އިބްރާހިމް އިސްމާއީލް (އިބްރާ)

ވަކިވަކި ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރުވާންޖެހޭ: އިބްރާ

Jun 5, 2021
3

ރައްޔިތުންގެ މަޖިލީހުން ބަލަމުންދާ ކަމެއްގައި މައުލޫމާތު ސާފު ކުރަން ވަކިވަކި ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރު ވާން އަންގައިފިނަމަ މަޖިލީހަށް ހާޒިރު ވާން ޖެހޭނެ ކަމަށް މިހާރުގެ ނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މުގައްރިރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

އިބްރާ މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ފުލުހުންނާއި ސިފައިން ހާޒިރު ވާން މަޖިލީހުން އެންގުމާ ގުޅިގެން އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނުމުންނެވެ.

މަޖިލީހާއި ޑިފެންސްގެ ހިޔާލު ތަފާތުވެފައިވާ މައްސަލާގައި އިބްރާ ވިދާޅުވީ މަޖިލީހުން ބަލަމުންދާ ކަމެއްގައި ވަކިވަކި ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރުވާން އަންގައިފިނަމަ އެކަން ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ވަކިވަކި ސިފައިންނާއި ފުލުހުން މަޖިލީހަށް ހާޒިރު ކޮށްގެން "ޖަވާބުދާރީ" ކުރުވުމަކީ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް މަޖިލީހުން ބަލަމުންދާ ކަމެއްގައި މައުލޫމާތު ހޯދުމަށް ހާޒިރުވާން އެންގުމުން ހާޒިރުވެ ތެދު ބަހުން ޖަވާބު ދޭން ޖެހޭނެ،" ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގައި މާލޭގެ މެންބަރު ކަން ކުރެއްވި އިބްރާ ވިދާޅުވި އެވެ.

މަޖިލީހުން ތަހުގީގެއްގެ ސިފައިގައި ބައެއް ކަންކަން ކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވީ މަޖިލީހަކީ ތަހުގީގީ އިދާރާއެއް ނޫން ކަމަށާއި އެހެން ކަމުން މަޖިލީހުން ހިންގާ ތަހުގީގަކަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ޖަވާބުދާރީކޮށް ފިޔަވަޅު އެޅުމުގެ ބާރުވެސް މަޖިލީހަށް ލިބިގެން ނުވާ ކަމަށެވެ.

އިބްރާ ގަބޫލުކު ރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރަކީ އިހްލާސްތެރިކަމާއެކު އުސޫލީ ބަދަލު ގެންނަން ދީފައި އޮތް ބާރެކެވެ. މަޖިލީހަށް މީހުން ހާޒިރު ކުރަނީ ކަމެއް ވެފައި އޮތް ގޮތް ނުވަތަ ރައްޔިތުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ކަންކަން އޮޅުން ފިލުވުމަށް ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމާއި ބައެއް ކަހަލަ މަގާމުތަކުގައި ތިބޭ މީހުން ވަކިކުރުމަކީ ވެސް މަޖިލީހަށް އޮތް ބާރެއް ކަން ފާހަގަކުރެއްވި އެވެ.

"މަޖިލީހަށް މީހުން ހާޒިރުކޮށްގެން ހޯދާ މައުލޫމާތުން އެމީހަކަށް ނުރަނގަޅު ނަތީޖާ ނިކުމެގެން ނުވާނެ. އެހެންވާނަމަ ތެދު ބަހުން ވާހަކަ ނުދައްކާނެ. މައުލޫމާތު ވަންހަނާ ކުރާނެ،" އިބްރާ ވިދާޅުވި އެވެ.

މަޖިލީހުގެ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނުމާ ގުޅިގެން މަޖިލީހާއި އެ މިނިސްޓްރީއާ ދެމެދު ހިޔާލުތަފާތުވުން އުފެދި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންގެ ފާޑު ކިޔުން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަށް އަމާޒުވެފަ އެވެ. އަދި މިމައްސަލާގައި މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ބޭފުޅުންގެ މެދުގައިވެސް ވަނީ ހިޔާލުތަފާތުުވުން އުފެދިފަ އެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް ފުލުހުންގެ އިދާރާއިން ބުނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ވަކިވަކި ފުލުހުން މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވާނެ ކަމަށެވެ.