އެމްއެންޑީއެފް

އަނެއްކާވެސް ކުޑަކުދިންގެ ހިޔާގެ ބައެއް އަނދައިފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ގުދަނެއްގައި ރޯވެއްޖެ އެވެ. މި އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ސިފައިންގޭން ބުނީ ރޯވެފައި ވަނީ ހިޔާގެ ދެވަނަ އިމާރާތުގައި އެއްޗެއްހި ރައްކާ ކުރަން ހަދާފައި ހުރި ގުދަނެއްގައި ކަމަށެވެ. މި ގުދަން ހުންނަނީ އެ އިމާރާތުގެ ޓެރަސްގަ އެވެ. އެތާނގައި ރޯވީ މިއަދު ހެނދުނު 10:46 އެހާކަންހާއިރު އެވެ.

ރޯވި އަލިފާންގަނޑު ވަނީ މާ ގިނައިރު ނުވަނީސް ސިފައިން ގޮސް ނިއްވާލާފަ އެވެ. އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެެއް ނުވެ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ކުޑަކުދިންގެ ހިޔާގައި ކުދިން އުޅެމުން އައި ކޮޓަރިއެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. ތިން ކުދިން ނިދާ އެ ކޮޓަރީގެ ބޮޑުބައި ވަނީ އަނދާފަ އެވެ. އެ ހާދިސާ ހިނގާފައި ވަނީ ކުއްޖަކު ގެންގުޅުނު ލައިޓަރަކުންނެވެ.

ދައުލަތަށް ނަގާފައިވާ ކުދިން ބައިތިއްބާ ހިޔާ އާއި ފިޔަވަތި ފަދަ ތަންތަނުގައި އިހުމާލުގެ ސަބަބުން ބޮޑެތި ހާދިސާތައް ހިނގަ އެވެ. އަދި ގިނަ ހާދިސާތައް ސިއްރު ކޮށްފައި ހުންނަ ކަމުގެ ޝަކުވާތައް އޮވެ އެވެ.