ހަބަރު

ސިވިލް ކޯޓްގެ ފަސް ޑިވިޒަން ހިނގާ އިޖްރާއަތުތައް ބޮޑެތި ބަދަލުތަކާއެކު ސުޕުރީމް ކޯޓުން ނެރެފި

Jan 14, 2015

ސިވިލް ކޯޓުގެ މައްސަލަތައް ފަސް ބަޔަކަށް ބަހާލައި، އެ މައްސަލަތައް ބެލުމަށް އެ ކޯޓުގައި ގާއިމް ކުރި ފަސް ޑިވިޒަން އަންނަ މަހުގެ 15 އިން ފެށިގެން އަމަލު ކުރަން ފަށާއިރު އެ ޑިވިޒަންތައް ހިނގާނެ ގޮތުގެ އިޖުރާއާއަތުތައް ބޮޑެތި ބަދަލުތަކާއެކު ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވާ މިރޭ ނެރުއްވި އިޖްރާއާތާކުގައިވާ ގޮތުން ޝަރީއަތަކާއި ނުލައި މައްސަލަތަކަށް ސުލްހަވެރި ހައްލު ހޯދައި ދިނުމާބެހޭ ބައި ނުވަތަ ޑިސްޕިއުޓު ރިޒޮލިއުޝަން ޑިވިޒަންގައު ސިވިލް ކޯޓްގެ އިސްހުތިސޯސްތެރޭގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން އެއްވެސް މައްސަލައަކާ ގުޅިގެން ދައުވާއެއް ބަލައި ގަތުމަށް އުސޫލާއެއްގޮތަށް ބަލައިގަންނަ ތާރީހުން ފެށިގެން ތިން ދުވަސްތެރޭގައި ޝަރީއަތަކައި ނުލައި ހައްލު ހޯދައި ދިނުމަށް ޑިސްޕިއުޓު ރިޒޮލިއުޝަން ޑިވިޒަނަށް ތަހުވީލް ކުރަންޖެހެ އެވެ. އަދި އެތާރީހުން ފެށިގެން ހަފުތާއެއްގެ ތެރޭގައި އެ މައްސަލައެއް ހިންގުމަށް އިޖުރާއީ ފިޔަވަޅު އަޅައި ނިންމަންޖެހެ އެވެ.

މީގެ އިތުރުން މި ޑިވިޒަނަށް ހުށަހަޅަނީ ޝަރީއަތާއި ނުލައި އަވަހަށް ސުލްހަވެރި ހައްލު ހޯދަން ކަމަށްވާތީ އެފަދަ މައްސަލަތައް ހިންގާނީ ގާނޫނީ ވަކީލުން ނުލައި އަސްލު ދެފަރާތް ހާޒިރުކޮށް ހެކީގެ މައްޗަށެވެ. އަދި މި ބައިގައި ބަލާ މައްސަލަތަތަކުގެ އަޑުއެހުންތަކުގައި ދެ ފަރާތަށް 20 މިނެޓް ގެ ހަތަރު ފުރުސަތު ދެ އެވެ. އަދި މައްސަލައާ ގުޅިގެން އެއްވެސް ފަރާތެއް ހާޒިރުކޮށްގެން ކަމެއް ސާފު ކުރާނަމަ ސާފު ކުރުމަށާއި ދެފަރާތް ދެކޭ ގޮތް ހާމަ ކުރަން ފަސް މިނިޓްގެ ހަތަރު ފުރުސަތު ދެ އެވެ.

މި ޑިވިޒަންގައި ސުލްހަވެރި ހައްލެއް ނުހޯދިއްޖެނަމަ ގަވައިދުން ޝަރީއަތް ހިންގާނެ އެވެ، އަދި އެ ގޮތެއް ނިންމުމަށް ކަމާބެހޭ ޑިވިޒަނަށް ފޮނުވާނެ އެވެ. ސުލްހެވެރި ހައްލެއް ނުހޯދިގެން ކަމާބެހޭ ޑިވިޒަނަށް ފޮނުވައިފިނަމަ ހުށަހަޅާތާ 7 ދުވަސްތެރޭގައި އިޖުރާއީ ފިޔަވަޅު އަޅައި މައްސަލަ ބަލާން ފަށަން ޖެހެ އެވެ. އެ ހާލަތުގައި ގާނޫނީ ވަކީލުން ބޭނުން ކުރެވޭނެ އެވެ. އަދި އެހާލަތުގައި ފިޔަވަޅުތައް އަޅަމުން ގެންދިއުމާއެކު އިންސާފުވެރި އަމުރުތައް ލަސްނުކޮށް މުނާސަބު ވަގުތުގައި ނެރެން ޖެހެ އެވެ. މި މައްސަލަތަކުގައި ބާއްވާނީ އެއް އަޑު އެހުމާއި އަނެއް އަޑުއެހުމާ ދެމެދު ގިނަ ވެގެން 10 ދުވަހެވެ. އަދި މި ޑިވިޒަނަށް ހުށަހެޅޭ މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ލަސްނުކޮށް ސުޕްރީމްކޯޓަށް ފޯރުކޮށްދޭން ޖެހެ އެވެ.

