ރޭޕްގެ ތުހުމަތުގައި ޓީވީ އެކްޓަރު ޕާލް ވީ. ޕޫރީ ހައްޔަރުކޮށްފި އެވެ. އަދި މިހާރު އޭނާ ވަނީ 14 ދުވަހުގެ މުއްދަތަށް ޖަލަށް ލާފަ އެވެ. ޕާލް ހައްޔަރުކުރީ ހުކުރު ދުވަހު މުމްބައި އިން ކަމަށް އިންޑިޔާގެ މީޑިއާތަކުން ބުނެފައި ވެއެވެ. އަދި ހޮނިހިރު ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން 14 ދުވަހުގެ މުއްދަތެއް އޭނާގެ ބަންދަށް ވަނީ ޖަހައިދީފަ އެވެ. އަށާރަ އަހަރު ނުފުރޭ ކުޑަ ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތު ޕާލްގެ މައްޗަށް ކޮށްފައި ވެއެވެ.
ނަމަވެސް ޕާލް މިފަދަ ކަމެއް ކޮށްފާނެކަމަކަށް އޭނާއާއެކު ޓީވީ ސިލްސިލާތަކުގައި މަސައްކަތްކުރި އެއްވެސް އެކްޓަރަކު ގަބޫލެއް ނުކުރެ އެވެ. އަދި ގިނަ ސިލްސިލާތަކެއް ޕްރޮޑިއުސްކުރާ މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވެސް ގަބޫލުކުރާ ގޮތުގައި ޕާލް އަކީ ކުށެއް ނެތް މައުސޫމް މީހެކެވެ.
އެކްތާ ބުނި ގޮތުގައި އަންހެންކުއްޖާގެ މަންމަ ދައްކާފައިވާ ވާޙަކަ ތަކުން ވެސް ޕާލްގެ ކުށެއް ނެތް ކަން ސާބިތުވެ އެވެ. އޭނާ ޕާލް އާ އެއްކޮޅަށް ވާހަކަ ދައްކަނީ އަންހެންކުއްޖާގެ މަންމަގެ ވާހަކަ އަޑުއަހާފަ އެވެ.
ޕާލް ބަތަލުގެ ބައިކުޅެފައިވާ ސިލްސިލާ "ނާގިން 3"ގައި އޭނާ އާއެކު ބަތަލާގެ ބައި ކުޅުނު ކަރިޝްމާ ތަންނާ ވެސް ބުނަނީ ހައްގަށް ނަސްރު ލިބޭނެ ކަމަށާއި މި ތުހުމަތުތަކުން ޕާލް ސަލާމަތް ވާނެ ކަމަށް ޔަގިންކުރާ ކަމަށެވެ.
ޕާލް އާއެކު "ނާގިން 3"ގައި މަސައްކަތް ކޮށްފައިވާ އަދިތީ ޝަރުމާ ވެސް ބުނެފައިވަނީ ޕާލް އަކި އެފަދަ ކަމެއް ކުރާ ވަރަށް ވުރެ މާ ޚުލްގު ރަނގަޅު މީހެއް ކަމަށެވެ. އަދި ހަގީގަތް ވަރަށް އަވަހަށް ހާމަވެގެން ދާނެކަމަށް ޔަގީންކުރާ ކަމަށާއި އެމީހުން އެންމެން ތިބީ ޕާލް އާއެކުގައި އޭނާއަށް ފުރިހަމައަށް ތާއީދުކޮށްގެން ކަމަށް އަދިތީ އިންސްޓަގްރާމްގައި ޝެއާކުރި މެސެޖެއްގައި ބުނެފައި ވެއެވެ.
ޓީވީ އެކްޓަރު ރަކްޝަންދާ ޚާން އިންސްޓަގްރާމު ކުރި މެސެޖެއްގައި ބުނެފައިވަނީ ޕާލް މިފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާ އުޅޭ އުޅުމުން ދުވަހަކުވެސް ހީވެފައި ނުވާ ކަމަށާއި ވީމާ އޭނާގެ އިތުބާރު ޕާލް އަށް ފުރިހަމައަށް އޮތް ކަމަށެވެ.
ޕާލްއަށް ތާއީދުކޮށް ފާޅުގައި ސޯޝަލް މީޑިއާގައި މެސެޖުތައް ޝެއާކުރި ޓީވީ އެކްޓަރުންގެ ތެރޭގައި އަރްޖުން ބިޖިލާނީ، އަނީތާ ހަސަނަންދާނީ، ރިދިމާ ޕަންޑިތު އަދި ހީނާ ޚާން ފަދަ އެކްޓަރުން ހިމެނެ އެވެ.
ޕާލް ތައާރަފްވީ 2013 ގައި ސޮނީ ޓީވީން ދެއްކި ސިލްސިލާ "ދިލް ކީ ނަޒަރް ސޭ ޚޫބްސޫރަތު" އިންނެވެ. ފަހުން އޭނާ ވަނީ ސްޓާ ޕްލަސްގެ "ޕިރް ބީ ނާ މާނޭ: ބަދްތަމީޒު ދިލް" ކުޅެފަ އެވެ. ގިނަ ސިލްސިލާތަކެއް ކުޅެއިވާ ހުނަރުވެރި ރީތި އެކްޓަރަކަށް ވާތީ ސޯޝަލް މީޑިއާގައި ޕާލްގެ ފޭނުން ވަރަށް ގިނަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތަކަށް ވެއްޖެނަމަ ވަރަށް ގިނަ ފޭލުން އޭނާއަށް ނަފްރަތުކުރަން ފަށާނެ އެވެ.