މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީއަކަށްފަހު ފިލައިގެން އުޅުނު ބަޔަކު ރާއްޖެ އައުމުން ހައްޔަރުކޮށްފި

Sep 21, 2024

މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުންދިޔަ ތިން ދިވެހިން ރާއްޖެ އައުމާއެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު މާލޭގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކާމެދު މާރާމާރީ ހިންގާފައިވާ މައްސަލައަކާ ގުޅިގެން އެ ތިން މީހުން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ކޯޓު އަމުރެއްގެ ދަށުން މި މީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑުން ރާއްޖެ އައި ވަގުތު،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. މަސްކޮތަންގެ، ސިބްޠް އަބްދުﷲ (19އ) އާއި މާލެ، ހ. ދޮންތުނޑި މުހައްމަދު އަހްސަމް (26އ) އަދި ލ. ގަން، މުކުރިމަގު، އަސްވާނު މުހައްމަދު (28އ) އެވެ.

ފުލުހުން ބުނި ގޮތުގައި މީގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

"މި ތިން މީހުން ހޯދުމަށްވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވޭ. ތިން މީހުންވެސް ރާޢްޖެ އައިސްފައިވަނީ ފިލައިގެން އުޅެނިކޮށް ތައިލެންޑް އިން ޑީޕޯޓްކޮށްލުމުން،" ފުލުހުން ބުނެފައިވެ އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަސްވާން މުހައްމަދު ބަންދުން ދޫކޮށް ދެން ތިބި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.