ސުޕްރީމްކޯޓުން ބުނީ އަލަށް އެކުލައިވައިލި މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޒަން ގައި ބަލާނީ އެއްމިލިޔަން ރުފިޔާއަށްވުރެ ގިނަ ފައިސާއާ ބެހޭ މައްސަލަތަކާއި އަގުގެ ގޮތުން އެއަށްވުރެ ބޮޑު މުދަލާބެހޭ މައްސަލަތަކާއި ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގެ ޖަދުވަލު އެކެއްގައި ހިމެނޭ މައްސަލަތަކެވެ. އެއީ އެއްބަސްވުމާމެދު ހިލާފު އުފެދުމާއި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާއި މަދަނީ މަސްއޫލިއްޔަތުގެ ދަށުން ބަދަލު ނަގައި ދިނުމާއި މެޑިކަލް ނެގިލިޖެންސް އާއި ރަހުނު ހިމެނޭ ލޯނުގެ މައްސަލަތަކާއި ހަޔާ ޕާޗޭސް، ފައިނޭންސް ލީސީން މައްސަލަތަކާއި އިންޝުއަރެންސާއި ކުންފުނީގެ ގާނޫނީ ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ހައްގު ހޯދުމާއި ގާނޫނަކުން ނުވަތަ ގަވައިދަކުން ސުޕްރީމް ކޯޓްގެ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަތެކެވެ.

ނަމަވެސް ފަސޭހަ ކަމާއެކު އަވަހަށް އާންމުންނަށް އަދުލު އިންސާފު ލިބި ދިނުމަކީ އަސާސީ ހައްގަކަށްވާތީ މައްސަލައެއް ހުށަހަޅާތާ ހަފުތާއެއްގެ ތެރޭގައި ވަކީލުންގެ އެހީއަށް ބޭނުންވާނަމަ އެ ފުރުސަތުދީ މައްސަލަ ނިންމުމަށް އިޖްރާއީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން މިރޭ ބުންޏެވެ. އަދި ބުނީ މި ބާވަތުގެ މައްސަލަތައް ނިންމާނީ ދައުވާގެ ސީޣާގެ ހުދޫދުން ބޭރުނުވެ އިތުރު ހުށަހެޅުމަކަށް ތަން ދިނުމަކާ ނުލަ އެވެ.

ދައުވާ ހުށަހަޅަން ބާއްވާ މަޖިލީހުގައި ޖާވަބުދާރީވާން 10 މިނެޓްގެ ދެ ފުރުސަތު ދެފަރާތަށް ދޭއިރު ހެކިބަސް ނެގުމަށް ނިންމައިފިނަމަ އެކަމަށާއި ހެކިބަސް ވަޒަން ކުރުމަށް ފަސް މިނެޓްގެ ހަތަރު ފުރުސަތު ދޭނެ އެވެ. މި މައްސަލަތައް ވެސް ބާއްވާނީ ދެ އަޑުއެހުން ދެމެދަށް 10 ދުވަހަށްވުރެ މުއްދަތު ދިގުނުވާ ގޮތަށެވެ.  އަދި އެ ހާލަތުގައި ގާނޫނީ ވަކީލުން ބޭނުން ކުރެވޭނެ އެވެ. އަދި އެހާލަތުގައި ފިޔަވަޅުތައް އަޅަމުން ގެންދިއުމާއެކު އިންސާފުވެރި އަމުރުތައް ލަސްނުކޮށް މުނާސަބު ވަގުތުގައި ނެރެން ޖެހެ އެވެ. އަދި އަޅާ ފިޔަވަޅުތައް ސުޕްރީމް ކޯޓަށް އަންގަން ޖެހެ އެވެ.

މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސް ނިޔާގެ މައްސަލަތައް ބަލާ ޑިވިޒަން ގައި ބަލަނީ އެއްމިލިޔަން ރުފިޔާއަށްވުރެ މަދު ފައިސާގެ މައްސަލަތަކާއި އަގުގެ ގޮތުން އެއަޢްވުރެ މަދު މުދަލާއި ބެހޭ މައްސަލަތަކާއި ބެލުން ޝަރުތު ފުރިހަމަވިކަން ސާބިތު ކުރުމާއި އެއާ ހިލާފުވިކަން ކަނޑައެޅުމާއި ވަގުފު ކުރުމާއި ހަޖުރު ކުރުމާއި ބިން ވިއްކުމާއި ބިން ބައި ކުރުމާއި ބިން އައްޔަން ކުރުމާއި ބިން އެއްކުރުމާއި އިމާރާތްތަކުގެ ފަންގިފިލާތައް އައްޔަން ކުރުމާއި ބައި ކުރުމާއި ފަންގިފިލާތައް އެއްކުރުމާއި ލާޖެއްސުމާއި ބިން ބަދަލު ކުރުމާއި މިލްކުވެރިކަން ސާބިތު ކުރުމާއި މިލްކުވެރިކަން ބަދަލު ކުރުމާއި ބިން ނުހިމެނޭ އެއްމެދު މުދާ ބައި ކުރުމާއި އައްޔަން ކުރުމާއި އިން ވަކިކޮށް ދިނުމާއި ކަންމުޑީ އަޅައި ނުދިނުމާއި ގޯތި ގެދޮރުން މީހުނާއި މުދާ ނެރުމާއި އަހުލިއްޔަތު ނުލިބޭ މީހުންގެ ހިމެނޭ މުދާ ރަހުނު ކުރުމާއި އެއްބަސްވުމާ ހިލާފުވުމާއި އަބުރުގެ ގެއްލުމުގެ ބަދަލާއި އހުމާލުގެ ގެއްްލުމުގެ ބަދަލާއި އިހުމާލުވުމާއި ރަހުނު ހިމެނޭ ލޯނާއި ރަހުނު ނުހިމެނޭ ލޯނާއި ކްރިޑިޓް ކާޑާއި ހަޔާޕާޗޭސް، ފައިނޭންސް ލީސިން މައްސަލަތަކާއި އިންޝުއަރެންސާއި ކުންފުނީގެ ގާނޫނީ ޝަހުސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކުންފުނީގެ ޑިރެކްޓަރުންގެ ހައްގު ހޯދުމާއި ކުއްޔަށް ގެންދާ ތަކެތީގެ މައްސަލަ އާއި ބިމާއި އިމާރާތް ކުއްޔަށް ދިނުމާއި މަސައްކަތާއި މުދަލާއި ހިދުމަތުގެ އަގު ހޯދުމާއި ހޮވާ ތަކެއްޗާއި ރުއްގަހު ބަދަލާއި ތުރާފިލުވުމާއި ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމާއި އެއްބަސްވުމާ ހިލާފު އުފެދުމާއި އިހުމާލުގެ ބަދަލު ނަގައި ދިނުމާއި މެޑިކަލް ނެގްލިޖެންސާއި ގާނޫނަކުން ނުވަތަ ގަވައިދަކުން ސުޕްރީމް ކޯޓްގެ ބެލެނިވެރިކަމުގެ އިހްތިސޯސްގެ ދަށުން ކަނޑައަޅާފައިވާ މައްސަލަތަކެވެ.

މި މައްސަލތަކާއި އަވަސް ނިޔާ މައްސަލަތައް ކަމަށް ބަޔާން ކުރާ  މައްސަލަތަކުގެ ތެރެއިން އަވަސްނިޔާ މައްސަލަތައް ފިޔަވައި އެހެން މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހެނީ ސުޕްރީމް ކޯޓްގެ ސާކިއުލާގެ ދެވަނަ ނަމްބަރު ބުނާމައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅާ އިޖޔރާއަތަށެވެ.

އިދާރީ މައްސަލަތައް ބަލާ ޑިވިޒަންގައި ބަލަން ނިންމާފައިވަނީ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އިދާރާއެއް ހިމެނޭ އިދާރީ ތަބީއަތުގެ ދައުވާ ތަކާއި އިދާރީ ކޮންޓްރެކްޓްތަކާއި އިދާރީ ފިޔަވަޅުތަކާބެހޭ މައްސަލައެެވެ. މި މައްސަލަތައްވެސް ބަލާނީ ސާކިއުލާގެ ދެވަނަ ނަމްބަރުގައިގައިވާ އިޖްރާއަތާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ހުކުމް ތަންފީޒު ކުރުމާބެހޭ ޑިވިޒަންގެ އިޖުރާއާތައް ކަނޑައަޅާފައިވާއިރު ސުޕްރީމް ކޯޓާއި ހައިކޯޓާއި ކްރިމިނަލް ކޯޓުން ކުރާ ހުކުމްތައް ނުވަތަ އޭގައި ހިމެނޭ މަދަނީ ބައިތައް ތަންފީޒު ކުރާޏީ ސިވިލް ކޯޓްގެ ހުކުމް ތަންފީޒު ކުރާ ޑިވިޒަނުންނެވެ. ސުޕްރީމް ކޯޓުން ބުނީ މިގޮތަށް ހަމަޖެއްސުމުން ސުޕްރީމް ކޯޓާއި ހައިކޯޓާއި ކްރިމިނަލް ކޯޓް ފިޔަވައި އެކި ސަރަހައްދުތަކުގައި ގާއިމު ކުރާ ދަށުކޯޓްތަކާއި ހައިކޯޓްގެ ގޮފިތަކުން ކުރާ ހުކުމް  ތައް ތަންފީޒު ކުރާނީ އެ ކުމެއް ކުރި ކޯޓަކުންނެވެ.