓީއަކަށް ބަދަލު ކުރާ މަސައްކަތުގެ ތެރޭން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފި އެވެ.

މިއީ އެޗްޑީސީގެ ހިދުމަތްތަކާއި ފަންނީ އެހީތެރިކަން ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރު ކޮށްދިނުމުގެ ގޮތުން ފެށި "ގޯ ބިޔޯންޑް ހުޅުމާލެ" ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އެޗްޑީސީގެ މި މަސައްކަތުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ޑިވެލޮޕަރުންނަށް ފުރުސަތުތައް އިތުރުކޮށްދީ އެ ކޯޕަރޭޝަންގެ މަސައްކަތްތަކުގައި ގިނަ ފަންނީ ދިވެހިން ބައިވެރި ކުރުމެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް އެޗްޑީސީ އާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ދިނުމެވެ.

ޕޫލަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލައިފައިވާއިރު އެކުލަވާލާ ޓީމުގެ މެމްބަރުންނަކީ ދިވެހިންނަށް ވާންޖެހެ އެވެ. ނަމަވެސް ކޮންސަލްޓަންސީގެ ގޮތުގައި ބޭރު ފަރާތްތައް ހިމެނެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން 14 ޖޫންގެ 11:00 އިގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދީފައި ވެއެވެ.