ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި ބިލާ ދެކޮޅަށް ޖަމިއްޔަތުއް ސަލަފުން ތެދުވެއްޖެ އެވެ.
އެ ޖަމިއްޔާއިން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވަނީ ދީނީހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށެވެ. އެ ބިލާ ގުޅިގެން ސަލަފުން އިސްވެ ރާއްޖޭގެ އެކިކަން ކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ އިލްމުވެރީންނާއެކު މިރޭ މަޝްވަރާކޮށްފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ސަރުކާރުން ހުށައަޅުއްވާފައިވާ ބިލުގެ ނުރައްކާތެރިކަމާއި ދީނީ ނަސޭހަތްދިނުމުގެ މައިދާނަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވި ކަންބޮޑުވުންތައް ވަނީ ހިއްސާ ކޮށްފައިވާ ކަމަށާ އަދި މި ބިލް ހުށައެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލްގެ ނަމުގައި ބިލް އިޝްތިހާރު ކުރެވިގެން ގޮސްފައިވުމުގައި އާންމު ރައްޔިތުންނަށް ބިލުގެ އަސްލު މަގުސަދާއި ހަގީގަތް އޮޅޭނޭ ފަދައިން އޮތުންވެސް ކަންބޮޑުވުމެއްގެ ގޮތުގައި އިލްމުވެރީން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މާދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭނޭ ކަމުގައިވެސް ބައްދަލުވުމުގައި ބައިވެރިވި ބައެއް ބޭފުޅުން ވިދާޅުވި ކަމަށެވެ.
ސަލަފުން ބުނީ މިރޭގެ ބައްދަލްވުމުގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ބިލުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް އާއްމުންނަށް ހަގީގަތް ސާފުކޮށްދިނުމާއި އަދި އެ ބިލު އެ އޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރެވެންހުރި އެހެނިހެން ކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްމުވެރީންގެ ކަންބޮޑުވުން ފޯރުކޮށްދިނުމުގެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.