ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިންކުއަރީ އަށް ޗީފް ޝަމާލް މިއަދު ހާޒިރުވާން އަންގައިފި

Jun 6, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ "ޕާލިމެންޓް އިންކުއަރީ" މައުލޫމާތު ހޯދަން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަަރަލް އަބްދުﷲ ޝަމާލް މިއަދު 241 ކޮމިޓީއަށް ހާޒިރުވާން އަންގައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ކޮމިޓީއަށް ހާޒިރުވާން ޝަމާލް އަންގާފައިވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު އެވެ.

އެމްއެންޑީއެފްގެ ބޭފުޅުންގެ ތެރެއިން ކޮމިޓީއަށް ހާޒިރުވާން މިހާތަނަށް އަންގާފައިވަނީ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ. މި ދެ ބޭފުޅުންގެ އިތުރުން ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ ސިފައިންގެ ބޭފުޅުންގެ ތެރޭގައި 40 އަކަށް ބޭފުޅުން ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މަޖިލީހުގެ އިންކުއަރީއަށް 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް އިއްޔެ ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ކޮމިޓީން ސުވާލުކުރަން ބޭނުންވާ ކޮންމެ ފުލުހަކު ކޮމިޓީއަށް ހާޒިރުވާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.

ޗީފް ޝަމާލް އާއި ވައިސް ޗީފް އަބްދުއްރަހީމް 241 ކޮމިޓީއަށް ހާޒިރުވާން އެންގުމުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވާން މަޖިލީހުން އެންގި ނަމަވެސް އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އިންކުއަރީއަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެ އެވެ.

ގާނޫނުއަސާސީއާއި ސިފައިންގެ ގާނޫނާއި ހަވާލާދީ ޑިފެންސް މިނިސްޓްރީން ބުނީ ސަލާމަތީ ހިދުމަތްތަކުގެ ތެރެއިން ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ބޭނުން ހިފާ ގޮތާ މެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ތެދުވެރި ކަމާއި އިހްލާސްތެރި ކަމާއެކު ޖަވާބުދާރީ ވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ސިފައިން ގާނޫނުގައި ބުނާ ކަމަށެވެ. އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

މީގެއިތުރުން ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިހްތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު ސިފައިންގެ އެންމެ މަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާތީ މަޖިލީހަށް މިނިސްޓަރު ޖަވާބުދާރީވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.

އެކަމަކު ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ހުރި ވާހަކަތަކަކީ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމަށް މަޖިލީހުން ވަނީ ސިފަ ކޮށްފަ އެވެ. ޑިފެންސްގެ ބަޔާނަށް ރައްދުދީ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެވޭނެ ކަމަށެވެ. މަޖިލީހުން އެގޮތަށް ދެކެނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ސުޕްރީމް ކޯޓުން މާޗް 10، 2011 ގައި މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާގައި ބުނެފައިވަނީ ސިފައިންނާއި ފުލުހުންނާއި ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ކަމަށްވީ ނަމަވެސް މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށެވެ.

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރާ މަައްސަލާގައި މަޖިލީހުގެ މެންބަރުންގެ މެދުގައިވެސް ހިޔާލުތަފާތުވުން ތަކެއް އެބަހުއްޓެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގެ ރޫހު ހުރީ ކޮމިޓީން ބޭނުންވާ ކޮންމެ މީހަކު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާ ގޮތަށެވެ.