ކްރިމިނަލް ކޯޓް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 40 އަހަރަށް ޖަލަށް

ކުޑަކުއްޖަކާއި އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައި، އެ ކުއްޖާގެ އޮރިޔާންކާޑު އުފެއްދި މީހަކު 40 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.

ލ. ކަލައިދޫއަށް ނިސްބަތްވާ މި މިހާއާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅީ 2018 ވަނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނެގުމުގެ ދައުވާ އެވެ.

މިގޮތުން އޭނާގެ މައްޗަށް ވަނީ ރޭޕްގެ ކުށާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށް ސާބިތުވެފަ އެވެ.

ރޭޕް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން މިއަދު ވަނީ އޭނާގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ އަދަބުގެ ގޮތުގައި 20 އަހަރަށް އޭނާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ނަމަވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ ދެ އަހަރާއި އެއް މަހާއި 14 ދުވަސް ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްފަ އެވެ.