ރޭޕް

ގޭންގް ރޭޕެއްގައި ހިމެނޭ މީހަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ގްރޫޕް ހަދައިގެން އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

މީގެ 13 އަހަރު ކުރިން، ގްރޫޕް ހަދައިގެން 18 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ހިމެނިފައި އޮތުމަށްފަހު، ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސީސައިޑް، ހުސައިން އާޒިފް އެވެ.

ހުސެއިން އާޒިފް، ވައްކަމާއި ހުއްދަ ނެތި ގޯތި ގެދޮރަށް ވަނުމުގެ މައްސަލައެއްގައި ހޮނިހިރު ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ވަނީ އަމުރުކޮށްފައެވެ.

އާޒިފްގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާއަކީ ކުރިންވެސް ކުށުގެ ރެކޯޑްތަކެެއް އޮންނަ މީހެކެވެ. އަދި ތުހުމަތު ކުރެވުނު ވައްކަމާއި ހުއްދަ ނެތި ގޯތި ގެދޮދަށް ވަނުމުގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަން ގާޒީ ފާހަގަ ކުރައްވާފައިވެ އެވެ.

އާޒިފްއަކީ 2011 ވަނަ އަހަރު ލ. މާބައިދޫގައި މަގުމަތިން ހިނގާފައި ދިޔަ 18 އަހަރުގެ އަންހެން ކުއްޖަކު ގަދަކަމުން އެރަށު ފުއްޓަރު ފަރާތަށް ގެންގޮސް، ރޭޕްކުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. އެ މައްސަލައާ ގުޅިގެން އޭރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ. އަދި އޭރުވެސް އޭނާގެ މައްޗަށް ވައްކަމުގެ މައްސަލައެއްގެ ތުހުމަތުވެސް ކުރެވުނު ކަމަށް ރެކޯޑްތަކުން ދައްކައެވެ.