ހަބަރު

ރޭޕް ކުރަން އުޅެނިކޮށް ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފި

Apr 12, 2019
7

ރޭ މާލޭގެ ގެސްޓް ހައުސްއެއް ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅެނިކޮށް ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލަން ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މާފަންނު ގެސްޓް ހައުސްއެއްގެ ތެރެއިން ރޭ ހައްޔަރުކުރީ 33 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން ދޫކޮށްލާފައިވަނީ 32 އަހަރުގެ މީހާ އެވެ. ދޫކޮށްލަން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ދެން ހައްޔަރުކުރި 33 އަހަރުގެ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ފަސް ދުވަސް ޖަހާފަ އެވެ.

އެ ދެ މީހުން ވެސް ރޭ ހައްޔަރުކޮށްފައިވަނީ މާލެ ތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ގެސްޓް ހައުސްގެ ތެރެއިން އަންހެނަކު ހަޅޭލަވާ އަޑު އިވުމާއެކު އެތަނުގެ އެތެރެއަށް ވަދެ ބެލި ބެލުމުގެ ތެރޭގަ އެވެ.

ފުލުހުން ރޭ ބުނެފައިވަނީ އަންހެން މީހާ ރޭޕް ކުރަން އުޅެފައިވަނީ ހަތަރު މީހަކު ވެގެން ކަމަށެވެ. ގެސްޓް ހައުސްއަށް ފުލުހުން ވަތްއިރު ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ ފިލާފަ އެވެ.

އެމީހުން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތަށިތަކާއި ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.