ތަފާތު އަދަބީ މުބާރާތްތަކާއި އެކު އަދަބީ އީދެއް ބާއްވަން ދިވެހި ބަހުގެ އެކަޑެމީ އިން ނިންމައިފި އެވެ.
ދިވެހި ބަހުގެ އެކަޑެމީ އިން ބުނީ އަދަބީ އީދު ބޭއްވުމުގެ ބޭނުމަކީ ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީ ކުރުން ކަމަށެވެ.
އަދަބީ އީދު ހާއްސަ ކޮށްފައިވާނީ މައިގަނޑު ތިން އުމުރު ފުރައަކަށެވެ. އެއީ 10އަހަރާއި 13 އަހަރާ ދެމެދާއި 13 އަހަރާއި 17 އަހަރާ ދެމެދު އަދި 17 އަހަރާއި 20 އަހަރާ ދެމެދެވެ.
އެކަޑެމީ އިން ބުނި ގޮތުގައި އަދަބީ އީދުގައި ކުރިއަށް ގެންދާނީ ބަނދި ކިޔުމުގެ މުބާރާތަކާއި ޅެމާއި އަދި ރައިވަރު ކިޔުމުގެ މުބާރާތެއްގެ އިތުރުން ވާހަކަ ކިޔުމުގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށް ވެސް ގިނަވެގެން ދެ މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
އަދަބީ އީދުގައި ބައިވެރިވެވޭނީ އެކެޑަމީން ހާއްސަކޮށްފައިވާ ގޫގްލް ފޯމެއް ފުރިހަމަ ކޮށްގެންނެވެ. އަދި މުބާރާތަށް ހުށަހަޅާ އަދަބީ އުފެއްދުންތައް ހުށަހަޅާނީ އެ އެކެޑަމީގެ 7986230' ނަންބަރުގެ ޓެލެގުރާމަށެވެ.
ދިވެހި ބަހުގެ އެކަޑެމީ އިން ބުނި ގޮތުގައި އަދަބީ އީދުގައި ބައިވެރިވުމަށް ހުށަހަޅާ އަދަބީ އުފެއްދުންތައް ހުންނަން ވާނީ އެމްޕީ4 ފޯމެޓުގައި ލޭންޑްސްކޭޕް ކޮށެވެ. އަދި ވީޑިއޯ ފޮނުވާއިރު ބައިވެރިއެއްގެ ނަމާއި އެޑްރެހާއި އުމުރުފުރާ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖަހައި މެސެޖެއް ފޮނުވަން ޖެހެއެވެ.
ފުރަތަމަ އުމުރުފުރާގައި ބައިވެރިވާން އެދޭ ފޯމާއި ތަކެތި ހުށަހެޅޭނީ މި މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ. ދެވަނަ އުމުރުފުރާ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިންނެވެ. އަދި ތިން ވަނަ އުމުރުފުރާ އަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ. އެކަޑެމީ އިން ބުނި ގޮތުގައި ފޯމާއި ތަކެތި ބަލައިގަންނާނީ އެއިން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.