ބޮލީވުޑް

ސަނީ ލިއޯންއާ ނަވާޒުއްދީން ސިއްދީގީ އެކުގައި!

Nov 13, 2015

އިންޑޯ-ކެނޭޑިއަން އެޑަލްޓް ތަރި ސަނީ ލިއޯން ވަނީ މަދު ބޮލީވުޑް ފިލްމުތަކެއް ކުޅެގެން އޭނާގެ ޖާދޫގައި އެތައް ބަޔަކު ޖައްސާފަ އެވެ. ސަނީ އާއެކު ފިލްމު ކުޅެން އިންކާރު ކުރާ ތަރިން ގިނަ ނަމަވެސް، ބައެއް ތަރިން އޭނާއާއެކު ފިލްމު ކުޅެން ގަބޫލުތަރިން ވެސް އުޅެ އެވެ.

މިހާތަނަށް ސަނީއާއެކު ބޮލީވުޑްގެ އެއްވެސް މަޝްހޫރު ތަރިއެއް ފިލްމު ކުޅެފައި ނުވި ނަމަވެސް އޭނާ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ ހިތްތަށް ފަތަހަކޮށްފަ އެވެ.

މިހާރު ސަނީ އަންނަ މަހުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މަސްތިޒާދޭ" ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ބުރަކޮށް ހަރަކާތްތެރި ވަމުން އަންނައިރު އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ސޮހެއިލް ޚާން އުފައްދާ ފިލްމެއްގައި އެކްޓަރު ނަވާޒުއްދީން ސިއްދީގީ އާއެކު ލީޑްރޯލު ކުޅުމުގެ ފުރުސަތު ސަނީ އަށް ވަނީ ހުށަހަޅާފަ އެވެ.

މިފިލްމަކީ ކޮން ކަހަލަ ފިލްމެއްކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނުގުޅޭ ދެތަރިން ލީޑްގައި ހިމެނުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ސަބަބަކީ ފިލްމެއް ކާމިޔާބުވުމުގައި ލީޑްތަރިންގެ މަގުބޫލުކަން ބޮޑު ރޯލެއް ކުޅޭތީ އެވެ.

މިއަހަރުގެ ކުރީކޮޅު ރިލީޒްވި "ޕީކޫ" ގައި ދިޕިކާ ޕަދުކޯން އާއި އިރްފާން ޚާން ވެސް ވަނީ އެކުގައި ފެނިގެން ގޮސްފަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ "އުޅްތާ ޕަންޖާބް"ގައި ކަރިނާ ކަޕޫރާއި ދިލްޖިތް ދޮސަންޖްގެ ނުގުޅޭ ޖޯޑެއް އަނެއްކާ ވެސް ފެނިގެންދާނެ އެވެ.

ސަނީ އާއެކު ފިލްމު ކުޅެން ބޮލީވުޑްގެ މަޝްހޫރު ތަރިން އިންކާރު ކުރަމުން އަންނައިރު، ސަނީ އާއި ނަވާޒުއްދީން އެކުގައި ފިލްމަކުން ފެނިގެން ގޮސްފިނަމަ މިއީ ހަމަ ޔަގީނުންވެސް ވަރަށް މަދުން ނޫނީ ފެނިގެންނުދާނެ މަންޒަރެކެވެ.

މިހާތަނަށް ސަނީ ކުޅެފައިވަނީ އެޑަލްޓް ފިލްމުތަކުގެ އިތުރުން ސެކްސް ކޮމެޑީއަށް ވެފައި، އަނެއްކޮޅުން ނަވާޒުއްދީން އަކީ ކޮމާޝިއަލް މޮޅެތި ފިލްމުތައް ކުޅެން އިސްކަންދޭ ތަރިއަކަށް ވުމުން މިދެތަރިން ފިލްމަކުން ފެނިގެންގޮސްދާނެ ކަން ގަބޫލުކުރަން ގިނަ ބަޔަކަށް ދައްޗެވެ.

ސަނީ އާއެކު ގިނަ ތަރިން ފިލްމު ކުޅެން އިންކާރު ކުރަނީ އޭނާ ނިވާކަން ކުޑަ ހެދުން އަޅައިގެން ބޭއަދަބީ ހަރަކާތްތައް ދައްކާތީވެ އެވެ. އެގޮތުން ސަނީ ވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ދެތަރިން ކަމަށްވާ ޝާހްރުކް ޚާން އާއި ސަލްމާން ޚާނާއެކު ފިލްމު ކުޅެން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެދެތަރިންގެ ފަރާތުން މިކަމާ ގުޅިގެން އެދެވޭ ޖަވާބެއް ނުލިބުމުން ސަނީ ވަނީ އެދެތަރިންނާއެކު ފިލްމު ކުޅެން ނުލިބުނަސް ފަރުވާލެއް ނެތް ކަމަށް ބުނެފަ އެވެ.