ވިދާ ބަބުޅާ މުނިފޫހިފިލުވުމުގެ ދުނިޔޭގައި ލޯތްބާއި ކައިވެނީގެ ގުޅުންތަކަކީ ވަރަށް އަވަހަށް ފެށި ނިމޭ އެއްޗެކެވެ. ކޮންމެ ދުވަހަކުން ގައިން ބާލައި ބަދަލުކުރާ ހެދުން ފަދައިން ބައެއް މީހުން ލޯބިވެރިން ބަދަލު ކުރެ އެވެ.
ބޮލީވުޑް ފިލްމުތައް ކުޅެފައިވާ ޕާކިސްތާނު ބަތަލާ ޒޭބާ ބަޚްތިޔާރު ވެސް މިހާތަނަށް ހަތަރު ކައިވެންޏެއް ކޮށްފި އެވެ. އޭގެ ތެރެއިން ދެ ކައިވެންޏަކީ ބޮލީވުޑް ދެ ފަންނާނަކާ ކުރި ކައިވެނި ތަކެވެ. އެއީ ނެށުންތެރިޔާ އަދި އެކްޓަރު ޖާވީދު ޖެފްރީ އާއި ލަވަކިޔުންތެރިޔާ އަދުނާން ސާމީ އެވެ. ނަމަވެސް މި ދެ މީހުންނާ ކައިވެނި ކޮށްގެން ވެސް ޒޭބާއަށް އުޅެވުނީ ކުޑަ ދުވަސްކޮޅަކު އެވެ.
ހިންދި ފިލްމު ބަލާ ގިނަ ބަޔަކަށް ޒޭބާ އެނގެނީ 1991 ގައި ރިލީޒްކުރި ރާޖް ކަޕޫރުގެ "ހީނާ" ގައި އަދާކުރި ލޯބިލޯބި މައުސޫމް އަންހެންކުއްޖާގެ ރޯލުން ނަމަވެސް ޒޭބާގެ ޒާތީ ދިރިއުޅުން މި ފިލްމާ ހާސް ބައި ތަފާތެވެ. އެއްވެސް މީހަކާ ކައިވެނި ކޮށްގެން މާ ގިނަދުވަހު ނޫޅެވޭތީ އެވެ.
ޒޭބާ ފުރަތަމަ ކައިވެނިކުރީ ޕާކިސްތާނުގައި އޭނާ ދިރިއުޅޭ ރަށް ކަމަށްވާ ކުއެޓާގެ މީހަކާ އެވެ. އެ ދެ މީހުންނަށް އަންހެން ދަރިއަކު ވަނީ ލިބިފަ އެވެ. ޒޭބާގެ ދައްތައަކު މި ކުއްޖާ އެޑޮޕްޓް ކޮށްގެން ގެންދިޔައީ އެވެ.
އޭގެ ފަހުން ބޮލިވުޑް ފިލްމުތަކުގެ މަސައްކަތް ފެށިތަނާ 1989 ގައި ޖާވީދު ޖެފްރީ އާ ދިމާވެ އޭނާއާ ސިއްރުން ކައިވެނި ކުރި އެވެ. މި ކައިވެނީގެ ވާހަކަ މީޑިއާއަށް ފެންމަތިވުން ޒޭބާ ކަނޑައެޅިގެން އެކަމާ އިންކާރު ކުރަން ފެށުމުން ޖާވީދު ވަނީ ކައިވެނީގެ ސެޓްފިކެޓް މީޑިއާ އަށް ދައްކާފަ އެވެ.
ޖާވީދު އާއި ޒޭބާއަށް އެކުގައި އުޅެވުނީ ދެ އަހަރެއްހާ ދުވަހު އެވެ. އެހިސާބުން ދެވަނަ ކައިވެނި ވެސް ރޫޅުނީ އެވެ. ދެން ޒޭބާ ކައިވެނިކުރީ ލަވަކިޔުންތެރިޔާ އަދުނާނު ސާމީ އާ އެވެ.
ޒޭބާގެ ރީތިކަން ފެނި އޭރު އަދުނާނު ހުރީ އޭނާއާ ހެދި ދީވާނާ ވެފަ އެވެ. އޭނާ އާއި ޒޭބާ 1993 ގައި ކައިވެނި ކުރިއިރު އަދުނާނުގެ އުމުރުން އެންމެ 22 އަހަރެވެ. މި ދެ މީހުން އެކުގައި ޕާކިސްތާން ފިލްމު "ސަރްގަމް" ގައި މަސައްކަތް ކުރި އެވެ.
އަދުނާން އާއި ޒޭބާ އަށް ފިރިހެން ދަރިއަކު ލިބިފައި ވެއެވެ. އަޒާން އަދުނާން ސާމީ އެވެ. ނަމަވެސް އަދުނާނު އާ އެކު ވެސް ޒޭބާއަށް އުޅެވުނީ ހަތަރު އަހަރު އެވެ. ފަހުން 1996 ގައި ދެ މީހުން ވަނީ ވަކިވެފަ އެވެ.
ދަރިފުޅު ބެލުމުގެ ޒިންމާ ކޯޓުން ފުރަތަމަ ހަވާލުކުރީ ޒޭބާ އަށެވެ. ނަމަވެސް އަދުނާނު އާއި ޒޭބާގެ ގުޅުން ރަނގަޅުވެ ދެ މީހުން ބޭނުން ވެގެން ދެ މީހުން ވެގެން ދަރިފުޅު ބަލާގޮތަށް ހަމަޖެހުނީ އެވެ. މިއަދާ ހަމައަށް ވެސް ޒޭބާ އާއި އަދުނާން އަދި އަޒާންގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވެއެވެ.
ފަހުން ޒޭބާ ހަތަރު ވަނައަށް ކައިވެނި ކުރީ ޕާކިސްތާނު މީހެއް ކަމަށްވާ ސުހައިލް ޚާން ލިގާރީ އާއެވެ. މިއަދާ ޖެހެން ވެސް އޭނާ ހުރީ މި ކައިވެނީގެ މަތީގަ އެވެ.
"ހީނާ" ކުޅެގެން ބޮލިވުޑުގައި ޒޭބާ ވަރަށް ވިދާލި ނަމަވެސް އޭނާގެ ކެރިއަރު މާ ރަނގަޅަށް ގެންދެވޭ ގޮތް ނުވެ މާޔޫސްވުމުން އޭނާ އެނބުރި ޕާކިސްތާނަށް ދިޔައީ އެވެ. އަދި ދުވަސްކޮޅަކު ފިލްމު ކުޅުމަށްފަހު މިހާތަނާ ޖެހެން ދެން ވެސް ޓީވީ ސިލްސިލާތަކުގައި އޭނާ ދަނީ ބައިވެރި ވަމުންނެވެ.